ކޮލަމް / ސައިންސް
މުޅިރޭ ޗާޖަށްޖަހާފަ ބޭއްވުމުން ސްމާޓްފޯނުގެ ބެޓެރީއަށް ގެއްލުން ވޭތަ؟

ރޭގަނޑު ފޯނު ޗާޖަށް ޖެހުން ފޮޓޯ:އިންޓަނެޓް
ސްމާޓްފޯނުގެ ޓެކްނޮލޮޖީ ކިތަންމެ ކުރިއަރާފައި ވީނަމަވެސް، ބެޓެރީ ދުވާލަކު އެއްފަހަރު ނަމަވެސް ޗާޖުކުރަން ޖެހެއެވެ. އެހެންކަމުން، ގިނަ މީހުން އިސްކަންދެނީ ރޭގަނޑު ފޯނު ޗާޖުކުރުމަށެވެ. އެއީ ޖެހިގެން އަންނަ ދުވަހު އުނދަގުލެއް ނެތި ފޯނު ބޭނުންކުރެވޭނެތީއެވެ.
ނަމަވެސް، ގިނަފަހަރު ބުނެވެނީ ރޭގަނޑު ފޯނު ޗާޖުކުރުމަކީ ބެޓެރީއަށް ގެއްލުންވާ ކަމެއް ކަމަށެވެ. އެއީ ޙަޤީޤަތުގައިވެސް ތެދެއްތޯއެވެ؟
މި ސުވާލުގެ ޖަވާބު އެހާ ފަސޭހައެއް ނޫނެވެ. މިކަން ދެނެގަތުމަށްޓަކައި ފޯނު ޗާޖުކުރުމުގެ އުސޫލު މަސައްކަތްކުރާ ގޮތުގެ އަސާސީ މަޢުލޫމާތު އެނގެން ޖެހެއެވެ.
ޒަމާނީ ސްމާޓްފޯނުތަކުން ޗާޖުކުރުމުގެ މަރުހަލާ ގެންގުޅެނީ ކިހިނެއް؟
މިހާރު ސްމާޓްފޯނުތައް ފަރުމާކޮށްފައި ހުންނަނީ އޭގެ ބެޓެރީތަކާއި އެތެރޭގެ ބައިތައް ރައްކާތެރިކުރެވޭ ގޮތަށެވެ. ފޯނު ޕްލަގް އިން ކުރުމުން، ފުރަތަމަ އަވަހަށް ޗާޖުވާން ފަށައެވެ. ނަމަވެސް، މި ސްޕީޑު މަޑުމަޑުން ލަސްވަމުން ދެއެވެ. ބެޓެރީ %100 އަށް ފުރުމުން ޗާޖުވުން ހުއްޓެއެވެ.
ނަމަވެސް، ޗާޖުވުން ހުއްޓުމަށްފަހު، ބެޓެރީ މަޑުމަޑުން ހުސްވާން ފަށައެވެ. އެއަށްފަހު %99 އާ ހަމައަށް ދަށްވުމުން، އަލުން %100 އަށް ފުލްވަންދެން ޗާޖުވެއެވެ. މި ޕްރޮސެސް ޗާޖަރު ނައްޓާލަންދެން ތަކުރާރުވަމުންދެއެވެ. އެހެންކަމުން، ފޯނުތައް ޓެކްނިކަލީ "އޯވަރ ޗާޖު" ނުވިޔަސް، ރޭގަނޑު މުޅި ވަގުތު ގާތްގަނޑަކަށް ހަމަ އެއް ޗާޖިންގ ސައިކަލެއްގައި ދެމިހުރެއެވެ.
100% އަށް ޗާޖުކުރުން އެ އެންމެ ރަނގަޅު ނުވަނީ ކީއްވެ؟
ސްމާޓްފޯނު އުފައްދާ ފަރާތްތަކުން ބުނާގޮތުގައި، ބެޓެރީ ފުރިހަމައަށް ޗާޖުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ޙަޤީޤަތުގައި، ބެޓެރީ ފުރިހަމައަށް ޗާޖު ނުކުރުން މާ ރަނގަޅެވެ. އެއީ ބެޓެރީއަށް ލިބޭ މަތީ ވޯލްޓޭޖުގެ ސަބަބުން ދިގު މުއްދަތަކަށް ގެއްލުން ލިބިދާނެތީއެވެ.
ހުރިހާ ފޯނެއްގެ ބެޓެރީ ތަކެއްވެސް ޒަމާނާއެކު ޤުދުރަތީގޮތުން ހަލާކުވަމުންދެއެވެ. ނަމަވެސް ރޭގަނޑު ޗާޖުކުރުމުން މިގޮތަށް ހަލާކުވުން އަވަސްވެދާނެއެވެ.
ރޭގަނޑު ޗާޖުކުރުމަކީ ގެއްލުންހުރި ކަމެއްތަ ؟
އެހެންވީމާ، ރޭގަނޑު ޗާޖުކުރުމަކީ ގެއްލުންހުރި ކަމެއްތޯ؟
ޖަވާބަކީ: މަދު މަދުން ރޭގަނޑު ޗާޖުކުރުމަކީ ގެއްލުންހުރި ކަމެއް ނޫނެވެ. ނަމަވެސް މިއީ ކޮންމެ ދުވަހަކު ކުރާ އާދައަކަށް ހެދުމުން ބެޓެރީގެ އުމުރަށް އަސަރުކޮށްފާނެއެވެ.
ކޮންމެހެން ރޭގަނޑު ފޯނު ޗާޖުކުރަން ޖެހޭނަމަ، "އޮޕްޓިމައިޒްޑް ޗާޖިންގ" ފީޗަރ އެކްޓިވޭޓް ކުރުމަށް ފޯނުއުފައްދާ ފަރާތްތަކުން ލަފާދެވެއެވެ. މިހާރު ގިނަ ސްމާޓްފޯނުތަކުގައި މި ފީޗަރ ލިބެން ހުރެއެވެ. މިއީ ދިގު މުއްދަތަކަށް ލިބިދާނެ ގެއްލުން ކުޑަކޮށް، ބެޓެރީގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެހީތެރިވާ ފީޗަރއެކެވެ.