ޚަބަރު
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ އައު ސަފީރުގެ މަޤާމަށް އާއިޝަތު އަޒީމާ ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ސަފީރު އައިޝަތު އަޒީމާ، ޗައިނާގެ ޚާރިޖިއްޔާ މިނިސްޓްރީގެ އޭޝިއާ ކަންތައްތަކާބެހޭ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ލިއު ޖިންސޮންގ ފޮޓޯ:އިންޑިއާމޯލްޑިވްސް އެކްސް
ހުލާސާ
އާއިޝަތު އަޒީމާއަކީ 2019 އިން 2023 އަށް ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބުގެ ދައުރު ނިމުމަކާ ކައިރިވެފައިވާތީ، އެ މަޤާމަށް އައު ސަފީރެއް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަޤާމަށް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވަނީ މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އާއިޝަތު އަޒީމާއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި މ. ވިއެނާފުށި، އާއިޝަތު އަޒީމާގެ ނަން ހުށަހެޅުމާ ގުޅިގެން، އެ ނަން ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
އާއިޝަތު އަޒީމާއަކީ 2019 އިން 2023 އަށް ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ.
ފޮރިން ސަރވިސް ޤާނޫނުގައިވާ ގޮތުން، ސަފީރުކަމުގެ މަޤާމުގައި ބޭފުޅަކަށް ހުންނެވޭނީ ތިން އަހަރުގެ މުއްދަތަށެވެ. މިހާރު އިންޑިއާގެ ސަފީރުކަމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ތިން އަހަރުގެ މުއްދަތު ވަނީ ހަމަވެފައެވެ. ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.
އިބްރާހިމް ޝަހީބު މީގެ ކުރިން އަދާކުރައްވާފައިވާ މުހިންމު ބައެއް މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.