ޚަބަރު
ލޮނުފެނުން މަސް ފިނިކުރުމަށް ދޫކުރާ ލޯނަށް އެދި 69 ފަރާތަކުން ހުށަހަޅައިފި

ފޮޓޯ: ގްރީންޕީސް

ފަރުދުން
07 ޖުލައި 2025، 11:50
07 ޖުލައި 2025، 11:50
ލޮނުފެން ބޭނުންކޮށްގެން އޮޑިދޯނިފަހަރުގައި މަސް ފިނިކުރާ ވަޞީލަތް ޤާއިމުކުރުމުށް، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ދޫކުރާ ލޯނަށް އެދުމަށް ހުޅުވާލި އެންމެ ފަހު ހުޅުވާލުމާ ވިދިގެން އެލޯނަށް އެދި 69 ފަރާތަކުން ހުށަހަޅާފައިވާކަމަށް އެވުޒާރާއިން ހާމަކޮށްފިއެވެ. މީގެތެރެއިން 21 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ލޯނުތައް ދޫކުރުމުގެ ކަންކަން މިހާރު ވަނީ ފަށާފައެވެ.
މިފުރުޞަތު ފުރަތަމަ ހުޅުވާލެވުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް، އިތުރު ލުއިފަސޭހަތަކަކާއެކު އަލުން މިފުރުޞަތު ހުޅުވައިލުމަށް އެވުޒާރާއިން ވަނީ ނިންމާފައެވެ. މިލުއިފަސޭހަތަކުގެ ދަށުން، އަލަށް ބަންނަ އޮޑިފަހަރަށް ވެސް އާރްއެސްޑަބްލިޔު ނިޒާމް ހަރުކުރުމަށް ލޯނަށްއެދި ހުށަހެޅުމަށް ވަނީ ތަނަވަސް ވެފައެވެ. މިނިޒާމް ޤާއިމް ކުރުމަށް ބަލާ ކްރެޑިޓް ހިސްޓަރީ 1 އަހަރުދުވަހުން 3 މަސްދުވަހަށް ކުޑަކުރެވިފައިވުމާއި، އަވިން ހަކަތަ އުފައްދާ ޖެނެރޭޓަރު ގަތުމުގެ ފުރުޞަތު ލިބުމަކީ ވެސް ފަހުގެ ހުޅުވާލުމުގައި އިޞްލާޙުކުރެވިގެން ދިޔަ ކަންކަމެވެ. ރަހުނަކާ ނުލާ 100،000-200،000 ރުފިޔާ މިލޯނުގައި ދޫކުރާއިރު، ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭޑް ޕީރިޔަޑަކާއި 10 އަހަރު ދުވަސް ލިބޭނެއެވެ.
މިނިޒާމުގެ ފައިދާތަކުގެ ތެރޭގައި، ބާނާ މަސް މުޅަކަމެއްނެތި ކަނޑުމަތީގައި ގިނަވަޤުތުތަކެއް ވަންދެން ގެންގުޅެވުމާއި، އައިސް ޕްލާންޓްތަކަށް ކުރާ ޚަރަދުތައް ކުޑަވެގެންދިޔުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން މަސްވެރިންނަށް ފަސޭހަވެ، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ތަރައްޤީ ވުމަށް މަގުފަހިވާނެއެވެ.