ޚަބަރު
ލާމު ޕަރީފެންގަނޑުގައި ޚާއްޞަ ވިއުއިން ޕްލެޓްފޯމެއް ޤާއިމުކުރަނީ
އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް ޕަރީފެންގަނޑަށް ޒިޔާރަތްކުރެއްވުން -/އެންވަޔަރްމެންޓް މިނިސްޓްރީ
ހުލާސާ
ހިލޭ އެހީ ހަވާލުކުރުމަށް އިއްޔެ ލ. ފޮނަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި، ޕަރީފެންގަނޑުގެ އިތުރުން ލ. އަތޮޅުގެ އިތުރު ދެ ރަށެއްގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދު ތަރައްޤީކުރުމަށްވެސް އެހީ ހަވާލުކުރެވުނު
ލ. ގަމުގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއް ކަމުގައިވާ ބޮޑަ ފެންގަނޑު (ޕަރީފެންގަނޑު) ބެލުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައި، މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީތެރިކަން ޖަމްޢިއްޔާއަކާ ހަވާލުކޮށްފިއެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އަލްފާޟިލް އިބްރާހިމް ތާރިޤް، ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ޕަރީފެންގަނޑަށް ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ޙިމާޔަތްކުރެވިފައިވާ މި ސަރަހައްދުގައި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ ދަށުން ޚާއްޞަ ޕްލެޓްފޯމެއް އެޅުމަށް ބޭނުންވާ ހިލޭ އެހީ، އެ ރަށުގެ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް ހަމަޖައްސައިދެވިފައިވާ ކަމަށެވެ.
މި ހިލޭ އެހީ ހަވާލުކުރުމަށް އިއްޔެ ލ. ފޮނަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި، ޕަރީފެންގަނޑުގެ އިތުރުން ލ. އަތޮޅުގެ އިތުރު ދެ ރަށެއްގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދު ތަރައްޤީކުރުމަށްވެސް އެހީ ހަވާލުކުރެވުނެވެ. މިގޮތުން މާބައިދޫގައި ހިމާޔަތްކުރެވިފައިވާ ކޯރު ސަރަހައްދާއި ހިތަދޫ ކުޅި ސަރަހައްދު ހިމެނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ދޫކުރެވުނު ހިލޭ އެހީގެ ދަށުން މިއިން ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާ ދެވިފައިވެއެވެ. މި ފައިސާ ބޭނުންކުރެވޭނީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް އެކުލަވާލެވިފައިވާ މެނޭޖްމަންޓް ޕްލޭން ތަންފީޛުކުރުމަށް ކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.
ހިލޭ އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އެހީތަކަކީ މި ސަރަހައްދުތަކުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު ފުރުޞަތެކެވެ. އަދި މި އެހީތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރެވިއްޖެނަމަ، މިފަދަ އިތުރު އެހީތަކާއި މަޝްރޫޢުތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.