ޚަބަރު
ޔުގާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޔުގާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ޚާރިޖީ ވުޒާރާ
ޔުގާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޕްރޮފެސަރ ޖޮއިސް ކަކުރަމަޓްސީ ކިކަފުންޑާ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި އިޙްތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޔުގާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޔުގާންޑާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، އެފްރިކާގެ ޤައުމުތަކާއެކު އެއްބާރުލުން އިތުރުކުރުމަކީ ދިވެހިރާއްޖެއިން ނުހަނު ބޭނުންވާކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ސައުތު-ސައުތު ކޯޕަރޭޝަންގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ހައި ކޮމިޝަނަރ ޕްރޮފެސަރ ކިކަފުންޑާ ގެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި ޔުގާންޑާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހީބް، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ، އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު ލަޔާނާ އިޙުސާން ބައިވެރިވެވަޑައިގަތެވެ.