ޚަބަރު
ސައޫދީ އަރަބިއްޔާގެ ސަފީރުކަމަށް އަޙްމަދު ސަރީރު
އަޙްމަދު ސަރީރު
ދިވެހިރާއްޖެއިން ސައޫދީ އަރަބިއްޔާއަށް އައްޔަންކުރާ އައު ސަފީރުގެ މަޤާމަށް، ކުރީގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުށަހަޅުއްވާފައެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، މި މައްސަލަ ދިރާސާކުރެއްވުމަށް ވަނީ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.
މިހާތަނަށް ސަރީރު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ.
އޭގެ ކުރިން އޭނާ ހުންނެވީ އިސްލާމިކް ކޯޕަރޭޝަން އޮގަނައިޒޭޝަން (އޯ.އައި.ސީ) ގެ އޭޝިއާ ޑިރެކްޓަރުގެ މަޤާމުގައި ސައޫދީ އަރަބިއްޔާގައެވެ. އެ މަޤާމުގެ ދައުރު ނިމުމާ ގުޅިގެން އެނބުރި ރާއްޖެ ވަޑައިގެންނެވިއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރީރު ވަނީ ފޮރިން ސެކްރެޓަރީގެ މަޤާމު ފުރުއްވާފައެވެ. އޭގެ ކުރިން، 2012 ޑިސެމްބަރު 10 އިން ފެށިގެން އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމު އަދާކުރެއްވިއެވެ. އަދި އެ މުއްދަތުގައި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.
1986ވަނަ އަހަރުން ފެށިގެން ސަރީރު ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތައް އަދާކުރައްވާފައެވެ.
މީގެ ތެރޭގައި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރު، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ތިންވަނަ ސެކްރެޓަރީ، އަދި އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދެވަނަ ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ، އެސިސްޓެންޓް ޑިރެކްޓަރ (ފޮރިން ރިލޭޝަންސް)، ޑެޕިއުޓީ ޑިރެކްޓަރު، ޑިރެކްޓަރު، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.
ކުރިން ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނ. ހޮޅުދޫ / އުފަންވެލި، މުޙައްމަދު ތޯހާގެ ނަންފުޅު ފާސްކުރައްވާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕާކިސްތާނުގެ ސަފީރުކަމަށް ބަދަލުކުރައްވާފައެވެ.