ޚަބަރު
ކޮންގްރެސް ޕާޓީގެ ލީޑަރޝިޕުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސިއްޙީ ވަޒީރު ހިންނަވަރަށް ވަޑައިގެންފި

ސިއްޙީ ވަޒީރު ހިންނަވަރަށް ވަޑައިގެންނެވުން---

ފަރުދުން
05 ޖުލައި 2025، 03:43
05 ޖުލައި 2025، 03:43
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ލީޑާރޝިޕްގެ ބޭފުޅުން އަތޮޅުތެރޭގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ސިއްޙީ ވަޒީރު ޢަބްދުالله ނާޒިމް އިބްރާޙިމް ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.
ކޮންގްރެސް ޕާޓީގެ އިސްބޭފުޅުން އަތޮޅު ތެރެއަށް ދަތުރުތަކެއް ފައްޓަވާފައިވާކަން އެ ޕާޓީއިން އިޢުލާންކުރީ ޖޫން 27 ގައެވެ. އަދި އޭގެ ފަހުން އަތޮޅުތެރޭގެ ގިނަ ރަށްރަށަށް ވަޑައިގެން، ރަށްރަށުގައި ތިބި ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނާއި ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
އެގޮތުން ފާދިއްޕޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ސިއްޙީ ވަޒީރު ޢަބްދުالله ނާޒިމް އިބްރާޙިމް ވަނީ އިއްޔެ އެ މަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރ، މުޙައްމަދު ޢަބްދުއްރަޙްމާނު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިންނަވަރަށް ވަޑައިގެން ވަޒީރު ވަނީ ސިއްޙީ ދާއިރާގެ ކަންކަން ހިގާ ނުހިގާގޮތް ބައްލަވާލައްވާފައެވެ. އަދި އެ ރަށުގެ ކޮންގްރެސް ޕާޓީގެ ކައުންސިލް ޕްރައިމަރީގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވެވިއެވެ.
މި ދަތުރުތަކުގެ ތެރެއިން ކޮންގްރެސް ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށާއި މެންބަރުން އިތުރުކުރުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީއިން ހާމަކުރެއެވެ.
ފާދިއްޕޮޅުގެ އިތުރުން، ކޮންގްރެސް ޕާޓީގެ ލީޑާރޝިޕުން މިވަގުތު އަންނަނީ ދ. އަތޮޅާއި، ށ. އަތޮޅާއި، ހދ. އަތޮޅާއި އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ހަރަކާތްތެރިވަމުންނެވެ.