ކުޅިވަރު
ޓީ20 ޕްރިމިއަރ ލީގު ހަ ޓީމާއެކު ހުކުރު ދުވަހު ފަށަނީ

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން، ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކުރާ ޓީ20 ޕްރިމިއާ ލީގު މިއަންނަ ހުކުރު ދުވަހު ފެށުމުގެ ތައްޔާރީތައް ވާންފަށައިފިއެވެ.
ސީބީއެމްއިން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ މުބާރާތުގައި ވާދަކުރާނީ ހަ ޓީމަކުންނެވެ. އެއީ ނިއު ސްޓާރ، މިލާން ކްރިކެޓް އެކަޑަމީ (އެމްސީއޭ)، އޮއްފު އެފްސީ، ސީބީއެލް ސްޕޯޓްސް، އެމްއެސްއެޗްއެޗްއެސްއޭ އަދި އެމްއެސްސީއެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައި އެކަންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗު ހުކުރު ދުވަހުގެ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ އޮއްފު އެފްސީ އާއި ސީބީއެލްއެވެ. އެ ދުވަހު މެންދުރުފަހަށް އެމްއެސްއެޗްއެޗްއެސްއޭ އާއި ނިއުސްޓާ ބައްދަލުކުރާ މެޗު ތާވަލުކޮށްފައިވާއިރު، ހޮނިހިރު ދުވަހު ހެނދުނު ކުޅޭނީ އެމްސީއޭ އާއި އެމްސީއެސްއެވެ. އަދި ހަފްތާގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ މެންދުރުފަހު ސީބީއެލްއިން ނުކުންނާނީ އެމްއެސްއެޗްއެޗްއެސްއޭއާ ދެކޮޅަށެވެ.
މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނި ކްރިކެޓް ސްޓޭޑިއަމްގައެވެ.
މުބާރާތުގައި މިހާރު އެންމެ ވިދުން ގަދަ ޓީމަކީ މިލާން ކްރިކެޓް އެކަޑެމީއެވެ. އެ ޓީމުން ވަނީ ފާއިތުވި ދެ އަހަރު ވެސް ފުރިހަމަ ރެކޯޑަކާއެކު ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.