ޚަބަރު
އެޗްޑީސީގެ އެމްޑީ މައުރޫޕް ރިޓަޔާ ކުރައްވަން ނިންމަވައިފި

އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް---
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލް އެ މަޤާމުން ރިޓަޔާކުރެއްވުމަށް ނިންމަވައިފިއެވެ. އެ ނިންމެވުމުގެ މަޢުލޫމާތު މައުރޫފް ވަނީ މިހާރު އެ ކުންފުނީގެ މުވައްޒަފުންނާ ވެސް ޙިއްސާކުރައްވާފައެވެ. ނަމަވެސް ރިޓަޔާކުރައްވާނެ ތާރީޙެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އެޗްޑީސީއަށް މައުރޫފް އައްޔަންކުރެއްވީ، އެ މަޤާމުގައި ކުރިން ހުންނެވި ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުޙުމަތުތަކަކާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވުމުންނެވެ. ފަޒުލްއަށް ތުޙުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ.
މިހާރު މަޤާމުގައި ހުންނެނި މައުރޫފްއަކީ ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރުން ފެށިގެން، އެ ތަން ތަރައްޤީ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހުޅުމާލެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި މައުރޫފް ވަނީ 18 ވަރަކަށް އަހަރު ހޭދަކުރައްވާފައެވެ.
ހުޅުމާލެ ހިއްކަން ފެށިއިރު މައުރޫފް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގައެވެ. އެ މަޤާމުގައި ހުންނަވައިގެން މައުރޫޕް ވަނީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލަކަށް ނުވަތަ އެންމެ އިސްކޮށް ހުންނެވީ ވެސް މައުރޫފެވެ. އަދި އެޗްޑީސީ އުފެއްދުމާ އެކު، އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވި އެވެ. މައުރޫފް އެޗްޑީސީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.