ދުނިޔެ

އިންތިޚާބަށް ކުޑަދުވަސްކޮޅެއް: އިންޑިއާގެ މަހާރާޝްތުރާގެ މުސްލިމް ސިޔާސީ ލީޑަރަކު މަރާލައިފި!

އިންތިޚާބަށް ކުޑަދުވަސްކޮޅެއް: އިންޑިއާގެ މަހާރާޝްތުރާގެ މުސްލިމް ސިޔާސީ ލީޑަރަކު މަރާލައިފި!

ބާބާ ސިއްދީޤް ސަލްމާން ޚާން އާއި އެކު މަގުމަތީގައި ސިޔާސީ ރެލީއެއްގައި. ފޮޓޯ:އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2024، 07:45

13 އޮކްޓޯބަރު 2024، 07:45

އިންޑިއާގެ ސްޓޭޓް އިންތިޚާބަށް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް އިންޑިއާގެ މަހާރާޝްތުރާގެ މުސްލިމް ސިޔާސީ ލީޑަރަކު މަރާލައިފިއެވެ. 

މަހާރާޝްތުރާ ސްޓޭޓްގެ ތިން ފަހަރެއްގެ މަތިން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ކުރީގެ މިނިސްޓަރު ބާބާ ސިއްދީޤް، ގަޔަށް ބަޑިޖަހައި މަރާލައިފައިވަނީ އިންޑިއާގެ ވިޔަފާރީގެ މައިސިޓީ ކަމަށްވާ މުމްބާއީގެ މަގެއްގެ މަތީގައެވެ. 

ބާބާ ސިއްދީޤް ގަޔަށް އެތައް ފަހަރެއްގެ މަތިން ބަޑިޖަހައިފައިވަނީ އޭނޭގެ ދަރިއެއްގެ އޮފީހެއްގެ ބޭރުގައި ހުއްޓައި ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. 

ބާބާ ސިއްދީޤް ނިޔާވެފައިވަނީ ބަޑީގެ ހަމަލާތަކަށްފަހު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާހޯދަމުން ދަނިކޮށެވެ. 

ބާބާ ސިއްދީޤަކީ ދިގު ޒަމާންތަކެއް ވަންދެން އިދިކޮޅު މައި ކޮންގްރެސް ޕާޓީގައި މަސައްކަތް ތަކެއް ކުރައްވައިފައިވާ ސިޔާސީ ލީޑަރެކެވެ. 

ނަމަވެސް ދާދި ފަހުން އެނާ ވަނީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ) އާއި ގުޅިވަޑައިގެންފަ އެވެ. 

މަހާރާޝްތުރާގެ ސްޓޭޓް އެސެމްބްލީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ބެލެވެ އެވެ.

ބާބާ ސިއްދީޤް ގަޔަށް ބަޑިޖެހި މިހާދިސާ ހިނގާފައި މިވަނީ އޭނާއަށް މަރުގެ އިންޒާރުތަކެއް ލިބެމުންދާ ކަމުގެ ރިޕޯޓާއި އެކު އޭނާގެ ސެކިޔުރިޓީ އަޕްގްރޭޑް ކުރިތާ ދެތިން ހަފްތާ ފަހުންނެވެ. 

އިންޑިއާގެ ބައެއް މީޑިއާ ތަކުން ބުނެފައިވަނީ މިހަމަލާދިން މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާ ފުލުހުން ދަނީ މިމައްސަލައިގައި ޝާމިލްވާ އެހެންމީހުންވެސް ހޯދަމުން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. 

އިންޑިއާގެ އެންޑީޓީވީ އިން ބުނެފައިވަނީ ހައްޔަރުކުރި ދެމީހުންނަކީ އެތައް ބަޔަކު މަރާލާފައިވާ ގޭންގެއް ހިންގި ކަމުގެ ތުހުމަތުގައި ޖަލުގައި ހުރި ލޯރެންސް ބިޝްނޯއީ ހިންގާ ގޭންގުގެ ބައެއް ކަމަށެވެ. 

ބާބާ ސިއްދީޤަކީ އިންޑިއާގެ ބޮލީވުޑްގެ ބައެއް ބޮޑެތި ފިލްމުކުޅޭ މީހުންނާއި ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ. 

ސިއްދީޤު ނިސްބަތްވާ އެންސީޕީ ގްރޫޕްގެ އިސްވެރިޔާ މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ވިދާޅުވީ ސިއްދީޤް މަރާލި ޚަބަރު އަޑުއިވުމާއި އެކު ޝޮކެއް ލިބިފައިވާކަމަށެވެ. 

 “މިހާދިސާ ފުރިހަމައަށް ތަހުޤީޤުކޮށް ހަމަލާދިން މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ. މި ހަމަލާގެ މާސްޓަރމައިންޑް ވެސް ހޯދިގެންދާނެ،” ހަމަލާއާއި ބެހޭ ގޮތުން ޕަވާރު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން