Ads by Stelco

ޚަބަރު

ރާއްޖެ ޓީވީއާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ގޮތެއް އެމްއޭސީއެލްއިން ބަލަނީ

ރާއްޖެ ޓީވީއާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ގޮތެއް އެމްއޭސީއެލްއިން ބަލަނީ

އެމްއޭސީއެލްގެ ލީޑަރޝިޕްގެ ބޭފުޅުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ޖުލައި 2025، 11:01

07 ޖުލައި 2025، 11:01

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ގުޅިގެން ދޮގު މަޢުލޫމާތު ފަތުރާތީކަމަށް ބުނެ، ރާއްޖެ ޓީވީއާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ގޮތެއް ބަލަމުންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވާއަރުވަން އެ ކުންފުނިން ހަވާލުކޮށްފައިވާ ބޭރުގެ ކުންފުންޏަކީ އަނިޔާވެރި އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްކަމަށްބުނެ ރާއްޖެ ޓީވީއިން ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށެވެ. 

އަދި އެމްއޭސީއެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް އެ ކުންފުނިން ނުކުރާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެ ކުންފުނިން އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިފަދަ ދޮގު ޚަބަރުތަކަކީ އެ ކުންފުނީގެ އަގު ވައްޓާލުމުގެ ގޮތުން ފަތުރަމުންދާ ވާހަކަތަކެއްކަމަށް ބުނެ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އަދި ހަޤީޤަތާއި ޚިލާފު ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް އެ ކުންފުނިން އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ހާމަކޮށްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން މަތިކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި އެ ކުންފުނިން މަސައްކަތް ފަށާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. 

ތަފާތު މައްސަލަތަކުގައި މީގެ ކުރިން ވެސް ރާއްޖެ ޓީވީއަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 2018 ވަނަ އަހަރު، އޭރު އޮތް އިދިކޮޅި އެމްޑީޕީއިން ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމާ ގުޅިގެން 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

އަދި މިފަހުން މިދިޔަ މާރޗު މަހުގެ ތެރޭގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިސްބަތްކޮށް، މީގެތެރެއިން ޚާއްޞަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވަޔަކުން ވާހަކަދައްކާފައިވާތީ، އެ ޓީވީއަށް ފިޔަވަޅު އެޅުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS