ކުޅިވަރު

އިތުރު ވަގުތު އެމްބައްޕޭ ޖެހި ރީތި ގޯލާއެކު ރެއާލް ސެމީއަށް

އިތުރު ވަގުތު އެމްބައްޕޭ ޖެހި ރީތި ގޯލާއެކު ރެއާލް ސެމީއަށް

ކީލިއަން އެމްބައްޕޭ ރެއާލް މެޑްރިޑްގެ ތިން ވަނަ ގޯލު ކާމިޔާބުކުރަނީ، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ޖުލައި 2025، 10:57

06 ޖުލައި 2025، 10:57

ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ދަންވަރު ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ގެސްޓްރައިޓިސްގެ ސަބަބުން ގްރޫޕް ސްޓޭޖުގެ މެޗުތަށް ނުކުޅެވުނު ކީލިއަން އެމްބައްޕޭ ރޭ ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެއީ މި މުބާރާތުގައި އޭނާ ފެނުނު ދެވަނަ މެޗެވެ. 

ރެއާލް މޮޅުކޮށްދިން ގޯލަކީ އާރދާ ގޫލާރގެ ހުރަހަކުން މެޗުގެ އިތުރު ވަގުތު އެމްބައްޕޭ ކާމިޔާބުކުރި "އޯވަރ-ހެޑް ކިކް" އެކެވެ. އެ ގޯލާއެކު ރެއާލްގެ ދެ ގޯލުގެ ލީޑު އަނބުރާ ލިބިފައި ވަނިކޮށް، މެޗު ނިމުމުގެ ކުރިން ޑޯޓްމަންޑުން އިތުރު ގޯލެއް ކާމިޔާބުކޮށް އުއްމީދެއް ހޯދިއެވެ. ނަމަވެސް މެޗު ނިމުނީ ރެއާލް ކުރީގައި އޮވެގެނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ރެއާލްއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެއީ 10 ވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ގޮންޒާލޯ ގާސިއާ އަދި ފްރެން ގާސިއާ ކާމިޔާބުކުރި ގޯލުތަކުންނެވެ. 

ފުރަތަމަ ގޯލު ކާމިޔާބުކުރި އުމުރުން 21 އަހަރުގެ ގޮންޒާލޯ ގާސިއާ ވަނީ މުބާރާތުގެ ކޮންމެ މެޗެއްގައި ގޯލެއް ނުވަތަ އެސިސްޓެއް ކޮށްދީފައެވެ. އޭނާ މިހާތަނަށް މުބާރާތުގައި 4 ގޯލު ކާމިޔާބުކޮށްފައިވާއިރު، ދެން މި އަދަދަށް ގޯލު ކާމިޔާބުކޮށްފައިވަނީ މުބާރާތުން ކަޓާފައިވާ ބެންފީކާގެ އެންޖެލް ޑި މާރިއާ އާއި އަލް ހިލާލްގެ މާކޮސް ލިއަނާޑޯއެވެ. 

ރޭގެ މެޗުގައި ޑޯޓްމަންޑުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ވެސް އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. މެކްސިމިލިއަން ބެޔާގެ މި ގޯލާއެކު އުއްމީދު އައުކުރި ފަހުން ރެއާލްގެ ލީޑު ދެވަނަ ފަހަރަށް ފުޅާކުރީ އެމްބައްޕޭއެވެ. އަދި މެޗު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޑޯޓްމަންޑްގެ ފޯވާޑް ސޭހޫ ޖިއުރާސީ ވަނީ ރެއާލްގެ ލީޑު އަނެއްކާ ވެސް ހަނިކޮށްފައެވެ. ނަމަވެސް އެ ޓީމަށް މެޗުގެ ނަތީޖާ އަނބުރައެއް ނުލެވުނެވެ.

ސެމީފައިނަލްގައި ރެއާލް ނިކުންނަން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ. އެ މެޗު ތާވަލުކޮށްފައި ވަނީ ބުދަ ދުވަހަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS