Ads by Aqeeqa Maldives

ޚަބަރު

މާފަރު އެއަރޕޯޓާއިއެކު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި، ދިވެހިންނަށް އިޤްތިޞާދީ އިތުރު ފުރުސަތުތައް ފަހިވޭނެ: ވަޒީރު ސަޢީދު

މާފަރު އެއަރޕޯޓާއިއެކު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި، ދިވެހިންނަށް އިޤްތިޞާދީ އިތުރު ފުރުސަތުތައް ފަހިވޭނެ: ވަޒީރު ސަޢީދު

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެމިރޭޓްގެ ބޮއިން 777 މަރުކާގެ ބޯޓެއް ޖައްސާފައި ފޮޓޯ: އެކްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 01:56

22 މޭ 2025، 01:56

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި، ދިވެހިންނަށް އިޤްތިޞާދީ އިތުރު ފުރުސަތުތައް ފަހިވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.


މިދިޔަ އަންގާރަ ދުވަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ވައިޑް ބޮޑީ ފްލައިޓެއް ޖައްސާފައިވެއެވެ. މިއީ އެމިރޭޓްސްގެ ޓެސްޓް ފްލައިޓެކެވެ.


މި ތާރީޚީ ކާމިޔާބާ ގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވަމުން، ވަޒީރު ސަޢީދު ވިދާޅުވީ މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މިކަމުގެ ސަބަބުން މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުން ފަސޭހަވެގެންދާނެ ކަމަށެވެ.



ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވާފައިވެއެވެ. ވަޒީރު އަމީން ވިދާޅުވެފައިވަނީ މާފަރު އެއަރޕޯޓުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަންވޭ 2.8 ކިލޯމީޓަރަށް ބޮޑުކުރުމާއި، ޓެކްސީވޭ ބޮޑުކޮށް އޭޕްރަންގެ މަސައްކަތް ނިންމުން ހިމެނެއެވެ.


މާފަރު އެއަރޕޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވެއެވެ. މިހާރު މި އެއަރޕޯޓަކީ ޕްރައިވެޓު ޖެޓުތަކުގެ ޖެއްސުމަށް މަޤްބޫލު އެއަރޕޯޓެކެވެ. ޚާއްޞަކޮށް ނ، ރ އަދި ބ އަތޮޅުގައި ހުރި މަތީފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ގިނައިން ބޭނުންކުރަނީ މި އެއަރޕޯޓެވެ.



                    

މި ލިޔުން ކިޔާލުމުން

Ads by MSS