ދުނިޔެ
ޞުލްޙައިގެ މަޝްވަރާއަށް އިޒްރާއިލުން ޤަޠަރަށް

ޖުލައީ 3 ގައި އިޒްރާއީލުން ޣައްޒާއަށް ދިން ހަމަލާ

ފަރުދުން
06 ޖުލައި 2025، 01:00
06 ޖުލައި 2025، 01:00
ޞުލްޙަ ޤާއިމްކުރުމަށް ތައްޔާރުކަމަށް ބުނެ ހުކުރު ދުވަހު ޙަމާސްއިން އެންގި އެންގުމާ ވިދިގެން، އެކަމުގެ މަޝްވަރާތައް ކުރުމަށް ޤަޠަރަށް މީހުން ފޮނުވަން އިޒްރާއީލުން ނިންމައިފިއެވެ. އިޒްރާއީލުގެ ޕްރައިމް މިނިސްޓަރ ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޞުލްޙައިގެ އެއްބަސްވުމަށް ޙަމާސް އިން އިތުރުކުރި "އެއްބަސްވާން ދަތި" ބަދަލުތަކެއް ހުރި ނަމަ ވެސް، ޞުލްޙައިގެ ދަޢުވަތު އިޒްރާއީލުން ވަނީ ބަލައިގެންފައެވެ. މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިއަދު އިޒްރޭލުގެ އޮފިށަލުން ޤަޠަރަށް ފުރާނެކަމަށް ވެސް އެ އޮފީހުން ވަނީ އަންގާފައެވެ.
މީގެ ކުރިން ޙަމާސް އިން ޝަރުޠު ކޮށްފައިވާ ކަންކަމަކީ: ހަނގުރާމަ މުޅިން ހުއްޓައިލުމާއި، ޣައްޒާގެ އިންތަކުން އިޒްރާއީލު ސިފައިން ނުކުމެ އެތަނުގައި އެމީހުން ބާރުނުފޯރުވުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެކަމުގެ މަގު ފަހި ކޮށްދިނުމެވެ. ފަލަސްޠީނުގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި، މިޝަރުޠުތަކުގެ އިތުރަށް، ޞުލްޙައިގެ އެއްބަސްވުން ޤާއިމުނުވި ކަމުގައި ވިޔަސް، އިޒްރާއީލުގެ ޢަދާތްވާތްތެރިކަން މުޅިން ހުއްޓާލުމަށް ޙަމާސް އިން ވަނީ ޝަރުޠު ކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ މިކަންކަން ގާތުން ބައްލަވަމުންނެވެ. ޞުލްޙައިގެ އެއްބަސްވުމާ ގުޅޭ ގޮތުން ހުކުރު ދުވަހު ޙަމާސް އިން ދިން ރައްދަކީ "ރަނގަޅު" ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މާދަމާގެ ވަޤުތެއްގައި ނެތަންޔާހޫއާ އޭނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޞުލްޙަކުރުމުގެ ޝައުޤުވެރިކަން އިޒްރާއީލުން ފާޅުކުރި ނަމަވެސް، އެމީހުންގެ ޢަމަލުތަކުން ދައްކުވައިދެނީ މުޅިން އެހެން މަންޒަރެކެވެ. އިއްޔެގައި ވެސް ފަލަސްޠީނުގެ 35 މީހަކު އިޒްރާއީލުން ޝަހީދުކޮށްލައިފާ ވާކަމަށް ޙަމާސް އިން ވަނީ ހާމަކޮށްފައެވެ.