Ads by Stelco

ޚަބަރު

ފަރުވާއަށް މާލެ ދާ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ

ފަރުވާއަށް މާލެ ދާ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ

އިޖްތިމާޢީ ކޮމިޓީގެ 16 ވަނަ ބައްދަލުވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2025، 09:18

02 ޖުލައި 2025، 09:18

ފަރުވާއަށް ރަށްރަށުން މާލެދާ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް، މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާޙިމް ޙަލީމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިޖުތިމާޢީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޙަލީމް ވިދާޅުވީ، ރަށްރަށުގެ ހެލްތު ސެންޓަރުތަކުގެ ބަދަލުގައި، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން އެ މީހަކު އިތުރު ފަރުވާއަށް ރިފާރކުރާނަމަ، ބަލިމީހާއަށް ފަސޭހަކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިކަމާ ގުޅިގެން ސިއްޙީ ވުޒާރާއާ މަޝްވަރާ ކުރަމުންދާކަމަށް އޭނާ ހާމަކުރެއްވިއެވެ.

އޭރުން ޑޮކްޓަރު އިންނާނީ އެ ތަނުން އޯލްރެޑީ ބަލާފައި. އޭރުން ވަކި ސްޕެޝަލިސްޓެއް، ކޮން ސްޕެޝަލިޓީއެއްކަން ކުރިއާލާ އެނގިފައިތާ އިންނާނީ. އެހެންވީމަ، ކޮންމެ ވެސް ވަރަކަށް ފިލްޓާ ވެގެން އަންނަ ބޭފުޅުންނަށް ފަސޭހަކޮށް އަޅުގަނޑުމެންނަށް އެރޭންޖުމަންޓުތައް ހެދޭނެ ގޮތެއް އެބަ ބަލަން. މާލެ

ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާޙިމް ޙަލީމް ވިދާޅުވިއެވެ.

މީގެ އިތުން ޙަލީމް ވިދާޅުވީ، އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑޮކްޓަރުން އެކިރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގަމުން އަންނަކަމަށާއި، މި ޕްރޮގްރާމްތަކުގައި އޮޕަރޭޝަންގެ ޚިދުމަތް ވެސް ބައެއް ރަށްރަށުގައި ދެމުން ގެންދާކަމަށެވެ. އަދި މި ޕްރޮގްރާމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް މާލެ ދާން ޖެހޭ މީހުން މަދުވާނެކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ.

މި ކޮމެޓީގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ރަށްރަށުން މާލެ އަންނަންޖެހޭ މީހުންނަށް އޮތް އަނެއް ޙައްލަކީ ޓެލެމެޑިސިންގެ ޚިދުމަތްކަމަށެވެ. ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި މި ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އަޅުގަނޑުމެންގެ ޕްލޭނަކީ ޕޭޝަންޓެއް، މިސާލަކަށް މި ކޮޅުން ކާޑިއޮލޮޖީއަށް ދައްކާލާފައި ރިވިއުކުރަން ފަހުން އަންނާށޭ ބުނީމަ، ރިވިއުކުރެވޭނެ އެ ހޮސްޕިޓަލަކުން. އޭރުން އަޅުގަނޑުމެން ތާވަލެއް ހަދާލާނީ ކޮންމެ ވީކެއްގައި ޓެލެމެޑިސިންނަށް އެކި ދުވަސް ދުވަހު އެކި ސްޕެޝަލިޓީތަކުގެ. ޓެލެމެޑިސިން ހަމަ އޯޕީޑީއެއް ކަހަލަ ގޮތަކަށް ދެން ހިންގާނީ.

ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވިއެވެ.

އާއްމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، މާލެއަށް ބަލި މީހުން އާއްމުކޮށް ރެފާ ކުރަނީ އަތޮޅު ހޮސްޕިޓަލުންނެވެ. ނަމަވެސް، ބައެއް ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ބަލި މީހުން ސީދާ މާލެއަށް ރެފާ ކުރާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS