ޚަބަރު
ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރުމަށް ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައި ވަނީ، ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން އެ ކުންފުނިތަކުގައި އެދިވަޑައިގެންފައިވާ ކަމުގައެވެ.
1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން. pic.twitter.com/2SsaM6CGOQ
— Dr Mohamed Muizzu (@MMuizzu) May 30, 2025
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެ މަނިކުފާނު ވަނީ އަލަށް ކަނޑައެޅުމަށް ނިންމާފައިވާ ޓެރިފްރޭޓުތައް ވެސް ޙިއްސާކުރައްވާފައެވެ. މި މަޢުލޫމާތުގައި ކުރީގެ ރޭޓުތައް ވެސް ހިމަނުއްވާފައިވެއެވެ.
ކަރަންޓު ތެރިފް ރޭޓުތަކާ ގުޅިގެން ރައީސް ޙިއްސާ ކުރެއްވި މަޢުލޫމާތު:
- ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
- ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
- ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
- ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50
- ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
- ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
- ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83
ޓެރިފް ރޭޓުތަކަށް ބަދަލު ގެނައުމަކީ، ބޮޑު ބިލުތައް ކުޑަކުރުމަށް އޮތް ޙައްލުކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން، މި ޒަމާނާ އެއްގޮތަށް ޓެރިފް ރޭޓުތަކަށް ބަދަލުގެނައުމަކީ ބިލުތައް ކުޑަކޮށްދޭނެ ކަމެއްކަމަށް ގިނަ ބަޔަކު އައީ ދެކެމުންނެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޓެރިފް ރޭޓުތަކަށް ބަދަލު މި ގެންނެވީ، ކަރަންޓު ބިލު ބޮޑު މައްސަލަ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައި އޮތް ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ކުރިން ޓެރިފް ރޭޓުތައް ހުރީ ތިން ބޭންޑަކަށް ބަހާފައެވެ. ނަމަވެސް 2009 ވަނަ އަހަރު މިކަމަށް ބޮޑު ބަދަލެއް ގެނަސް، ހަތް ބޭންޑަކަށް ޓެރިފް ބައިކޮށްފައިވެއެވެ. އޭގެ ފަހުން 2016 އަދި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނައެވެ. އެކަމަކު، ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ކަރަންޓު ބިލު ހަދަނީ، ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ ނިސްބަތަށް ބަލައި، ގޭގޭގައި ޖުމްލަކޮށް އެ މަހެއްގައި ބޭނުންކޮށްފައިވާ ކަރަންޓުގެ ޔުނިޓުގެ ބޭންޑުންނެވެ. އެގޮތުން މަދުން ބޭނުންކުރާ ގޭގެއަށް ބިލު ހަދާނީ ކުޑަ ރޭޓަކުންނެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކުން، ޔުނިޓަކަށް ކަނޑައަޅާ އަގު ވެސް އިތުރުވެއެވެ.