ކުޅިވަރު
ކްލަބް ވޯލްޑް ކަޕް: ދެ ކުޅުންތެރިން މަދުކޮށް ކުޅުނު ޕީއެސްޖީއިން ބެޔާން ބަލިކޮށްފި

ޕީއެސްޖީގެ ޑިޒަޔަރ ޑޮއޫ އުފާފާޅުކުރަނީ---
ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގެ ތިންވަނަ މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ބެޔާން މިއުނިކް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ކީޕަރުންގެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ބެޔާންގެ ޖަމާލް މުސިއާލާގެ ކުޑަ ހުޅަށް ސީރިއަށް އަނިޔާއެއް ލިބިފައިވެއެވެ. އަދި މި މެޗުގައި ޕީއެސްޖީގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައި ވެސް ވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ ނަތީޖާއަށް އެއްވެސް ބަދަލެއް ނައިސް އޮވެއެވެ. މުސިއާލާއަށް އަނިޔާވެފައި ވަނީ އެ ހާފު ނިމެން ދަނިކޮށް، މައިކަލް އޮލީސޭ ފޮނުވާލި ބޯޅައެއް ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، ޖިއާންލުއިޖީ ޑޮނަރުއްމާ އެ ބޯޅައަށް ހުރަސްއެޅުމުގެ ތެރޭގައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބެޔާންގެ ޑެޔޮތު އުޕަމެކާނޯ ބޮލުން ފޮނުވާލި ބޯޅައެއް ޕީއެސްޖީގެ ގޯލަށް ވަނެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. އޭގެ ފަހުން ޕީއެސްޖީގެ ބްރެޑްލީ ބާރކޯލާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ބެޔާންގެ ގޯލްކީޕަރު، މެނުއެލް ނޯޔަރ ދިފާއުކޮށްފައެވެ.
ރޭގެ މެޗުގައި ޕީއެސްޖީއިން ލީޑު ނެގީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާންއާ ދެކޮޅަށް ދެ ގޯލު ކާމިޔާބުކުރި ޑިޒަޔަރ ޑޮއޫއެވެ. މެޗުގެ 78 ވަނަ މިނެޓުގައި އޭނާ މި ގޯލު ކާމިޔާބުކުރީ ވާތުފައިން ތިރިތިރިން ފޮނުވާލައިގެނެވެ.
މި ގޯލު ކާމިޔާބުކުރިތާ 4 މިނެޓުފަހުން ޕީއެސްޖީގެ ޑިފެންޑަރ ޕާޗޯކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ފަހަތަށް ކުޅޭ ހެނާންޑޭޒްއަށް ރަތް ކާޑު ދެއްކީ، ބޯޅަ ހޯދުމަށް ދުވަނިކޮށް އޭނާގެ އުޅަނބޮށިން އިދިކޮޅު ކުޅުންތެރިއާގެ މޫނުމަތީގައި ޖެހިގެނެވެ.
ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކުރީ އިތުރުވަގުތެ 6 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭއެވެ.
މި ނަތީޖާއާއެކު ބެޔާން މުބާރާތުން ކެޓިއިރު، މެޗުގެ ފަހުކޮޅު ކުޅެން ނިކުތް ތޯމަސް މުލާރ ދެން ބެޔާންގެ ޖާޒީގައި ޕްރޮފެޝަނަލް ފުޓުބޯޅައެއް ނުކުޅޭނެއެވެ. އޭނާ ވަނީ މެދުކެނޑުމެއް ނެތި 17 އަހަރު ބެޔާންއަށް ކުޅެދީފައެވެ.