ޚަބަރު
ކަރަންޓު ބިލަށް އައި ބަދަލު ފެންނާނީ ރަމަޟާން ޑިސްކައުންޓުގެ ކުރީގެ ބިލަކާ އަޅާކިޔާލުމުން: ސްޓެލްކޯ

ކަރަންޓު ބިލު ތައްޔާރުކުރާއިރު ޓެރިފް ރޭޓު ހަދަނީ ބޭނުންކޮށްފައިވާ މިންވަރަށް ބަލައިގެން ---
އައު ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައި ހެޔޮ ބަދަލު ރަގަޅަށް ބަލާލެވޭނީ ރަމަޟާން މަހުގެ ޑިސްކައުންޓު ނުހިމެނޭ ބިލަކާ އަޅާކިޔާލުމުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމަށް، ސްޓެލްކޯ އާއި ފެނަކައިން ކަރަންޓު ބިލުގެ ޓެރިފް ރޭޓުތަކަށް މެއި މަހުން ފެށިގެން ބަދަލު ގެނަސްފައިވާއިރު، ބައެއް ފަރާތްތަކުން އެންމެ ފަހުގެ ބިލާއި އަޅާ ކިޔަނީ އެޕްރީލް މަހުގެ ބިލެވެ. އަދި އެ ބިލަށް ވުރެ މެއި މަހުގެ ބިލު ބޮޑުވުމުން، އެކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން އަންނަނީ ކުރަމުންނެވެ.
ނަމަވެސް އެންމެ ފަހުން ފޮނުވާފައިވާ ދެ ބިލަކީ ވެސް ރަމަޟާން މަހާ ގުޅިގެން ދިން ޑިސްކައުންޓު ހިމެނޭ ދެ ބިލެވެ. ސްޓެލްކޯއިން ވަނީ މިދިޔަ ރަމަޟާންމަހުގެ ބިލުން ޑިސްކައުންޓް ދިނުމުގެ ގޮތުން މާރިޗު މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އޭޕްރީލް މަހުގެ ކަރަންޓު ބިލަށްވެސް ޑިސްކައުންޓު ދީފައެވެ.
އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓު ދިނީ އެ މަހުގައި ހޫނު ގަދަވެ ކަރަންޓު ބިލުތައް ބޮޑުވާނެތީކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. އަދި ދެ ބިލުގައި ކަރަންޓު ބޭނުންކުރެވުނު އަދަދު ތަފާތުވިޔަސް، އެއް އަދަދެއް ބިލަށް އަރާފައިވަނީ ދެ މަހުވެސް ޑިސްކައުންޓު ދީފައިވުމުންނެވެ.
އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ. އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު… pic.twitter.com/ujjgzhqRwC
— STELCO (@STELCOMALDIVES) June 3, 2025
އެހެންކަމުން އައު ޓެރިފް ރޭޓާއެކު އައި ބަދަލު ރަގަޅަށް ފެންނާނީ މާރިޗު މަހުގެ ކުރީގެ ބިލަކާ އަޅާކިޔާލުމުންނެވެ.
އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ.
ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ އެކަން އިޢުލާން ކުރެއްވީ މެއި މަހުގެ 30 ވަނަ ދުވަހެވެ. ނަމަވެސް ސްޓެލްކޯ އާއި ފެނަކައިން ވަނީ މެއި މަހުގެ ބިލުން ފެށިގެން އައު ޓެރިފް ރޭޓަށް ބިލު ހެދުމަށް ނިންމާފައެވެ. އެހެންކަމުން އެންމެ ފަހުން ގޭބިސީތަކަށް ފޮނުވި ބިލުތައް ހުރީ އައު ޓެރިފް ރޭޓުގައެވެ.
ކަރަންޓުގެ ޓެރިފް ރޭޓަށް ގެނެވުނު ބަދަލުތައް:
- ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50ރ. - އާ ރޭޓް: 1.25ރ.
- ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70ރ. - އާ ރޭޓް 1.50ރ.
- ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15ރ. - އާ ރޭޓް 1.50ރ.
- ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50ރ. - އާ ރޭޓް 1.50ރ.
- ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95ރ. - އާ ރޭޓް 2.66ރ.
- ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55ރ. - އާ ރޭޓް 3.20ރ.
- ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25ރ. - އާ ރޭޓް: 3.83ރ.
ކަރަންޓު ބިލު ހަދަނީ، ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ ނިސްބަތަށް ބަލައި، ގޭގޭގައި ޖުމްލަކޮށް އެ މަހެއްގައި ބޭނުންކޮށްފައިވާ ކަރަންޓުގެ ޔުނިޓުގެ ބޭންޑުންނެވެ. އެގޮތުން މަދުން ބޭނުންކުރާ ގޭގެއަށް ބިލު ހަދާނީ ކުޑަ ރޭޓަކުންނެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކުން، ޔުނިޓަކަށް ކަނޑައަޅާ އަގު ވެސް އިތުރުވެއެވެ.