Ads by Stelco

ޚަބަރު

އައު ޓާރމިނަލް ހުޅުވާ ހަފްލާގައި އިސްރާއީލަށް ފަންޑުކުރާ ބަޔަކު ލައްވާ އެއްވެސް ކަމެއް ނުކުރުވަން: ޑީއެމްޑީ

އައު ޓާރމިނަލް ހުޅުވާ ހަފްލާގައި އިސްރާއީލަށް ފަންޑުކުރާ ބަޔަކު ލައްވާ އެއްވެސް ކަމެއް ނުކުރުވަން: ޑީއެމްޑީ

ވެލާނާ އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާރމިނަލް--

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ޖުލައި 2025، 08:38

07 ޖުލައި 2025، 08:38

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވާ ހަފްލާގައި އިސްރާއީލަށް ފަންޑުކުރާ ބަޔަކު ލައްވާ އެއްވެސް ކަމެއްކުރަން ހަވާލުކޮށްފައި ނުވާނެކަމަށް، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ. 

ވެލާނާ އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމުގެ ޙަފްލާ ވަރަށް ކުލަގަދަކޮށް މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް އެމްއޭސީއެލްއިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މި ހަފްލާގައި އިސްރާއީލަށް ފަންޑުކުރާ ބަޔަކަށް ހަވާއެރުވުން ހަވާލުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

"ފަރުދުން"އަށް ދެއްވި އިންޓަވިއުއެއްގައި ޑީއެމްޑީ ލަމްއާން ވިދާޅުވީ، އިސްރާއީލަށް ފަންޑުކުރާ ބަޔަކަށް ހަވާއެރުވުން ހަވާލުކޮށްފައިވާކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އެފަދަކަމެއް މި ސަރުކާރުން ނުކުރާނެކަމަށް ލަމްއާން ވިދާޅުވިއެވެ.

އެފަދަ ބަޔަކާ އެއްވެސް ކަމެއް ހަވާލެއް ނުކުރަން. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް.

ލަމްއާން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުންޏަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މި ކުންފުނިން އެއްވެސް މުޢާމަލާތެއް ކޮށްފައެއްނުވާނެއެވެ. ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމް.އޭ.ސީ.އެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ.

އެމްއޭސީއެލްގެ ބަޔާނުގައި ވެއެވެ.

މި އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި، އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS