ކުޅިވަރު

ޕީއެސްޖީއިން މެސީގެ މަޔާމީ ބަލިކޮށް ކުއާޓާއިން ޖާގަ ހޯދައިފި

ޕީއެސްޖީއިން މެސީގެ މަޔާމީ ބަލިކޮށް ކުއާޓާއިން ޖާގަ ހޯދައިފި

ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި އިދިކޮޅު ކުޅުންތެރިއެއްގެ ކައިރިން ބޯޅަ ހިފައިގެން މެސީ ދުވަނީ---

30 ޖޫން 2025، 06:45

ފީފާ ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ލިއޮނެލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން އަންނަ އިންޓަރ މަޔާމީ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ މީގެ ދެ އަހަރު ކުރިން ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމެރިކާއަށް ބަދަލުވިފަހުން، މެސީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ނިކުތް ފުރަތަމަ ފަހަރެވެ. މި މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 4-0 އިންނެވެ.

މުޅި މެޗަށް ބަލާލިޔަސް އުމުރުން 38 އަހަރުގެ މެސީއަށް އިދިކޮޅު ގޯލަށް ރަގަޅު ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މެސީގެ ހަމަލާއެއް މަތަކުރުމަށް ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލޫޖީ ޑޮނަރުއްމާއަށް ހަރަކާތްތެރިވާން ޖެހުނީ އެންމެ ފަހަރަކުއެވެ. އެއީ އޭރިއާ ތެރެއިން މެސީ ބޮލުން ގޯލަށް ފޮނުވާލި ހަމަލާއެއް ދިފާއުކުރުމަށެވެ.  

މާސެޑީޒް ބެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ޕީއެސްޖީއިން ލީގު ނެގީ މެޗުގެ ހަވަނަ މިނެޓުގައެވެ. އެއީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ކުރި މައްޗަށް ހުރަސްކޮށްލުމުން ޖޮއާއޯ ނަވާޒް ބޮލުން ފޮނުވާލި ބޯޅައެކެވެ.

އޭނާ އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. ފެބިއަން ރުއިޒް ފަހިކޮށްދިން މި ފުރުސަތު ނަވާޒް ގޯލަށް ފޮނުވާލީ ފަސޭހަކަމާއެކުއެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީއިން އިރުތު ދެ ގޯލު ކާމިޔާބުކުރިއެވެ. އެ ޓީމުގެ ތިން ވަނަ ގޯލަކީ މަޔާމީގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަތަރު ވަނަ ގޯލު ކާމިޔާބުކުރީ އަޝްރަފް ހަކީމީއެވެ. 

ދެ ވަނަ ހާފުގައި އިތުރު ގޯލު ޖަހަން ޕީއެސްޖީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، އިންޓަ މަޔާމީގެ ލުއިސް ސުއަރޭޒަށް މެސީ ދިން ބޯޅައެއް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީއެވެ.

ކުއާޓާ ފައިނަލްގައި ޕީއެސްޖީ ބައްދަލްކުރަން ޖެހޭނީ ބެޔާން މިއުނިކާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS