ޚަބަރު
ޤައުމެއްގެ ޞިއްޙަތަކީ އެ ޤައުމެއްގެ ތަރައްޤީއާ ގުޅިފައިވާ ކަމެއް: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް
ޙަޤީޤީ މާނައިގައި ޤައުމެއް ތަރައްޤީ ކުރެވޭނީ އެ ޤައުމެއްގެ ޞިއްޙަތު ވެސް ކުރިއަރައިގެން ގޮސްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤައުމީ ތަރައްޤީއަކީ ޞިއްޙީ ތަރައްޤީއާ ގުޅިލާމެހިފައިވާ ކަމެއްކަމަށާއި، މީގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތުވެސް ހިމެނޭ ކަމުގައެވެ.
ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި އިއްޔެ ހަވީރު ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައެވެ. އަދި ފަންނިއްޔާތާއެކީ ޞިއްޙީ ދާއިރާއަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކޮށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫޢަކީ، ދިވެހި ޞިއްޙީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްކަމުގައެވެ.
އެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައު ޚިދުމަތްތަކެއް ވެސް ތަޢާރަފްކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންޑޯމެޓްރިއޯސިސް ޚިދުމަތާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް ހިމެނެއެވެ.
މީގެއިތުރުން މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި، ދިވެހިރާއްޖޭގެ ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވާފައެވެ. މިއީ އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި، ވަސީލަތްތައް ބޭނުންކޮށްގެން، ޓެލެކޮމިއުނިކޭޝަން މެދުވެރިކޮށް ޚާއްސަ ވިއުގައަކުން ސިއްޙީ ޚިދުމަތުގެ ނިޒާމު ގުޅާލެވޭ ޚިދުމަތެކެވެ.
މި ޖަލްސާގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ޚިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީފިލާ ޙަވާލުކޮށްދެއްވުން މިޖަލްސާގައި އޮތެވެ. މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.