ކޮލަމް

ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ހިތުގެ ބަލިތައް: ހަމަހިމޭނުން ކުރިމަތިވަމުންދާ ނުރައްކަލެއް

ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ހިތުގެ ބަލިތައް: ހަމަހިމޭނުން ކުރިމަތިވަމުންދާ ނުރައްކަލެއް

ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ހިތުގެ ބަލިތައް: ހަމަހިމޭނުން ކުރިމަތިވަމުންދާ ނުރައްކަލެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 06:08

04 ޖުލައި 2025، 06:08

މީގެ އަހަރުތަކެއް  ކުރިން، ހިތުގެ ބަލިތަކަކީ މައިގަނޑު ގޮތެއްގައި ދުވަސްވީ މީހުންގެ މެދުގައި ފެންނަ ބައްޔެއްއްގެ ގޮތުގައި ދެކެވުނެވެ. ނަމަވެސް، މިއަދު އެކަން ބަދަލުވެ ކަންބޮޑުވާންޖެހޭ ވަރުގެ ޚާލަތެއް ވަނީ ކުރިމަތިވެފައެވެ.

ދުވަހުން ދުވަހަށް އިތުރުވަމުންދާ އަދަދެއްގެ ޒުވާނުންނަށް ނުރައްކާތެރި ހިތުގެ ބަލިތައް ޖެހެމުންދާކަން ފާހަގަކުރެވި، މުޅި ދުނިޔޭގެ ޞިއްޙީ ދާއިރާގެ ފަންނުވެރިން ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ކާޑިއޯވަސްކިއުލަރ ޑިޒީސަސް (އެން.އައި.ސީ.ވީ.ޑީ) ގެ އެގްޒެކެޓިވް ޑިރެކްޓަރ، ޕްރޮފެސަރ ޑރ. މުޙައްމަދު ސަޣީރު، މި ޙާލަތު ސިފަކުރައްވަނީ މިޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅިތަކުގެ ސަބަބުން ކުރިމަތިވެފައިވާ "ނުރައްކާތެރި ބަލިމަޑުކަމެއް" ގެ ގޮތުގައެވެ.

"މީހުން މިހާރު ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަށާއި، ގަވާއިދުން ޖިސްމާނީ ހަރަކާތްތައް ކުރުމަށާއި، އެކަށީގެންވާ ނިދުމަށް އިސްކަމެއް ނުދޭ. ދުވަހުން ދުވަހަށް އާދަތަކަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ހަމަހިމޭނުން ނުރައްކަލެއް ކުރިމަތިވަމުން އެބަދޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. ސަޣީރު ފާހަގަކުރެއްވި  ގޮތުގައި މިއަދުގެ ޒުވާން ޖީލަކީ އިހަށްވުރެ ބޮޑަށް ހަރަކާތްތެރިވެ ހެލިފެލިވެ އުޅުންކުޑަ ޖީލެކެވެ. ގިނަ ފަހަރަށް ފަސޭހައަށް އިސްކަންދީ ހަރަކާތްތެރިވެ އުޅުން ދޫކޮށްލައެވެ. ކައިރި ހިސާބަކަށް ދިއުމަށް ސައިކަލު ބޭނުންކުރުން ކަމުގައި ވިޔަސް، ނުވަތަ އަބަދުވެސް އޮންލައިންކޮށް ކާބޯތަކެތި އޯޑަރުކުރުން ކަމުގައި ވިޔަސް، ޖިސްމާނީ ހަރަކާތްކުޑަކަން އާންމު ކަމަކަށްވެ، އިސްތިސްނާ ކަމަކަށް ނުވެ ހިނގައްޖެއެވެ.

މި ޙާލަތަކީ މުޅި ދުނިޔޭގައިވެސް ފެންނަމުންދާ ކަމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނާ ގޮތުގައި، މުޅި ދުނިޔޭގެ %80 އަށްވުރެ ގިނަ ޒުވާނުން އެކަށީގެންވާ މިންވަރަށް ޖިސްމާނީ ހަރަކާތްތައް ނުކުރެއެވެ. އަދި ޖިސްމާނީ ހަރަކާތްކުޑަކަމަކީ މުޅި ދުނިޔޭގައި މީހުން މަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިރިއުޅުމުގެ ވައްޓަފާޅިގެ ސަބަބުތަކުގެ އިތުރުން، ޑރ. ސަޣީރު އިންޒާރުދެއްވަނީ ޖެނެޓިކް ސަބަބުތަކުން ކުރިމަތިވާ ނުރައްކާތަކަށެވެ. ޢާއިލާގެ ތެރޭގައި ހިތުގެ ބަލި، ލޭމައްޗަށްދިއުން، ނުވަތަ ހަކުރުބަލި ޖެހިފައިވާ މީހުން ތިބޭ ޢާއިލާތަކުން ވަކިން ސަމާލުވާންޖެހެއެވެ.

"މިފަދަ މީހުން ޞިއްޙަތު ރަނގަޅުކަމަށް ހީވިޔަސް، ގަވާއިދުން މެޑިކަލް ޗެކަޕްތައް ހަދަންޖެހޭ. އަވަހަށް ބަލި ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ލަފާދެއްވިއެވެ.

ޑރ. ސަޣީރު ލިސްޓުކުރެއްވި ގޮތުގައި ޒުވާނުންގެ މެދުގައި ހިތުގެ ބަލިތައް އަވަހަށް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

ހަރަކާތްކުޑަ ދިރިއުޅުމުގެ ވައްޓަފާޅި
ސިއްޙަތަށް ގެއްލުންހުރި ކެއުމުގެ އާދަތައް
ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވޭޕްކުރުން
އިތުރުވަމުންދާ ނަފްސާނީ ބަލިތަކާއި ކަންބޮޑުވުން

އޭނާ ފާހަގަކުރެއްވި ގޮތުގައި އަސްލު ގޮންޖެހުމަކަށް ވަނީ މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކެވެ. ޒުވާނުންނަކީ  ދިގު މުއްދަތަކަށް ދިރިހުންނާނެ ކަމަށް ލަފާކުރެވޭ ބައެއް ކަމުން، އެމީހުން އެތައް އަހަރުތަކެއް ވާންދެން ދާއިމީ ބަލިތަކާ ކުރިމަތިލާންޖެހޭނެއެވެ. އަދި ސްޓްރޯކް، ކިޑްނީ ބަލި، އަދި ދިރިއުޅުމުގެ ފެންވަރު ދަށްވުން ފަދަ އިތުރު ނުރައްކާތަކާ ކުރިމަތިލާންޖެހުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

ޞިއްޙީ ދާއިރާގެ މާހިރުން ގޮވާލަނީ ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން މެޑިކަލް ޗެކަޕްތައް ހެދުމާއި، ސްކޫލް އުމުރުން ފެށިގެން ދުޅަހެޔޮ ޞިއްޙަތަށް މަގުފަހިވާ އާދަތައް ދިރިއުޅުމުގެ ތެރެއަށް ވައްދަން މަސައްކަތްކުރުމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ދޭ މެސެޖު ސާފެވެ: ހިތުގެ ޞިއްޙަތަކީ މިހާރު ހަމައެކަނި ދުވަސްވީ މީހުންގެ ކަންބޮޑުވުމެއް ނޫނެވެ. މިއީ މިހާރު ޒުވާނުންނާވެސް ގުޅުންހުރި، އަދި އަވަސް ސަމާލުކަމެއް ދޭންޖެހިފައިވާ މައްސަލައެކެވެ.


                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS