ޚަބަރު
ދެމެހެއްޓެނިވި ތަރައްޤީއަށް ދުޅަހެޔޮ ކަނޑުތަކެއް މުހިއްމު: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ވުޒާރާ
ސްޕެއިންގެ ސިވިލްގައި ކުރިއަށްދާ ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިސްނަގައިގެން ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަށް ދުޅަހެޔޮ ކަނޑުތަކަކީ ނުހަނު މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، މި ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ސިވިލްގައި ކުރިއަށްދާ ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްގެ ތެރެއިން ދިވެހި ސަރުކާރުން އދ.ގެ ތަރައްޤީގެ ޕްރޮގްރާމްކަމުގައިވާ ޔޫއެންޑީޕީއާ ގުޅިގެން "ބްލެންޑެޑް ފައިނޭންސް އޮޕޮރޗުނިޓީސް ފޯރ މެރިން ބަޔޯޑައިވަރސިޓީ: ކޭސް ސްޓަޑީސް އޮން ކޮރަލް ރީފް އިންޝުއަރެންސް އެންޑް ބްލޫ އިކޮނޮމީ ފައިނޭންސިންގ"ގެ ނަމުގައި ބޭއްވި ސައިޑު އިވެންޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވަނީ، ކަނޑުތަކަކީ ރާއްޖޭގެ ދެމިއޮތުމާއި ގުޅިފައިވާކަމެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި ދިވެހީންގެ ކާނާގެ ޔަގީންކަމާއި، އާމްދަނީ ވަރަށް ބޮޑަށް ބަރޯސާވެފައިވާ ވަޞީލަތެއްގެ ގޮތުގައި ކަނޑުތައްވެފައިވާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މުރަކަ ނުވަތަ ގައު ހުދުވުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ހަމައެއާއެކު ދެމެހެއްޓެނިވި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 14 ވަނަ ލަނޑުދަނޑިކަމުގައިވާ ކަނޑު އަޑީގެ ދިރުންތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް އެކަށީގެންވާ ހޭދައެއް ނުކުރެވޭކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.
ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކަނޑުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރަންޖެހޭކަމަށްވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.މި އިވެންޓުގެ ތެރެއިންވަނީ ރާއްޖެއިން ކުރިއަށްގެންދާ ދެމަޝްރޫޢެއްގެ މަޢުލޫމާތު ހާމަކޮށްފައެވެ. އެގޮތުން މުރަކަތައް އިންޝުއަރކުރުމުގެ މަޝްރޫޢަކާއި ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޚާއްސަ ފަންޑެއް ހިމެނެއެވެ.
އިވެންޓުގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ވަނީ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއެކު ބައިވެރިވެވަޑައިގެންފައެވެ. މިޕެނަލް ޑިސްކަޝަންގައި ތަފާތު ގޮތްގޮތުން ދެމެހެއްޓެނިވި ގޮތުގައި ތިމާވެށީގެ ދާއިރާއިން ހޭދަކުރުމަށް ފަންޑު ޤާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.