ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިއްދޫއިން ޒުވާނަކު ހައްޔަރުކޮށްފި

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލިލީމާގެ / ހއ.ދިއްދޫ، އިރުފާޙު ޝަފީޤު (25އ)---
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހއ. ދިއްދޫއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އަތުން "މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު" ވަނީ ފެނިފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލިލީމާގެ / ހއ.ދިއްދޫ، އުމުރުން 25 އަހަރުގެ އިރުފާޙު ޝަފީޤުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.