ޚަބަރު
ސައިބާރ ބުލީކުރުމަށް ބޭނުންކުރާ "ކޮންފެޝަން" ޕޭޖުތަކެއް ފުލުހުން ހުއްޓުވައިފި

ސްކޫލްތަކަކަށް ނިސްބަތްވާ 2 ކޮންފެޝަން ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ---
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ގަނާކުރަމުން އައި ޕޭޖުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްޓުވައިފިއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސައިބާ ބުލީގެ ޢަމަލު ހިންގަމުން ދިޔަ "ކޮންފެޝަން" ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެފަދަ ކަންކަން ހުއްޓުވުމަށް އެ ސާރވިސަސްއިން ޙާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.
މިހާރު ގިނަ ދަރިވަރުންނަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރާ ކުދިންކަމުން، އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ގަނާކުރުން އާންމުވެފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އެގޮތުން މާލޭގެ ސްކޫލްތަކަކަށް ނިސްބަތްވާ 2 ކޮންފެޝަން ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާކަމަށް އެ ސާރވިސަސްއިން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، މިފަދަ ޕޭޖުތައް ހިންގަނީ ވެސް ސްކޫލް ދަރިވަރުންކަން ހާމަވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް އެ ޕޭޖްތަކުގައި ޝާއިއުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.