ކޮލަމް
ބައެއް ފަހަރު ރުޅިވެރިކަމާއެކު ނިދަން ދިއުމަކީ، ގުޅުން އިތުރަށް ވަރުގަދަވެ، ދެފަރާތަށްވެސް ފައިދާހުރި ކަމެއް : މާހިރުން

ރުޅިވެރިކަމާއެކު ނިދަން ދިއުމަކީ، ގުޅުން އިތުރަށް ވަރުގަދަވެ، ދެފަރާތަށްވެސް ފައިދާހުރި ކަމެއް
"ރުޅިވެރިކަމާއެކު ނިދަން ނުދާށޭ" ބުނާ ބުނުމަކީ ގިނަބަޔަކު ދޭދޭ ގުޅުންތަކުގައި އަމަލުކުރާ އާދަޔެކެވެ. މި ބުނުމުގެ އަސްލަކީ، ހައްލުނުކުރެވި ހުރި ރުޅިވެރިކަން ރޭގަނޑު ތެރޭގައި އިތުރަށް ގަދަވެ، ދެމީހުންގެ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ގަބޫލުކުރުމެވެ.
ގުޅުމުގެ ހަމަޖެހުން ދެމެހެއްޓުމަށް، އަދި ޖަޒުބާތީ ދުރުކަމެއް އައުމަށް ހުރަސް އެޅުމަށް، ދެބަސްވުންތައް ނިދުމުގެ ކުރިން ހައްލުކުރުން މުހިންމުކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، މި އާދައަކީ ފައިދާހުރި ގޮތެއް ނޫންކަމަށް މާހިރުން ބުނަންފަށައިފިއެވެ.
ބައެއް ފަހަރު ރުޅިވެރިކަމާއެކު ނިދަން ދިއުމަކީ، ގުޅުން އިތުރަށް ވަރުގަދަވެ، ދެފަރާތަށްވެސް ފައިދާހުރި ކަމަކަށް ވެސް ވެދާނެއެވެ.
ގިނަ ފަހަރު، ނިދުމުގެ ކުރިން މައްސަލަތައް ހައްލުކުރުމަށް އަވަސްވެގަނެނީ، ޅަފަތުގައި އާއިލާގެ މެދުގައި ދެބަސްވުންތައް ގިނައިން ހިނގާ ތަން ދެކިފައިވާ މީހުންނެވެ.
ނުވަތަ، "ހުރިހާ ކަމެއް އަވަހަށް ރަނގަޅުވެގެން ދާނެ" ކަމަށް ދެކޭ ގޮތުގެ ސަބަބުންނެވެ. ބައެއް ފަހަރު ދެމީހުންގެ މެދުގައި ރުޅިވެރިކަމެއް އޮތް ހާލުގައި "އައި ލަވް ޔޫ" ނުބުނެ ނިދަން ދިއުމަށް މީހުން ބިރުގަނެއެވެ. މި ހުރިހާ ކަމެއް ބަލާއިރު، ރުޅިވެރިކަމާއެކު ނިދަން ނުދިއުމަކީ ރަނގަޅު އުސޫލެއްކަމަށް ދެކެވިދާނެއެވެ.
ނަމަވެސް، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. ސަބްރީނާ ރޮމަނޮފް ވިދާޅުވާ ގޮތުގައި، މި އުސޫލުގެ ހަރުކަށިކަމުގެ ސަބަބުން ބައެއް ފަހަރު ފަރުދީ ބޭނުންތަކާއި، ނިދުމާއި، ދުރާލާ ވިސްނުމުގެ ފުރުސަތުތައް ގެއްލިގެންދެއެވެ. މި އުސޫލު ބޭނުންކުރުމުގައި ބުއްދިވެރިކަން ދެނެނުގަނެފިނަމަ، ގުޅުމަށް ހަގީގަތުގައިވެސް ގެއްލުންވެދާނެއެވެ.
ދެބަސްވުމެއް މެދުކަނޑާލައި ނިދަން ދިއުމަކީ، ވިސްނައިގެން ދަސްކުރެވިދާނެ ހުނަރެއްކަމަށް ޑރ. ސަމަންތާ ރޮޑްމަން ވައިޓަން ވިދާޅުވެއެވެ. ނިދާފައި ކަންކަމާއި ކުރިމަތިލުމަކީ ބައެއް ފަހަރު ވަރަށް ރަނގަޅު ގޮތަކަށް ވެދާނެއެވެ. އެހެނީ، ވަރުބަލިވެފައި ހުންނައިރު މީހާގެ ޖަޒުބާތު ކޮންޓްރޯލްކުރަން ދަތިވެއެވެ. ނަތީޖާއެއްގެ ގޮތުން، ރުޅިގަދަވެ، އަވަސް އަވަހަށް ނިންމުންތައް ނިންމައި، ފަހުން ދެރަވާ ކަހަލަ ބަސްތައް ބުނެ ނުވަތަ ކަންތައްތައް ކުރެވިދާނެއެވެ.
މައްސަލަ ހައްލުކުރުމާއި، އަޑުއެހުމާއި، ވިސްނުމުގެ ހުނަރުތަކަށްވެސް ވަރުބަލިކަމުގެ ސަބަބުން ބުރޫއަރައެވެ. ނަމަވެސް، ރަނގަޅަށް ނިދާލުމުން ސިކުނޑި މުޅިން އަލުން ރީސެޓްވެ، ނޭދެވޭ ކަންކަމަށް އިޖާބަދޭ މިންވަރު މަދުވެ، ޖަޒުބާތުތައް ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެއެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ވިސްނުންތެރިކަމާއެކު ކުރިމަތިލުމުގެ ގާބިލިއްޔަތުކަން އިތުރުވެއެވެ. ހަމައެހެންމެ، ބައެއް ފަހަރު ރޭގަނޑު ދެބަސްވުމަށްފަހު ނިދާލާއިރު، އަނެއް ދުވަހު ހެނދުނު ހޭލާއިރު އެ ދެބަސްވުން އެހާ މުހިންމުކަމަކަށް ނުވެދާނެއެވެ.
ނިދުމަށް ދަތިވާ މިންވަރަށް ރުޅިގަދަވެފައި ހުންނަނަމަ، ނުވަތަ އެކަނި ނިދާއިރުވެސް ގުޅުން ގެއްލިދާނެކަމުގެ ބިރުވެރިކަމެއް ހިތުގައި އުފެދޭނަމަ، އެއީ "އެޓެޗްމަންޓް ޕެނިކް" ގެ ސަބަބުންކަމަށް ޑރ. ވައިޓަން ވިދާޅުވެއެވެ. މިކަހަލަ ހާލަތްތަކުގައި ގިނަބަޔަކު ބޭނުންވަނީ އަވަހަށް ކަންކަން ރަނގަޅުކުރާށެވެ. ނަމަވެސް ވަރުބަލިވެ، ރުޅިގަދަވެފައި ހުންނަ އިރު ވާހަކަ ދެއްކުމަކީ، ހަމަޖެހިގެން ހުންނަ އިރަށް ވުރެ ކޮލިޓީ ދައްކޮށް ކަންތައްތައް ވެގެންދާނެ ކަމެކެވެ.
މިފަދަ ހާލަތްތަކުގައިވެސް ހަމަޖެހިލައިގެން ނިދަން މަސައްކަތްކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ދެބަސްވުމަށްފަހު އެ މައްސަލަ ހައްލުކުރުމަށްޓަކައި ވާހަކަ ދައްކާނެ ވަގުތަކާއި ތަނެއް ކަށަވަރުކުރުމެވެ. މިކަމުގެ ސަބަބުން، މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން ލިބި، ހިތްހަމަޖެހިގެން ނިދިދާނެއެވެ.
އަދި، ނިދުމުގެ ކުރިން އާދަކޮށް ކުރާ ކަންކަން ކުރިއަށް ގެންދިއުމަކީވެސް މުހިންމު ކަމެކެވެ. މިސާލަކަށް، "އައި ލަވް ޔޫ" ބުނުން ފަދަ ކަންކަން. މި އާދަތައް ކުރިއަށް ގެންދިއުމަކީ، މައްސަލައެއް އޮތްކަން ދޮގުކުރުމެއް ނޫނެވެ. ބަދަލުގައި، އެކަކު އަނެކަކަށް ދޭ އިހުތިރާމާއި ލޯބި، ދެބަސްވުމަށްވުރެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. ހަމައެކަނި "އައި ލަވް ޔޫ" ކުރުކޮށް ބުނެލުމަކީ ވެސް ގުޅުމަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެކެވެ.
މީގެ އިތުރުން، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށްޓަކައި މެޑިޓޭޓް ކުރުން، ޑައިރީ ލިޔުން، ނޭވާލުމުގެ ކަސްރަތު ކުރުން، ނުވަތަ ފެންވަރާލުން ފަދަ ކަންކަންވެސް ކުރެވިދާނެއެވެ.
އެއްވެސް ގުޅުމެއްގައި ދެބަސްވުންތަކަކީ ނުވެ ނުދާނެ ކަމެކެވެ. ނަމަވެސް، އެ ދެބަސްވުންތަކާ ކުރިމަތިލާ ގޮތަކީ، ދެމީހުންގެ ގުޅުން ބިނާކުރާ އެންމެ މުހިންމު އެއް ކަމެވެ. އަދި ބައެއް ފަހަރު މިކަމުގެ ސަބަބުން ނިދުމަށްވެސް އަސަރުކުރެއެވެ. ދެބަސްވުންތަކަކީ ދެމީހުން ދުރުވުމުގެ ފުރުސަތެއްގެ ގޮތުގައި ނުދެކި، ގާތްވުމުގެ ފުރުސަތެއްގެ ގޮތުގައި ދެކޭށެވެ. ގުޅުމުގެ މަގުސަދަކީ އަބަދުވެސް މޮޅު ގުޅުމެއް ދެމެހެއްޓުމެއް ނޫނެވެ. އެއީ، ދިރިއުޅުމުގެ އުނދަގޫ ހާލަތްތަކުގައިވެސް އެކީގައި ކުރިއަށް ގޮސް، އުނގެނި، ތަރައްގީވުމެވެ.