ރިޕޯޓް

އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައި އޮތް ކަރަންޓު ޓެރިފާއި، "ފަސްޓް ހޯމް" އާއެކު އުންމީދީ ހަފްތާއެއް

އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައި އޮތް ކަރަންޓު ޓެރިފާއި، "ފަސްޓް ހޯމް" އާއެކު އުންމީދީ ހަފްތާއެއް

އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައި އޮތް ކަރަންޓު ޓެރިފާއި، "ފަސްޓް ހޯމް" އާއެކު އުންމީދީ ހަފްތާއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 05:10

06 ޖޫން 2025، 05:10

ވޭތުވެދިޔަ ހަފްތާގައި ދިވެހިރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޤައުމީ އުމްރާނީ ތަރައްޤީގެ ދާއިރާތަކުން ގިނަ މުހިންމު ކަންތައްތަކެއް ފާހަގަކުރެވުނެވެ. މި ހަފްތާ ފެށުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބިކަނބަލުންނާއެކު ޙައްޖަށް ވަޑައިގަތުމުގެ ކުރިން  ރައީސުލްޖުމްހޫރިއްޔާ ދެއްވި މުހިންމު އަދި އުފާވެރި ޚަބަރުތަކަކާ އެކުގައެވެ. ފުރައި ވަޑައިގަތުމުގެ ކުރިން، ރައީސް  ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަރުކާރުގެ މުހިންމު ނިންމުންތަކެއް ހާމަކުރެއްވިއެވެ.

 މީގެ ތެރޭގައި "ފަސްޓް ހޯމް" ގެދޮރުވެރިކަމުގެ ގެރެންޓީ ތަޢާރަފުކުރެއްވުން ހިމެނެއެވެ. މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.އެގޮތުން، އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިރިއުޅުމުގެ އަގު ތިރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޖޫން 1 އިން ފެށިގެން ކަރަންޓު ޓެރިފް ތިރިކުރެވުނު ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. އައު ބަދަލުތަކުގައި 400 ޔުނިޓަށްވުރެ ގިނައިން ބޭނުންކުރާ ގޭބިސީތަކަށް %10 އަގު ތިރިކުރެވި، 100 އާއި 400 ޔުނިޓާ ދެމެދު ބޭނުންކުރާ ފަރާތްތަކަށް 1.50 ލާރީގެ ފްލެޓް ރޭޓެއް ކަނޑައެޅި، އަދި 100 ޔުނިޓަށްވުރެ ދަށުން ބޭނުންކުރާ ފަރާތްތަކަށް 25 ލާރީގެ ޑިސްކައުންޓެއް ދެވޭނެއެވެ. 

މީ ރާއްޖޭގެ ތާރީޚުގައި އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު، މި ކަހަލަށް ކަމެއް ކުރި. މިކަން އަޅުގަނޑު މި ކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝަންސީ ނޫނީ، ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖުކުރުމުގައި ހުރި މައްސަލަތަކެއްގެ ބަރޑަން، ރައްޔިތުން ނަގާކަށް. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން

ރައީސުލްޖުމްހޫރިއްޔާ

މީގެ އިތުރުން، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އާސަންދައިން މިހާރު ލޮލުގެ އައިނަށް 2،000 ރުފިޔާ ދޭނެ ކަމަށާއި، އަދި އެކަމާ ގުޅުންހުރި ޚިދުމަތްތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ޚިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ. އަދި މާލެސިޓީ ހޮސްޕިޓާތައްވެސް ފެންވަރު ރަނގަޅުކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މައްކާގައި ތިއްބެވި ދިވެހި ޙާޖީންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވިއެވެ. އަދި ޙާޖީންނަށް ބޭނުންވާ ބޭސްތައް ހިލޭ ލިބޭނެ ގޮތް ހަމަޖެއްސެވިއެވެ.  މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށުނެވެ. މި ދައުރުގައި، ކޮމިޓީން ސުޕްރީމް ކޯޓަށް އައު ފަނޑިޔާރުން ޢައްޔަންކުރުމަށް ހުށަހެޅުނު ނަންތައް ފާސްކުރިއެވެ.

ޑިޕްލޮމެޓިކް ގޮތުން ފާހަގަކޮށްލެވޭ ކަމަކީ މާލޭގައި އޮސްޓްރޭލިއާގެ އެމްބަސީ ހުޅުވުމެވެ. މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރ ރިޗަރޑް މާލްސް ބައިވެރިވެވަޑައިގެން، ދިފާޢީ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއަށް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރައްވާނެ ކަމަށް އިޢުލާންކުރެއްވިއެވެ.

މީގެއިތުރުން ރާއްޖޭގައި އޮސްޓްރޭލިއާގެ އެމްބަސީއެއްވެސް ނިމުނު ހަފްތާތެރޭގައި ވަނީ ހުޅުވާފައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މި ދަތުރުފުޅުގެ ތެރެއިންވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާ ކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ސެޕްޓެމްބަރު 2025ގައި ފަށާ އ.ދ.ގެ 80ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވިއެވެ. އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު، މިފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީއަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސްދެއްވިއެވެ.

އިޤްތިޞާދީ ގޮތުން، ރައީސް މުޢިއްޒު ދެ އައު ސަރުކާރު ކުންފުނި އުފެއްދެވި ކަމަށް އިޢުލާންކުރެއްވިއެވެ. ފުރަތަމަ ކުންފުންޏަކީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް އެވެ.މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.

ދެވަނަ ކުންފުންޏަކީ ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް އެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.

މީގެ އިތުރުން، ސަރުކާރުން ބިންވެރިޔާ ހައުސިންގ ސްކީމްގެ ދަށުން ގުޅިފަޅުން 3،557 ގޯތި ދޫކުރުމަށް ގުރުއަތުލުމެއް ބޭއްވިއެވެ.  އަދި ވިލިމާލޭގައި 112 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއްގެ ތަފްޞީލީ ޑިޒައިން ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖްއެއްގައި ސޮއިކުރެވުނެވެ. މި މަޝްރޫޢަކީ ޗައިނާއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގެ މަޤްޞަދަކީ އެ ރަށުގެ ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމެވެ.

އެހެނިހެން މުހިންމު ޚަބަރުތަކުގެ ތެރޭގައި، މުޅި ގްރޭޓަރ މާލެ ސަރަޙައްދުން ކަރަންޓު ކެނޑުމުގެ ޙާދިސާއެއް ކުރިމަތިވިއެވެ.  ސްޓެލްކޯއިން ކަށަވަރުކޮށްދިނީ މިކަން ދިމާވީ ކަރަންޓު ވިއުގައިގެ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މި ހަފްތާގައި ފާހަގަކުރެވުނީ ދުރު މުސްތަޤުބަލަށް އަމާޒުކޮށްފައިވާ އުއްމީދީ މަޝްރޫޢުތަކާއި، އަވަސް ޙައްލު ބޭނުންވާ އުމްރާނީ ގޮންޖެހުންތަކެވެ. ގެދޮރުވެރިކަމާއި، ހަކަތައާއި، ޞިއްޙަތާއި، އަދި ޚާރިޖީ ގުޅުންތައް އިސްކަންދެވޭ ދާއިރާތަކަކަށްވެފައިވާއިރު، ސަރުކާރުން ކުރިއަށްގެންދަނީ ދިވެހިރާއްޖެ އިންސާފުވެރި، ދެމެހެއްޓެނިވި، އަދި ބައިނަލްއަޤްވާމީ ގޮތުން ގުޅުން ބަދަހި ޤައުމަކަށް ބަދަލުކުރުމުގެލަނޑުދަނޑިއަށް ވާޞިލުވުމުގެ މަސައްކަތެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS