ކޮލަމް

އީދު ހަދިޔާގެ ތެރެއިން އެންމެ ބުރަ މަސައްކަތެއް ކުރަންޖެހެނީ އުޅާލި ހެދުމަށް

އީދު ހަދިޔާގެ ތެރެއިން އެންމެ ބުރަ މަސައްކަތެއް ކުރަންޖެހެނީ އުޅާލި ހެދުމަށް

ތަފާތު ޑިޒައިންތަކަކަށް ހަދާފައިވާ އުޅާލިތަކެއް (މެދުގައި ތެލުލާފައި އިން އުޅާއްޔެއް)، ފޮޓޯ: ފަރުދުން

02 ޖޫން 2025، 08:48

އަލްހާ އީދު ނުވަތަ ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު ގޮތުން ނަމަ، ބޮޑު އީދެއް ފުރިހަމަ ވާނީ ގިނަ ކަންތައްތަކަކާއެކުއެވެ. އޭގެ ތެރޭގައި އީދުގެ ކުރިން ކުރާ ގިނަ ކަންތައްތަކެއް ވެސް ހިމެނެއެވެ. 

އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ މާލޭގައި ކަމުން، އީދަށް ރަށަށް ދިއުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންނޫނީ އީދު އައުމުގެ އަސްލު އިހުސާސް ނުކުރެވޭކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. މީގެއިތުރުން ރަށްރަށުގައި އީދާ ދިމާކޮށް ކުރިޔަށްގެންދާ ފޯރިގަދަ ކުޅިވަރިތަކާއި، ކުލަ ޖެހުމާއި އަދި ސަގާފީ ކަންކަމުން މަހުރޫމްވުމަކީ އީދުގެ އުފަލުން ވެސް މަހުރޫމްވެދާ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އީދު އައުމުގެ ކުރިން ގޭގޭގައި އެންމެ ފޯރީގައި ކުރާކަމަކީ އީދު ހަދިޔާ ހެދުމެވެ. އީދަށް ޙާއްސަކޮށް ހަދާ ކާއެއްޗެހީގެ ތެރޭގައި އުޅާލި، އަތުޖެހި، ކުދި ގުޅަ، ކުޅި ރޮށި، ފޮނި ރޮށި، ތަރަފަނަ، ހަނޑޫމާ ގުޅަ އަދި ތަފާތު ވައްތަރުތަކުގެ ބޮނޑި ހިމެނެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ހާދިޔާގެ ގޮތުގައި ތަފާތު ތަކެތި ހަދަމުން އަންނައިރު، އެކި ހިސާބުތަކުގައި މި ތަކެއްޗަށް ބޭނުންކުރާ ނަން ވެސް ތަފާތެވެ. 

މީގެ ތެރެއިން އުޅާއްޔަކީ މާލޭގެ އުތުރާއި ދެކުނުގައި ވެސް އީދާ ދިމާކޮށް ހަދަމުން އަންނަ ކާއެއްޗެކެވެ. އުޅާއްޔަކީ ތެލުލައިގެން ހަދާ، މަޑު ފޮނިކަމެއް ހުންނަ އެއްޗެކެވެ. އަދި އުޅާލި ތައްޔާރު ކުރުމުގެ މަސައްކަތަކީ ބައެއް މީހުންގެ ހުނަރުވެރިކަން ދައްކުވައިދޭ މަސައްކަތެއް ވެސް މެއެވެ. 

އުޅާލި ހެދުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ހަކުރު، ކާށި ހުނި، ގޮދަން ފުށް، ބިސް އަދި ބަޓަރު ހިމެނެއެވެ. ރަހަ މީރު ކުރުމަށް ބައެއް މީހުން ކާފޫރު ތޮޅި ވެސް ބޭނުންކުރެއެވެ. މި ތަކެތި ބޭނުންކުރާނީ އުޅާލި ހަދަން ބޭނުންވާ މިންވަރަށް ބަލައި، ރަހަތަށް ހެޔޮވާ މިންވަރަށެވެ.

އުޅާލި ހެދުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ ހަކުރާއި ކާށި ހުނި މުގުރުމަށްފަހު ހިމޫންކޮށްލުމެވެ. އެއަށްފަހު ހުންޏާއި، ހަކުރާއި، ފުށާއި ބިސް ބޮޑު ތައްޓެއްގައި ރަގަޅަށް އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ބަޓަރު އެއްކުރުމަށްފަހު، ދެން ފުށް އަޅާ، ރަގަޅަށް މޮޑެލުމުން އުޅާލި ފުށްގަނޑު ތައްޔާރުވީއެވެ.

އެއަށްފަހު އޮންނާނީ އަސްލު މީގެ ބުރަ މަސައްކަތެވެ. އެއީ އުޅާލި ފުށްގަނޑު ފޯލިފޯއްޔަށް ދެމުމެވެ. ބައެއް ރަށްރަށުގައި މިކަން ކުރަނީ ރޮށި ފަތުރާހެން ފެތުރުމަށްފަހު ވަކިވަކި ފައްތަކެއް ކަފާ، އެ ފަށްތަށް އަތުން ވަށްކޮށްގެންނެވެ. އަދި އަނެއްބައި ރަށްރަށުގައި ފުށް ގުޅަ ދެ އަތް ދޭތެރެއަށްލުމަށްފަހު، ދެ އަތް އުނގުޅައިގެން ފޯލިކުރެއެވެ. ކޮންމެ އަކަސް، ބޭނުމަކީ އުޅާލި ފެތުރުމަށް ފޯލި ތައްޔާރު ކުރުމެވެ.

އުޅާލި ހެދުން ބުރަކަމަކަށް ވަނީ، އުޅާލި ފޯލިކޮށް އެ ފައްތަށް އެއްވަރަކަށް ވަށްކޮށް ބެހެއްޓުމަށާއި، ތަފާތު ޑިޒައިންތައް ހެދުމަށް ވަގުތު ހޭދަވާވަރު ގިނަކަމުން. އުޅާލި ހަދާ ދުވަހު މުޅިދުވަސް ހޭދަވާނީ އެ ކަމުގައި.

އުޅާލި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހަކާ ސުވާލުކޮށްލުމުން ބުންޏެވެ.

އުޅާލި ފެތުރުމަކީ މީގެ އެންމެ އުފެއްދުންތެރި ބައެވެ. އުޅާލި ފަތުރަނީ ކެޔޮ ފަތާއި ދުނބުރި ފަތުގެ މަތީގައެވެ. އެކި ސިފަތަކާއި، އަކުރާއި، ތަކެތި ރަމްޒުކޮށްދޭ އުޅާލިތައް ފެންނަނީ، މި މަރުހަލާގައި ހުނަރުވެރިން ތިބޭ މިންވަރަކުންނޭ ވެސް ބުނެވިދާނެއެވެ. އެންމެ އާންމު ގޮތަކީ ވަށްކޮށް އުޅާލި ފެތުރުމެވެ. އެއީ ފުރަތަމަ ކުދި ހަތަރު ބޮޅުން ފެށުމަށްފަހު، އެ ބޮޅުތަކުގެ ވަށައިގެން ދެ ބުރަކަށް އޮޅާ، އޭގެ ވަށައިގެން ކުދި ބޮޅުތަކެއް ޖެހުމަށްފަހު، އަނެއްކާ ވެސް ފުށުގެ ފޯލި އޮޅައިގެން އުޅާލީގެ ބޯޑަރެއް ހެދުމަށްފަހު ތައްޔާރުކޮށްފައި ހުންނަ އުޅާއްޔެވެ. 

އަވަށްޓެރިންނާއި ރަށްޓެހިންގެ އެންމެ ބޮޑު ބޭނުމެއް ޖެހޭނީ ވެސް އުޅާލި ފެތުރުމަށެވެ. އެއީ މިކަމުގައި ހޭދަވާ ވަގުތު މަދުކުރުމަށެވެ. 

އުޅާލި ދެމުމަށްފަހު ދެން އޮންނާނީ އުޅާލި ތެލަށްލުމެވެ. ތެލަށްލާ ނިމުމުން އުޅާލި ކެއުމަށް ތައްޔާރުވީއެވެ. ތައްޔާރު ވިޔަސް، ރަހަބަލާލުމަށް ނޫނީ އީދު އައުމުގެކުރިން މި ތަކެތި ނުކެވޭނެއެވެ. އެހެންކަމުން އީދު ހަދިޔާތައް ޑަބިޔަލާއި ދަޅުތަކަށް އަޅައި ފޮރުވަނީއެވެ. މި ތަކެތި ކެއުމަށް ޑަބިޔާތަކާއި ދަޅުތަކުގެ މަތިތައް ނަގައި، ކެއުމަށް ފުރަތަމަ ނެރޭނީ އީދު ނަމާދުން އައިސް ހެނދުނު ސައިގެ ވަގުތުގައެވެ.

އީދު ދުވަހާއި، އީދުގެ މުނާސަބާއާއި ގުޅިގެން އަންނަ ދުވަސްތަކުގައި ގެޔަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިއުމަށް ވެސް ބޭނުންކުރާނީ އީދު ހަދިޔާއެވެ. މިގޮތުން އުޅާއްޔަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފޮނި އެއްޗެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS