ދީން / ކޮލަމް
ނަމިރާ މިސްކިތް: ޢަރަފާތު ބިމުގައިވާ ފުރިހަމަ ބިނާއެއް

ނަމިރާ މިސްކިތް/ފޮޓޯ: އިންޓަރނެޓް
ހުލާސާ
ނަމިރާ މިސްކިތަކީ ޢަރަފާތު ބިމުގައިވާ ވަރަށް ފުރިހަމަ ބިނާއެކެވެ. މި މިސްކިތަކީ މައްކާ ސަރަޙައްދުގައި އޮންނަ ދެވަނަ އަށް އެންމެ ބޮޑު މިސްކިތެވެ.
މި މިސްކިތަކީ ޢަރަފާތުގައި ހުންނަ މިސްކިތެކެވެ. ނަމަވެސް، މި މިސްކިތުގެ ބައެއް ޢަރަފާތުން ބޭރުގައި ހުރި ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި މިސްކިތުގައި ހުންނެވި ހިސާބަކީ ނަމިރާ މިސްކިތުގެ ޢަރަފާތުގެ ތެރޭގައިވާ ހިސާބެވެ. އެގޮތުން، ރަސޫލާ ޢަރަފާތަށް ވަދެވަޑައިގެން އެކަލޭގެފާނު ވަޑައިގަތީ ވާދިޢް ޢުރަނާ ކިޔާ ހިސާބަކަށެވެ. އެތާނގައި އެކަލޭގެފާނު ޢަރަފާތު ދުވަހުގައި މަޑުކުރެއްވި އެވެ.
މީގެ އިތުރުން ރަސޫލާ ވަނީ، ޢަރަފާތު ދުވަހުގެ މެންދުރުވުމާއެކު ވާދިޢް ޢުރަނާ ތެރޭގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢުކުރެއްވާފައެވެ. އަދި އެކަލޭފެފާނު ވަނީ މި މާތް ޢަރަފާތު ދުވަހުގެ ޙައްޖަތުލް ވަދާޢުގެ ޚުޠުބާ މި ވާދީގެ ތެރޭގައި ދެއްވާފައެވެ. ނަމިރާ މިސްކިތް މިހާރު ބިނާކުރެވިފައި އެވަނީ އެތާނގައެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ޙައްޖުވެރިން ނަމިރާ މިސްކިތުގައި ކޮންމެހެން ވެސް ނަމާދުކުރަން ޖެހޭތޯ ބައެއް ޙައްޖުވެރިން ސުވާލު އުފައްދައެވެ. ނަމަވެސް، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. އަދި މި މިސްކިތަކީ، ރަސޫލާ ޙައްޖަތުލް ވަދާޢުގެ ޚުޠުބާ ދެއްވި ސަރަޙައްދަށް ވީ ނަމަވެސް މިތަނަށް ޒިޔާރަތްކުރުމަކީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ހަމަ އެހެންމެ، ޢަރަފާތު ބިމުގައި ޙައްޖުވެރިން ތިބޭ ޓެންޓުތައް ދޫކޮށް، ނަމިރާ މިސްކިތާއި އެ ސަރަޙައްދުގައި ހިމެނޭ އެހެން ތަންތަނަށް ދިޔުމުން މި ދުވަހުގައި ދުޢާކޮށް ހެދުމަށް ލިބޭ މަދު ވަޤުތުކޮޅު ގެއްލިގެން ދެއެވެ.
އެހެންކަމުން، ޢަރަފާތު ދުވަހުގައި ލިބޭ ކޮންމެ ސިކުންތުކޮޅަކީ ވެސް ވަރަށް އަގުބޮޑު ސިކުންތަކަށް ވީއިރު، ޙައްޖުވެރިން ޓެންޓުތަކުން ދުރަށް ގޮސް އެހެން ކަންކަމުގައި އުޅުމުގެ ސަބަބުން ޙައްޖު މަކްރޫހަވުމަކީ އެކަށީގެންވާ ކަމެކެވެ.