ޚަބަރު
ޕާކިސްތާން ހައިކޮމިޝަންގެ ފަރާތުން އެމްޕަވަމަންޓް ހަބަށް ފައިސާގެ އެހީއެއް ދެއްވައިފި

"އެމްޕަވަރމަންޓް ހަބް"އަށް، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާންގެ ހައިކޮމިޝަނުގެ ފަރާތުން ހަމަޖެއްސި އެހީ ހަވާލުކުރުން، ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލްކުރަނިވި މާހައުލެއްގައި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ތަރައްޤީކުރާ "އެމްޕަވަރމަންޓް ހަބް"އަށް، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާންގެ ހައިކޮމިޝަނުން ފައިސާގެ އެހީއެއް ދެއްވައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެހީ ހަމަޖެހިގެން ދިޔައީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ.
ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން އިތުރުކޮށް، ވަކީން ޚާއްސަގޮތެއްގައި، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތަކުގައި ޕާކިސްތާން ހައިކޮމިޝަނުން އެއްބާރުލުން ދެއްވުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރައްވާފައިވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި އެހީ ސިފަކުރީ، އެއީ ހަބްގެ މަސައްކަތްތައް ހަރުދަނާކޮށް، ފުރިހަމަކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ބާރެއްގެ ގޮތުގައެވެ.
ޕާކިސްތާން ހައި ކޮމިޝަނުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލާ، ސައިޓް ވިޒިޓެއް ވެސް ކުރައްވާފައެވެ.
"އެމްޕަވަރމަންޓް ހަބް" ގެ ޚިދުމަތް އަމާޒުކޮށްފައިވަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. މި ހަބްގެ މައިގަނޑު މަޤްޞަދަކީ ސްކޫލް ނިންމުމަށްފަހު މުޖުތަމަޢަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ތަޖުރިބާއާއި އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދިނުމެވެ.
ހުޅުމާލެ ފޭސް 2 ގައި 5500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމްކުރެވޭ މި ހަބްގައި އިންކްލޫސިވް ކެފޭއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި ވިއްކުމަށް ފިހާރައެއް ހިމެނޭނެއެވެ. މީގެ އިތުރުން، ތަފާތު ވޯކްޝޮޕްތަކާއި ކޮމްޕިއުޓަރ ތަމްރީނު ދޭ ތަނަކާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް އެކްޓިވިޓީ ރޫމެއްވެސް ހުންނާނެއެވެ.
މިއަހަރު ތެރޭގައި ހުޅުވުމަށް ރޭވިފައިވާ މި ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މި މަޝްރޫޢުގެ ކާމިޔާބީ ގުޅިފައިވަނީ މަދަނީ ޖަމްޢިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ތަންތަނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.