ރިޕޯޓް
ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި އެމްޓީސީސީ ގެ ހަރުދަނާ އަދި މުހިންމު ދައުރު

އެންމެ 28 ދުވަސްތެރޭ ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ 80 ޕަސެންޓް ނިންމި ފޮޓޯ:އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 2024 ވަނަ އަހަރު 26 މަޝްރޫޢެއް ކާމިޔާބުކަމާއެކު ވަނީ ނިންމާފައެވެ. މިކަމުން ޤައުމުގެ އިންފްރާސްޓްރަކްޗަރ އަދި ތަރައްޤީގެ ދާއިރާގައި އެމްޓީސީސީގެ މުހިންމު ދައުރު އިތުރަށް ހަރުދަނާވެގެން ގޮސްފައިވެއެވެ.އެމްޓީސީސީއަކީ ސަރުކާރުން އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އެންމެ މުހިންމު އެއް ހިއްސާދާރެއެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީންވަނީ 189 މަޝްރޫޢެއްގެ މަސައްކަތްކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން 26 މަޝްރޫޢެއްވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
އެމްޓީސީސީއަށް އާމްދަނީ ހޯދާ މައިގަނޑު ހަތަރު ސްޓްރެޓެޖިކް ބިޒްނަސް ޔުނިޓް (އެސްބީޔޫ)އަކީ ޓްރޭޑިން، ބިން ހިއްކުމާއި އިމާރާތްކުރުން، ދަތުރުފަތުރުގެ ނިޒާމު، ރިއަލް އެސްޓޭޓް ވިޔަފާރި އަދި ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ ސެންޓްރަލް އޮޕަރޭޝަންތަކެވެ.
ނިމިގެން ދިޔަ މަޝްރޫޢުތަކުގެ ތެރޭގައި ރަސްމީ ފާލަން ނުވަތަ "ޢިއްޒުއްދީން ފާލަން" އަލުން ތަރައްޤީކުރުން ފަދަ މުހިންމު ޤައުމީ މަޝްރޫޢުތައް ހިމެނެއެވެ. އެމްޓީސީސީއިން ދައްކާދީފައިވަނީ ބޮޑެތި އަދި މުހިންމު މަޝްރޫޢުތައް ވަގުތަށް ނިންމުމުގެ ޤާބިލުކަމާއި ހިންގުންތެރިކަމެވެ.
ރަސްމީ ފަލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަގީންކަން މި ކުންފުނިން ދިވެހި ރައްޔިތުންނަށް އަރުވަން
އެމްޓީސީސީ
މި މަޝްރޫޢުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއ،ި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 11.7 މިލިއަން ރުފިޔާއަށް ޚަރަދުވިކަމަށް އެކުންފުނިން ބުނެއެވެ.

ޢިއްޒުއްދީން ފާލަން" ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަަކަފުޅު ދައްކަވަނީ"
އެމްޓީސީސީ އިން 2024 ވަނަ އަހަރު ނިންމާލާފައިވަނީ ޖުމްލަ 2.157 ބިލިއަން ރުފިޔާގެ އާމްދަނީއާ އެކުގައެވެ. މިއީ 2023 ވަނަ އަހަރުގެ 3.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 32.1 އިންސައްތަ ދަށްއަދަދެކެވެ. އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކޮށްފައިވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން މަސައްކަތުން ލިބުނު އާމްދަނީ ދަށްވުމެވެ. ރިސީވަބަލްސް ނުވަތަ އެ މަސައްކަތަށް ބޭނުންވާ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރު އެމްޓީސީސީން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު އަދި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި މަގު ހެދުމާއި އިމާރާތްކުރުމާއި ފުޓްބޯޅަ ދަނޑުތައް ހެދުމުގެ އިތުރުން ސާވޭ އަދި ކޮންސަލްޓެންސީގެ މަސައްކަތްތައްވެސް އެމްޓީސީސީން މިދިޔަ އަހަރު ކުރިއަށްގެންގޮސްފައިވެއެވެ.
އެމްޓީސީސީ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އެކަނި 151.25 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެއެވެ. މީގެ އިތުރުން، ހަތަރުވަނަ ކުއާޓަރގައި 189 މަޝްރޫޢެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް 2025 ވަނަ އަހަރު ނިމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ޖުމްލަ ގޮތެއްގައި، ކުންފުނީގެ މުޅި މަޝްރޫޢުތަކުގެ ޕޯޓްފޯލިއޯގައި ހިމެނެނީ 14 ބިލިއަން ރުފިޔާއަށްވުރެ މަތީ އަގެއްގެ 365 ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަޝްރޫޢުތަކެވެ. މިއީ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ މަޢުލޫމާތެވެ.
އިމާރާތްކުރުމާއި ފަޅު ކޮނުމުގެ ޑިވިޜަން އަކީ އެމްޓީސީސީގެ އެންމެ ބޮޑު އާމްދަނީ ލިބޭ ދާއިރާގެ ގޮތުގައި ވަނީ ދެމެހެއްޓިފައެވެ. 2023 ވަނަ އަހަރު މި ޑިވިޜަނުން ކުންފުނީގެ އާމްދަނީގެ ގާތްގަނޑަކަށް 86 އިންސައްތަ ހޯދައިދީފައިވެއެވެ. އަދި 2024 ވަނަ އަހަރުވެސް މި ދާއިރާ ކުރިއަރަމުން ގޮސްފައިވެއެވެ.

މާފުށީ ބަނދަރު ހެދުމުގެ މަސައްކަތް
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 6 މަޝްރޫޢެއް އެމްޓީސީސީން ވަނީ މިދިޔަ އަހަރުތެރޭގައި ނިންމާފައެވެ. އެގޮތުން ނ. މާފަރު، ނ. މާފަރުމަޑިވަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާފައެވެ. އަދި ރ. އިންނަމާދޫ، ތ. ވިލުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު އުތުރު ސަރަޙައްދުގެ އިތުރުން ހއ. ހޯރަފުށި އެއަރޕޯޓުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.
އެމްޓީސީސީގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބްރޭންޑްގެ ދަށުން، އަހަރު ތެރޭގައި ހަލުވި ކުރިއެރުމެއް ލިބިފައިވެއެވެ. އެމްޓީސީސީން ވަނީ އާރްޓީއެލް ވެބްސައިޓް މެދުރިކޮށް، ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ކުރާ މުއާމަލާތްތަކުގެ ތަފުސީލު ފެންނާނެ އިންތިޒާމު ހަމަޖައްސާފައެވެ.140 މީހުންގެ ޖާގައިގެ ފެރީއަކާއެކު މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީގެ ދަތުރުތައް ފެށިއެވެ.މުސްތަޤުބަލުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭ ގޮތަށް ޚިދުމަތްތައް ފުޅާކުރުމަށް ވެސް ނިންމާފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިހާރު އާރުޓީއެލް ހިދުމަތް ދެމުން އަންނަނީ ހއ. ހދ. ށ. ނ. ޅ. ގއ. ގދ އަދި ސ. އަތޮޅުގަ އެވެ. އުތުރާއި އެންމެ ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް މިހާރު ވަނީ ގުޅާލާފައެވެ.އެއީ އަލްޝާލީގެ 10 އަދި ގަލްފް ކްރާފްޓުގެ 17 ލޯންޗުންނެވެ.އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ފާއިތުވީ މެއި މަހު 18 ގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގެ ދަށުން ދޭ 100 މިލިއަން ރުފިޔާއަށް ބަންނަން ނިންމާފައިވާނީ 12 ފެރީ އެވެ.ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ސަރުކާރުން އަންނަނީ އަންނަ މަހު ރ. އަތޮޅުގައި އަދި ޖެހިގެން އަންނަ ޖޫން މަހު ބ. އަތޮޅުގައި އާރުޓީއެލް ފެށުމަށް ތައްޔާރުވަމުންނެވެ.އެކަމަށް ބޭނުންވާ ފެރީތައް އަލްޝާލީ އަދި ގަލްފް ކްރާފްޓުން މިހާރު އަންނަނީ ބަންނަމުންނެވެ.ޒޯނު ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ. އަދި ޒޯނު ފަހެއްގައި ހިމެނޭ މާލެ އަތޮޅާއި އއ، އދ، އަދި ވ. އަތޮޅުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ޕްރޮޖެކްޓު ނިމޭއިރު 80 ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ އެވެ.
ކުންފުނިން އައު ފެރީ ރޫޓުތައް ތަޢާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި ނޫނު އަތޮޅު (ޒޯން 2) ގައި ޚިދުމަތް ފަށައި، 14 ރަށެއް ގުޅުވާޅުން ހިމެނެއެވެ. އެއްގަމު ދަތުރުފަތުރުގެ ވިއުގަވެސް ކުރިއަރާފައިވެއެވެ. ވިލިމާލެ އަދި ހުޅުމާލޭގައި ޚިދުމަތް ފުޅާވެ، ޑިޖިޓަލް ފެއަރ ނިޒާމު ހަރުދަނާވެ، އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުތަކަށް ޚިދުމަތް ތަޢާރަފުކޮށްފައިވެއެވެ. ޢާންމު ދަތުރުފަތުރުގެ ޚިދުމަތަށް ބޮޑު ޑިމާންޑެއް ލިބި، ޖުމްލަ 16 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. މީގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދުގައި އެކަނި 8.4 މިލިއަން ޕަސިންޖަރުން ބަހުގައި ދަތުރުކުރުން ހިމެނެއެވެ.
އުޅަނދު ބަނުމާއި މަރާމާތުކުރުމުގެ ދާއިރާގައި، އެމްޓީސީސީ އިން 2024 ވަނަ އަހަރު 181 އުޅަނދު ޑްރައިޑޮކްކޮށް، 2,100 އަށްވުރެ ގިނަ ޓެކްނިކަލް ސަރވިސް މަސައްކަތް ކޮށްފައިވެއެވެ. މީގެ ތެރެއިން 74 އިންސައްތައަކީ ކުންފުނީގެ އަމިއްލަ އުޅަނދުފަހަރަށް ކޮށްފައިވާ މަސައްކަތްތަކެވެ. މި ޑިވިޜަނުން އަދި ދިވެހިރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑެތި ކަނޑުގެ ސަލްވޭޖް އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަން ކުރިއަށް ގެންގޮސް، ށ. ކޮމަންޑޫ ކައިރިން 3,000 ޓަނުގެ "ކެތި ބާޖު" ސަލާމަތްކޮށް ކުންފުނީގެ ޓެކްނިކަލް ޤާބިލުކަމާއި އޮޕަރޭޝަނަލް ތައްޔާރީ ދައްކުވައިދިނެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުނަށް ވެފައިވާ ވައުދުފުޅާ އެއްގޮތައް އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އެމްޓީސީސީއާއި ހަވާލު ކުރެވިފައި ހުރި މަސައްކަތް މި ޑޭޓުގައި މި ޓައިމްލައިން ތެެރޭގައި ނިންމުމަށްޓަކައި ކުންފުނީގެ ހުރިހާ މުވައްޒަފުން ރެޔާއި ދުވާލު ދަނީ މަސައްކަތް ކުރަމުން
އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ
މާލީ އަދި ލޮޖިސްޓިކަލް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެމްޓީސީސީ އިން އާމްދަނީ ލިބޭ ދާއިރާތައް އިތުރަށް ފުޅާކޮށްފައިވެއެވެ. މީގެ ތެރޭގައި ރިސޯޓު ހިއްކުމާއި އަމިއްލަ ފަރާތްތަކުގެ ކޮންޓްރެކްޓިންގ ދާއިރާއަށް ވަނުން ހިމެނެއެވެ. އަދި 2025 ވަނަ އަހަރު ގްރޭޓަރ މާލެ ސަރަޙައްދުގައި އައު ޓެކްސީ ޚިދުމަތެއް ތަޢާރަފުކުރުމަށް ރޭވިފައިވެއެވެ. 4,500 އަށްވުރެ ގިނަ މުވައްޒަފުންނާއި އެތައް އަހަރެއްގެ ތަޖުރިބާއާއެކު، އެމްޓީސީސީ ކުރިއަރާފައި ވަނީ ހަމައެކަނި ކޮންޓްރެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި އިސްދައުރެއް އަަދާކޮށް މަޤާމު ވަނީ ޤާއިމުކޮށްފައެވެ.
ކުންފުނިން 2025 ވަނަ އަހަރު އެމްޓީސީސީ ޓަވަރުގެ މަޝްހޫރު އިމާރާތް ނިންމުމަށް ތައްޔާރުވަމުންދާއިރު، ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ރާވަމުންދެއެވެ. އެމްޓީސީސީގެ މިސްރާބު މިހާރު ހުރީ ކުރިއަށްދާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމުމަށެވެ. އެމްޓީސީސީ އިން އައު އީޖާދުތަކާއި، ޤައުމީ ޚިދުމަތާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ތަރައްޤީއަށް އަބަދުވެސް އިސްކަންދެއެވެ. ސަރުކާރުގެ ރޭވުންތެރިކަމާއި އެއްބާރުލުމާއި އެހީތެރިކަމާއި ހަރުދަނާ ލީޑަރޝިޕާއެކު، ކުންފުނިން ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ބޮޑެތި ކާމިޔާބީތަކާއި ދިމާލަށް ދަނީ ދަތުރުކުރަމުންނެވެ.