ޚަބަރު
އައު ޓާރމިނަލްގައި ޗެކިންކުރާ ސްޕީޑް އަވަސްވެ، ބޭނުންކުރާނީ ޒަމާނީ ވަސީލަތްތައް: އެމްއޭސީއެލް

އައު ޓާރމިނަލްގައި ބެގޭޖު ސްކޭން ކުރުމަށް ބޭނުންކުރާނެ މެޝިން، ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލްގައި ޒަމާނީ 3-ޑީ މެޝިން ބޭނުންކުރަން ނިންމާފައިވާތީ، ބެގޭޖު ޗެކިން ކުރެވޭ މިންވަރު މިހާރަށްވުރެ އަވަސްވާނެކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އައު ޓާރމިނަލްގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިން ސިސްޓަމަކީ މެލޭޝިއާގެ ކުއަލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމެކެވެ.
އެގޮތުން އައު ސިސްޓަމުން މިނެޓެއްގެ ތެރޭގައި 20 ދާގީނާ ސްކްރީން ކުރެވޭނެކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ. އަދި ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރުމަށް ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެ ކަމަށާއި، މުޅި ސިސްޓަމްގެ %80 ނުވަތަ %90 މަސައްކަތް ކުރިއަށްދާނީ އޮޓަމެޓިކްކޮށްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ބެގޭޖު ސްކްރީން ކުރުމުގެ މަރުހަލާ މިހާތަނަށް ކުރިޔަށް ގޮސްފައިވާ ގޮތަށް އަލުއަޅުވާލައި އެމްއޭސީއެލްއިން ހާމަކުރީ، ޓާރމިނަލްއަށް ވަނުމުގެކުރިން ފަސިންޖަރުން ދިގު ކިއުއެއްގައި މަޑުކުރަން ޖެހެނީ، ދާގީނާ ސްކްރީންކުރުމުގެ ކަންތައް މިހާރު އޮތްގޮތުންކަމަށެވެ. އަދި ދާގީނާ ހުޅުވަންޖެހޭ ހާލަތްތަކުގައި، އެހެން ފަސިންޖަރުންގެ ކުރިމަތީގައި މިކަން ކުރަންޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލޭކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ދާގީނާ ސްކޭން ކުރުމުގައި އެންމެ ސެކިއުރިޓީ މަރުހަލާއެއް އޮތުމަކީ ވެސް ގޮންޖެހުމެއްކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.
އެމްއޭސިއެލްއިން ބުނީ، އައު ޓާރމިނަލްގައި މިކަންކަން ތަފާތު ވާނެކަމަށެވެ. އެގޮތުން އައު ޓާމރިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭންކުރަން ނުޖެހޭނެ ކަމަށާއި، ޓާރމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެކަމަށް ވިދާޅުވިއެވެ. އައު ޓާރމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ 6 ކިއޮކްސް ހުންނާނެއެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެ ކަމަށާއި މީގެ ސަބަބުން ޓާރމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ޚިދުމަތް އަވަސްވާނެކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
އައު ޓާރމިނަލްގައި ދާގީނާ ސްކޭން ކުރުމުގައި ތިން މަރުހަލާއެއް ހިމެނެއެވެ.
ފުރަތަމަ މަރުހަލާ:
- ޗެކިން ވުމަށްފަހު ދޫކޮށްލާ ދާގީނާ ފުރަތަމަ ދާނީ މި މަރުހަލާއަށް
- މި މަރުހަލާގައި ދާގީނާތަކުގެ ސްކްރީންތައް ކުރިއަށްދާނީ އޮޓަމެޓިކް ސިސްޓަމްތަކަކުން
- އެކަމަށްޓަކައި ބޭނުންކުރާނީ އެންމެ ފަހުގެ އީޑީއެސް (ސީޓީއެކްސް) ކެޕޭސިޓީގެ 4 މެޝިން
- މިއީ ތްރީ-ޑީކޮށް ދާގީނާ ސްކްރީން ކުރާ މެޝިންތަކެއް، މިއީ ރާއްޖޭގައި މިފަދަ މެޝިންތަކެއް ބޭނުންކުރާ ފުރަތަމަ ފަހަރު
- މި މަރުހަލާ އިން އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދާގީނާ ދެން ފޮނުވާލާނީ 2 ވަނަ މަރުހަލާއަށް
ދެވަނަ މަރުހަލާ:
- މިއީ އޮޓަމޭޓެޑް މެޝިނުން ފާހަގަވި ކަންތައް އިތުރަށް ކަށަވަރު ކުރުމަށް ފޮނުވާ މަރުހަލާ
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ އޮފިސަރުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން
- އެގޮތުން އެވްސެކޮމްގެ އޮފިސަރުންނަށް ހާއްސަ 18 މޭޒާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ހާއްސަ 22 މޭޒު ހުންނާނެ
- ނަމަވެސް އެ އޮފިސަރުން ދާގީނާ ސްކްރީން ކުރުމުގެ މަސައްކަތް ކުރާނީ ސިސްޓަމެއް މެދުވެރިކޮށް
- މި މަރުހަލާ އިން އެއްވެސް މައްސަލައެއް ފާހަގަނުވެއްޖެ ނަމަ ދާގީނާ އަނބުރާ އާންމު ރޫޓަށް ފޮނުވާލެވޭނެ
- މައްސަލައެއް ފާހަގަވެއްޖެ ނަމަ ދާގީނާ ފޮނުވާލާނީ ތިންވަނަ އަދި އެންމެ ފަހު މަރުހަލާއަށް
ތިންވަނަ މަރުހަލާ:
- މިއީ އާ ޓާމިނަލްގެ ދާގީނާ ހޭންޑްލިން ސިސްޓަމުން ދާގީނާ ސްކްރީން ކުރާނެ އެންމެ ފަހު މަރުހަލާ
- މި މަރުހަލާގައިވެސް ދާގީނާ ސްކްރީން ކުރާނީ އެވްސެކޮމްގެ އޮފިސަރުން
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ ޑުއަލް ވިއު ސްކްރީނިން މެޝިންތަކުން. މިއީ މިހާރުވެސް ބޭނުންކުރާ އަޔާޓާ ސްޓެންޑަޑްގެ މެޝިންތަކެއް
- އެކަމަށްޓަކައި 6 ސްޓޭޝަން ހުންނާނެ
މި މަރުހަލާގައި ދާގީނާއިން މަތިންދާ ބޯޓަށް އެރުވުން މަނާ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ ދާގީނާ ހުޅުވާނެއެވެ. އެގޮތުން އެކަން ކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ގެންދިއުމަށްފަހުއެވެ. ދާގީނާއެއް ހުޅުވާނީ އެ ދާގީނާއެއް ނިސްބަތްވާ މީހަކު ގެނެސް އޭނާގެ ހާޒިރުގައެވެ. އަދި ދާގީނާއިން ނަގަންޖެހޭ އެއްޗެއް ފާހަގަވެއްޖެ ނަމަ، އެ އެއްޗެއް ނެގުމަށްފަހު ދާގީނާ ލޯޑް ކުރަން ފޮނުވާލެވޭނެއެވެ.
އެރައިވަލް ޓާރމިނަލްއަށް ބަލާލާއިރު، އެ ޓާރމިނަލްގައި ދާގީނާ ނެރުމަށް 6 ބެލްޓު ހުންނާނެކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ. އަދި މިކަމަށް ބޭނުންކުރާނީ ހައި ސްޕީޑް މެޝިންކަމުން ދާގީނާ ލިބެންދެން މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރެވޭނެކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކަށެވެ. އެގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއާއި އިންޓަނޭޝަނަލް އެއަރޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފުރިހަމައަށް އެމްއޭސީއެލުން އަމަލުކުރަންޖެހެއެވެ.