ދުނިޔެ
ޓެކްސަސް ފެންބޮޑުވުމުގައި 24 މީހުން މަރުވެ، 23 ކުޑަކުދިން ގެއްލިގެން ހޯދަނީ

ކަރ ކައުންޓީ، ޓެކްސަސް

ފަރުދުން
05 ޖުލައި 2025، 12:09
05 ޖުލައި 2025، 12:09
ހުލާސާ
ރޭ ފަތިހުގެ ވަގުތުތަކުގައި އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ކަރ ކައުންޓީއަށް ކުއްލިގޮތަކަށް ވެހުނު ބޯ ވިއްސާރަގަނޑެއްގެ ސަބަބުން އެ ސަރަޙައްދުގައި އިންތިހާ ދަރަޖައަށް ފެންބޮޑުވެ، ޙާލަތު ވަނީ ގޯސްވެފައެވެ. 300 މިލިމީޓަރުގެ ވިއްސާރަ މި ސަރަޙައްދަށް ރޭގައި ވެހިފައިވާ އިރު، މިއީ ކަރ ކައުންޓީގެ އަހަރީ ވިއްސާރައިގެ ގާތްގަނޑަކަށް ތިންބައި ކުޅަ އެއްބައެވެ. މިކަމާ ގުޅިގެން، ކަރ ކައުންޓީގެ ބައެއް ސަރަޙައްދުތަކަށް އެމެރިކާގެ ޤައުމީ މޫސުމާ ބެހޭ ޚިދުމަތުން ވަނީ "ފްލޭޝް ފްލަޑް އިމަޖެންސީ" އިޢުލާންކޮށްފައެވެ.
މިޙާދިޘާގައި މިހާތަނަށް 24 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން ގާތްގަނޑަކަށް ދިހަ މީހުންގެ ހަށިތަށް ފެނިފައިވާކަމަށް ލިއުޓެނެންޓް ގަވަރނަރ ޑޭން ޕެޓްރިކް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ އިތުރުން ވެސް، ފުރާވަރު (ޓީނޭޖް) ޢުމުރުގެ 23 އަންހެން ކުދިން ވަނީ ޚަބަރެއް ނުވުމުގެ ސަބަބުން ހޯދަން ފަށާފައެވެ. އެކުދިންނަކީ، 700 އަންހެން ކުދިން ބައިވެރިވެގެން ކުރިޔަށްދިޔަ "މިސްޓިކް"ގެ ނަމުން ނަންދެވިފައިވާ ސަމަރ ކޭމްޕެއްގައި ތިބި ކުދިބައެކެވެ. އެކުދިން ސީދާ ގެއްލިފައިވާކަން އަދި ޔަޤީން ނުވާ ކަމަށާއި، ނެޓްވޯކް ދަށްވުމުގެ ސަބަބުން ގުޅުން ކެނޑިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި"ޓެރިބަލް" ޙާދިޘާއާ ގުޅިގެން ޓެކްސަސްގެ ރައްޔިތުންނަށް ޖެހުނު ކޮންމެ ބޭނުމެއް ފުއްދައިދެއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.