ކުޅިވަރު
ކްލަބް ވޯލްޑް ކަޕް: ސައޫދީގެ ހިލާލުން ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކަޓުވާލައިފި

މެޗުން މޮޅުވުމުން ހިލާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ---
މި އަހަރު ކުޅޭ އައު ފޯމެޓަށް ކްލަބް ވޯލްޑް ކަޕް ބަދަލުކުރުމުގެ ކުރިން އެންމެ ފަހުން 2023ގައި އޮތް މުބާރާތް ކާމިޔާބުކުރި މެންޗެސްޓަރ ސިޓީ ދެވަނަ ބުރުން މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.
މުބާރާތުގެ ގަދަ-16ގައި ސައޫދީ އަރަބިއްޔާގެ އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވީ 4-3 އިންނެވެ. ހިލާލްއިން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފަހު ހާފުގައި ކާމިޔާބުކުރި ގޯލަކުންނެވެ.
މި މެޗުގައި ސިޓީއިން ވަނީ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ލީޑު ނަގާފައެވެ. ގުންޑޮގަންގެ ގައިގަޖެހިފައި ދިޔަ ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ސިޓީއަށް ލީޑު ނަގައިދިނީ ބަނާޑޯ ސިލްވާއެވެ.
ހިލާލްއިން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަކުރީ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި މާކޮސް ލިއަނާޑޯ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އޭގެ 6 މިނެޓު ފަހުން ހިލާލްއިން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގިއެވެ. އަމިއްލަ ހާފުން ބޯޅަ ހިފައިގެން، ހުސްކޮށް އޮތް ސިޓީގެ ހާފު ހުރަސްކޮށް ދުވެފައި ގޮސް ދުރުކަނަށް ފޮނުވާލައި، ހިލާލްއަށް ލީޑު ނަގައިދިނީ މަލްކޮމްއެވެ.
ނަމަވެސް އޭގެ 3 މިނެޓު ފަހުން ލިބުނު ކޯނަރަކުން ފަހިވި ފުރުސަތެއްގައި ސިޓީގެ އާރލިން ހާލަންޑު މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މި ގޯލާއެކު، މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެގޮތުން ފުރަތަމަ ހާފުގެ 4 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ހިލާލްއިން ލީޑު ނެގިއެވެ. ރޫބިން ނެވޭޒްގެ ކޯނަރެއް ބޮލުން ފޮނުވާލާއި މި ގޯލު ކާމިޔާބުކުރީ ހިލާލްގެ ޑިފެންޑަރު ކަލިދޫ ކުލިބާލީއެވެ.
އެ ހާފު ނިމުމުގެ ކުރިން މެޗުގައި ދެވަނަ ފަހަރަށް ސިޓީއިން ނަތީޖާ ހަމަހަމަ ކުރިނަމަވެސް، އިތުރު ވަގުތުގެ ދެވަނަ ހާފުގައި މާކޮސް ލިއަނާޑޯ ވަނީ މެޗުގައި އޭނާ ކާމިޔާބުކޮށްދިން ދެވަނަ ގޯލާއެކު ހިލާލް މޮޅުކޮށްދީފައެވެ.
ކުއާޓާފައިނަލްގައި ހިލާލްއާ ދެކޮޅަށް ނިކުންނާނީ އިންޓަރ މިލާން ބަލިކުރުމަށްފަހު ކުއާޓާއިން ޖާގަ ހޯދި ބްރެޒިލްގެ ފްލުމިނެންސޭއެވެ.