ވިޔަފާރި / ޚަބަރު

އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމަށް ހެންލޭ އެންޑް ޕާރޓްނާސްއާއެކު އެއްބަސްވުމަކަށް

އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމަށް ހެންލޭ އެންޑް ޕާރޓްނާސްއާއެކު އެއްބަސްވުމަކަށް

ދިވެހި ސަރުކާރާއި ހެންލޭ އެންޑް ޕާރޓްނާސްއިން އެއްބަސްވުމަކަށް އައުން، ފޮޓޯ: އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2025، 10:15

02 ޖުލައި 2025، 10:15

ދިވެހިރާއްޖޭގައި އިންވެސްޓުކުރުމަށް އިންވެސްޓަރުންނަށް އިތުރަށް ބާރުއެޅުމަށް މަސައްކަތްކުރުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅުމުގެ ފުރުސަތު ދިގު މުއްދަތަކަށްދީ، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރުމަށް "ހެންލޭ އެންޑް ޕާޓްނާރސް"އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމަކަށް އައިސްފިއެވެ. 

ޤައުމުގެ ފުރަތަމަ އިންވެސްޓްމެންޓް ޕްރޮގްރާމް ތަރައްޤީކޮށް ތަންފީޒުކުރުމަށް، ދުނިޔެއަށް މަޝްހޫރު ބައިނަލްއަޤުވާމީ ފާރމްއެއް ކަމުގައިވާ "ހެންލޭ އެންޑް ޕާޓްނާރސް"އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމަކަށް މިއައީ 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރު ހާސިލްކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑުގައި މިހާރު ކުރިޔަށްދާ "މޯލްޑިވްސް – ސިންގަޕޫރު ބިޒްނަސް ފޯރަމް 2025"ގައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ދަތުރުވެރިންނަށް ދެވަނައެއް ނެތްފަދަ މަންޒިލެއް ކަމަށާއި، އިންވެސްޓްމެންޓް ޕްރޮގްރާމާއެކު ސަރުކާރުން ބޭނުންވަނީ މިއީ އިންވެސްޓަރުންނަށް ވެސް ދެވަނައެއް ނެތް ޤައުމަކަށް ހެދުމަށްކަމަށެވެ. އަދި "ހެންލޭ އެންޑް ޕާޓްނާރސް"އާއެކު ހަދާފައިވާ އެއްބަސްވުމާއެކު ދުނިޔޭގެ ވަރުގަދަ އިންވެސްޓަރުންނަށް ރާއްޖެ ތަޢާރަފްކޮށް، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.



އެ ގޮތުން މި ޕްރޮގްރާމާއެކު ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ޔަޤީންކަން ހޯދުމަށް މަސައްކަތްކުރާނީ ދިގު މުއްދަތަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިގެންކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

ބިޒްނަޒް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ހެންލޭ އެންޑް ޕާރޓްނާސްގެ މެނޭޖިން ޕާރޓްނާރ އެންޑް ހެޑް އޮފް ގަވާންމެންޓް އެޑްވައިޒަރީ ފިލިޕް އަމަރާންޓޭ ވިދާޅުވީ، އިންވެސްޓްމެންޓުތަކާއެކު ރާއްޖެއަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު ދިނުމަކީ އިންވެސްޓަރުން ވަރަށް ގަޔާވާނެކަމެއްކަމަށެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ އަމާން ޤައުމަކަށްވެފައި ޖިއޯޕޮލިޓިކްސްއިން ރައްކާތެރި ޤައުމަކަށްވުމުން، މިއީ އިންވެސްޓަރުންނާއި އެމީހުންގެ އާއިލާތައް ބޭނުންވާ އަމާންކަން ލިއްބައިދޭނެ ޤައުމަކަށް ވުމެވެ. 

ރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން ރާއްޖެއިން މި ފަށާފައިވާ މަސައްކަތަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ހެންލޭ އެންޑް ޕާރޓްނާސްއިން ގުޅިގެން ނެރެފައިވާ ބަޔާނުގައިވެއެވެ. އެގޮތުން، އިންވެސްޓްމެންޓް ޕްރޮގްރާމުގެ ދަށުން، ރިއަލް އެސްޓޭޓް، ހޮސްޕިޓަލިޓީ، އިންފްރާސްޓްރަކްޗަރ އަދި ޚިދުމަތުގެ ދާއިރާއިން ފެންވަރު ރަގަޅު ފޮރިން އިންވެސްޓްމެންޓުތައް ރާއްޖޭގެ ގެނެވޭނެކަމަށް ޤަބޫލުކުރާކަމަށް އެ ބަޔާނުގައިވެއެވެ. 

އަދި އިންވެސްޓް ޕްރޮގްރާމާއެކު، ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ދެނީ އެންމެ ޤާބިލް މީހުންނަށްތޯ ބެލުމަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލާނެކަމަށް އެ ބަޔާނުގައި ވެއެވެ. އެގޮތުން އެ އުސޫލުތަކަކީ ޤައުމުގެ ސަލާމަތާއި އިސްތިޤުލާލު ރައްކާތެރިކުރުމަށް ބާރުއަޅާނެ އުސޫލުތަކަކަށް ވެގެންދާނެކަމަށް ވެސް ހާމަކޮށްފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS