ކޮލަމް
ޕަޗޫ ޖަލޫރު: އިންޑޮނޭޝިޔާގެ ޘަޤާފީ ބޯޓު ދުއްވުމުގެ ހައިބަތު

ޕަޗޫ ޖަލޫރުގެ މަޝްހޫރު "އޯރާ ފާމް ކުރާ ކުއްޖާ"

ފަރުދުން
06 ޖުލައި 2025، 11:31
06 ޖުލައި 2025، 11:31
"ޕަޗޫ ޖަލޫރު" އަކީ އިންޑޮނޭޝިޔާގެ ރިޔާއު ޕްރޮވިންސުގެ ކުއަންޓަން ސިންގިންގި ސަރަޙައްދުގެ ބަޓަންގ ކުއަންޓަން ކޯރުގައި އެވޭލާ ޒަމާނުއްސުރެ ކޮންމެ އަހަރަކު ކުޅެމުން އަންނަ ފޯރިގަދަ ޘަޤާފީ ކުޅިވަރެކެވެ. މިކުޅިވަރުގެ ބެލުންތެރިންގެ ޢަދަދު ކޮންމެ އަހަރަކު ތިންލައްކައަށް ވުރެ ގިނައެވެ. މިދިޔަ އަހަރު ބޭއްވުނު ޕަޗޫ ޖަލޫރު ޙަރަކާތުގައި ބައިވެރިވި "އޯރާ ފާމް ކުރާ ކުއްޖާ" ގެ ބައެއް ފުޓޯތަކާއި ވީޑިޔޯތައް ސޯޝަލް މީޑިޔާގައި މިފަހަކުން ދަނީ ހަލުވިކަމާއެކު ދައުރު ވަމުންނެވެ. ވީމާ، މިދަނޑިވަޅުގައި، މިކުޅިވަރާ ބެހޭ މުހިންމު މަޢުލޫމާތުތަކަށް އަލިއަޅުވާލާނަމެވެ.
ޕަޗޫ ޖަލޫރުގެ އަޞްލު
ޤަދީމީ ޒަމާނުގައި ޕަޗޫ ޖަލޫރު ބޭނުންކުރެވެމުން އައީ ޢާންމު ރައްޔިތުން މުދާ ނަޤުލު ކުރުމަށާއި ދަތުރުފަތުރު ކުރުމުގެ ބޭނުމުގައެވެ. އެއީ ބިމުގެމަގުން ދަތަރުކުރުމުގެ ވަޞީލަތްތައް އޭރު ތަނަވަސްވެފައި ނެތުމުގެ ސަބަބުންނެވެ. އެއަށްފަހު، ޢިއްޒަތްތެރި މެހެމާނުންނަށް މަރުޙަބާ ކިޔުމުގެ ގޮތުންނާއި، އިސްލާމީ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގައި ޕަޗޫ ޖަލޫރު ބޭނުންކުރެވެން ފެށިއެވެ. ނަމަވެސް، މިއަދު މިކުޅިވަރަކީ އިންޑޮނޭޝިޔާގެ ޘަޤާފީ ތަރިކަ ޙިމާޔަތްކުރުމުގެ މަޤުޞަދުގައި، އޮގަސްޓް 17 ކަމުގައިވާ އެޤައުމުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވޭ ޙަރަކާތެކެވެ. މިއަހަރުގެ ޕަޗޫ ޖަލޫރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕަޗޫ ޖަލޫރު ކުރިއަށްދާ ގޮތް
ގާތްގަނޑަކަށް 50 ނުވަތަ 60 މީހުން ހިމެނޭ ޓީމުތަކަކަށް ޕަޗޫ ޖަލޫރުގެ ބައިވެރިން ބަހާލެވެއެވެ. ކޮންމެ އަހަރަކު މިޙަރަކާތުގައި 200 އަށް ވުރެ ގިނަ ޓީމު ބައިވެރިވާއިރު، މިއިން ކޮންމެ ޓީމެއް އެބައެއްގެ "ޖަލޫރު" ގައި ފަލި ޖަހައި، އެއް ޓީމު އަނެއް ޓީމާ ވާދަ ކޮށް، ކުރިއަރާދިޔުމަށް މަސައްކަތް ކުރެއެވެ. މޮޅުވާ ޓީމަކީ އެންމެ ފުރަތަމަ ވާދަ ނިންމާލާ ޓީމެވެ. "ޖަލޫރު" އަކީ ލަކުޑިން ފަރުމާކޮށްފައި ހުންނަ، ދިގުމިނުގައި 25-40 މީޓަރު އަދި ފުޅާމިނުގައި ގާތްގަނޑަކަށް 1.5 މީޓަރު ހުންނަ، ކެނޯ ފަދަ ޒާތަކަށް ހަދާފައި ހުންނަ ހަނި، ދިގު ބޯޓު ތަކެކެވެ. ޖަލޫރު ބަނުމަށް ރައްޔިތުން އިޚްތިޔާރުކުރަނީ ޖަންގަލިން ހޯދާ ތެދު، ދިގު ލަކުޑިއެވެ.

"ޖަލޫރު" ބޯޓެއް
ކުޅުންތެރިންގެ މަސައްކަތްތައް
ފާހަގަކޮށްލެވޭ ގޮތުގައި، މިކުޅިވަރު ކުޅޭ ކޮންމެ ޓީމަކުން ވެސް ދައްކުވައިދެނީ އެއްބައިވަންތަކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ ލާމަޘީލު ނަމޫނާއެކެވެ. ކޮންމެ ކުޅުންތެރިއަކަށް ވެސް ޚާއްޞަ މަސައްކަތެއް ޙަވާލުކުރެވިގެންދާނޭ ހެން، ޓީމުގެ މަސައްކަތްތައް ނުހަނު ރޭވުންތެރިކަމާއެކު ވަނީ ބަހާލެވިފައެވެ. މިގޮތުން، "ކޮންޗަންގ" ގެ މަސައްކަތަކީ ފަލިޖަހާ މީހުންނަށް މިސްރާބު އޮޅުންފިލުވައިދުނުމެވެ. އަދި "ޓުކަންގ ޕިންގަންގ" ގެ ކަމަކީ ހުންގާނު އެނބުރުމެވެ. ދިޔަހިއްކުމުގެ މަސައްކަތް "ޓުކަންގ ޓިންގާ" އަށް ލިބިގެންވީއިރު، ޓީމުގެ ގިނަ ބައިވެރިންނަކީ "އަނަކް ޕަޗޫ" ނުވަތަ ފަލިޖެހުންތެރިންނެވެ. އެހެނަސް، މިއެންމެހައި ރޯލުތަކަށް ވުރެ ބޮޑަށް ބައިނަލްއަޤްވާމީ ބެލުންތެރިންގެ ސަމާލުކަން ދަމައިގަތީ "ޓުކަންގ ޓަރި" ގެ ރޯލެވެ. މީނާގެ މަސައްކަތަކީ ޖަލޫރުގެ އެންމެ ކުރީގައި ހުރެގެން ނެށުމެވެ. މިކަމުގެ ބޭނުމަކީ ކުޅިވަރަށް ފޯރީގެ ކުލަވަރު ގެނުވާ، ކުޅުންތެރިންގެ މެދުގައި ކުޅިވަރުގެ ރޫޙު އާރޯކުރުވުމެވެ.
"އޯރާ ފާމް ކުރާ ކުއްޖާ"
އިސްވެދެންނެވުނު ޓުކަންގ ޓަރި ގެ ރޯލު ޢާއްމުގޮތެއްގައި އަދާކުރަނީ ކުޑަކުދިންނެވެ. މިކުދިން ނަށާކަށް ވަކި ނެށުމެއް ކަނޑައަޅާފައެއް ނޯވެއެވެ. ވީމާ، ކޮންމެ ކުއަޖަކު ވެސް ދައްކުވައިދެނީ ތަފާތު މޮޅު ނެށުމެކެވެ. ކަންމިހެން އޮތް އިރު، އިޖުތިމާޢީ ވިއުގަތަކުގައި އެންމެ ބޮޑު ޝުހުރަތެއް ހޯދާފައިވަނީ މިކުއްޖާއެވެ:
The kid from the ‘Pacu Jalur’ boat race is currently going viral on the internet. pic.twitter.com/AIArK51s1i
— Indonesian Pop Base (@IndoPopBase) June 30, 2025
ޓިކްޓޮކާއި އިންސްޓަގްރާމުގައި މީނާ މަޝަހޫރުވެފައިވަނީ "އޯރާ ފާމް" ކުރާ ކުއްޖާގެ ނަމުންނެވެ. ޒަމާނީ ބަހުރުވައިގައި "އޯރާ" އަކީ "ސަޅި" ކަމެއް ކުރުމުން މީހެއްގެ ފުށުން ފާޅުވާ މޮޅުކަމާއި ހައިބަތެވެ. "ފާމް" ކުރުމަކީ ދަނޑުވެރިކަމެވެ. މަޖާޒީ އިސްތިޢުމާލުގައި މިބަހުގެ މުރާދަކީ އެމީހެއްގެ "އޯރާ" ގިނަވާ ފަދަ ކަންކަން ކުރުމެވެ. ދަނޑުވެރިޔާ އިންދާ އޮށްތަކުން ފަޅާ ގޮވާމުގެ ކުރާގަނޑުތަކުގައި ހުންނަ އޮށްތަކުގެ ޢަދަދު ގިނަގުނަވެ އިތުރުވާ އުޞޫލުންނެވެ. މީނާގެ "އޯރާ" ގެ ވަރުގަދަ ކަމުން، ގިނަ ބަޔަކު ދަނީ މީނާގެ ނެށުން ނަކަލުކޮށް، އަމިއްލަ ވީޑިޔޯތައް ހަދާ ފަތުރަމުންނެވެ.
ޕަޗޫ ޖަލޫރު ބަލައިލުމަށް މިހާރު ވެސް ނުހަނު ގިނަ ފަތުރުވެރިން އިންޑޮނޭޝިޔާއަށް އަންނަ އިރު، މިކުއްޖާގެ ސަބަބުން މިއަހަރުގެ ބެލުންތެރިން ޚާއްޞަގޮތެއްގައި އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.