Ads by Stelco

ޚަބަރު

ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް މި މަހު ނިމޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފި

ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް މި މަހު ނިމޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފި

ސްޓެލްކޯގެ ދިއްފުށީ ސްޓޭޝަން މެނޭޖަރ ހުސެއިން ޝާކިރު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޖުލައި 2025، 10:36

03 ޖުލައި 2025، 10:36

ކ. ދިއްފުށީގައި ޤާއިމުކުރަމުންދާ އައު އިންޖީނުގޭގެ މަސައްކަތް މި މަހު ނިމޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ރަށްރަށުގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި އިންޖީނުގެތައް ހުރުމުން، އެކި ގޮތްގޮތުން އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން މާލެ އަތޮޅު ދިއްފުއްޓާއި ތުލުސްދޫގައި ޤާއިމްކުރަމުންދާ އައު އިންޖީނުގެތަކުގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް ސްޓޭލްކޯއިން ވަނީ ހާމަކޮށްފައެވެ.

ދިއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ ދިއްފުށީ ސްޓޭޝަން މެނޭޖަރ ހުސެއިން ޝާކިރު ވިދާޅުވީ، މި އައު އިންޖީނުގެ ތަރައްޤީކޮށްފައި ވަނީ ގާތްގަނޑަކަށް 30ހާސް އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. އަދި މިހާރު ދިއްފުށީގައި ހުރި އިންޖީނުގެއާއި އަޅާބަލާއިރު، މި އައު އިންޖީނުގެއިން 3 ގުނައަށްވުރެ އިތުރަށް ކަރަންޓު އުފެއްދޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝާކިރު އިތުރަށް ވިދާޅުވީ، ދިއްފުށީގައި ޤާއިމްކުރަމުންދާ އިންޖީނުގެއަކީ ސްޓެލްކޯގެ ހަޔާތުގައިވެސް އެންމެ އަވަހަށް މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ އިންޖީނުގެއެވެ. އަދި މި އިމާރާތުގައި ވެންޓިލޭޝަން ރަނގަޅުވާނެ ކަމަށާއި، މަސައްކަތުގެ މާހައުލު ރައްކާތެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މިތާ މަސައްކަތް ފެށިގެންދިޔައީ. އެއީ ބިންގާ އެޅިތާ ގާތްގަނޑަކަށް ބުނާނަމަ 20 ދުވަސް ފަހުން. ދެން މަސައްކަތް ފެށިގެން ގޮސް ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދިޔަ. 8 މަސްތެރޭގައި މި އިންޖީނުގޭގެ މަސައްކަތް މި ގާތްގަނޑަކަށް ނިމުނީ. އަދި އަމާޒަކީ މިމަހުގެ ތެރޭގައި މި އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިންމާލާ އޮޕަރޭޝަނަށް ގެނައުން.

ދިއްފުށީ ސްޓޭޝަން މެނޭޖަރ ހުސެއިން ޝާކިރު ވިދާޅުވިއެވެ.

މާލެ އަތޮޅު ތުލުސްދޫގައި އަލަށް ޤާއިމްކުރާ އިންޖީނުގޭގެ މަސައްކަތްތަކަށް ބަލާލާއިރު އެ އިންޖީނުގޭގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ މަސައްކަތް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މި އިމާރާތުގެ މަސައްކަތް މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ތުލުސްދޫއަކީ މާލެއަށްފަހު އެ ކުންފުނީގެ ޚިދުމަތް ފެށި ފުރަތަމަ ރަށެވެ. އަދި އެ ރަށުގެ އައު އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑަށް، 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 11.9 މިލިޔަން ރުފިޔާއަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS