ކުޅިވަރު
ޕެޑްރޯގެ ދެ ގޯލާއެކު ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

ގޯލު ކާމިޔާބުކުރުމަށްފަހު އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ޒުއާނއޯ ޕެޑްރޯ ނިންމީ އުފާފާޅުނުކުރުމަށް، ފޮޓޯ: ގެޓީ އިމޭޖަސް
އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ބްރެޒިލްގެ ފްލުމިނޭންސޭ 2-0 އިން ބަލިކޮށް ޗެލްސީއިން ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ޗެލްސީއިން ކާމިޔާބުކުރި ދެ ގޯލަކީ ވެސް އެ ޓީމުގެ ބްރެޒިލް ފޯވާޑް، ޒުއާނއޯ ޕެޑްރޯ ކާމިޔާބުކުރި ދެ ގޯލެވެ.
އުމުރުން 23 އަހަރުގެ ޕެޑްރޯ، އޭނާގެ ފުޓުބޯޅަ ކެރިއަރު ފެށި ފްލުމިނޭންސޭ ކޮޅަށް ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 18 ވަނަ މިނެޓުގައި، ކުރިން ޗެލްސީއަށް ކުޅުނު ތިއާގޯ ސިލްވާއަށް ޕެޑްރޯ ނޭޓޯގެ ހުރަސް ރަގަޅަށް ސާފުކޮށްނުލެވުމުން ލިބުނު ބޯޅައަކުންނެވެ. އެ ބޯޅަ ހޯދުމަށްފަހު ޕެނަލްޓީ އޭރިއާގެ ރޮނގާ ކައިރިން ދުރުކަނަށް ޕެޑްރޯ ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ފްލުމިނޭންސޭގެ ގޯލްކީޕަރު ފެބިއޯގެ އަތް ނުފޯރައިގެނެވެ.
ޗެލްސީއިން ފައިނަލް ޔަގީންކުރީ، ފަހު ހާފުގެ 11 ވަނަ މިނެޓުގައި ޕެޑްރޯ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި އޭނާގެ ދެވަނަ ގޯލަށްފަހުއެވެ. ފްލުމިނޭންސޭގެ ހާފު ތެރެއިން ހިފައިގެން ދިޔަ ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކުރިމައްޗަށް އެރި ޑިފެންޑަރުގެ ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފައެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްލުމިނޭސްސޭގެ ކީޕަރު ފެބިއޯ ފެއިލްކޮށްލީ ޕެޑްރޯގެ މޮޅު ހަމަލާތަކުންނެވެ.
މި ނަތީޖާއަކު، ފައިސާގެ އިނާމުގެ ގޮތުގައި އިތުރު 22 މިލިއަން ޕައުންޑު ޗެލްސީއަށް ޔަގީންވިއިރު، ސެމީއާ ހަމައަށް ލިބުނު 60 މިލިއަން ޕައުންޑާއެކު ޕެޑްރޯ މިވަނީ މިދިޔަ ހަފްތާ އޭނާ ބްރައިޓަންއިން ގަތުމަށް ޗެލްސީއިން ހޭދަކުރި 55 މިލިއަން ޕައުންޑު އަނބުރާ ހޯދައިދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ.
މެޗުގައި ފްލުމިނޭންސޭ އުފެއްދި އެންމެ ނުރައްކާ ހަމަލާ ފެނުނީ ފުރަތަމަ ހާފުގައި ޗެލްސީއިން ކާމިޔާބުކުރި ގޯލަށްފަހުއެވެ. ހާރކިއުލްސް ފޮނުވާލި އެ ހަމަލާ ޗެލްސީގެ ގޯލްކީޕަރު ރޮބާރޓް ސަންޗޭޒް ފޫއަޅުވާލި ނަމަވެސް، ގޯލުގެ ރޮނުގުމަތިން އެ ބޯޅަ ސަލާމަތްކޮށްދިނީ މާރކް ކުކުރެލާއެވެ.
އޭގެ ފަހުން ހަމަ ފުރަތަމަ ހާފުގައި ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޓްރޭވޯ ޗަލޯބާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ޕެނަލްޓީއަކަށް އިޝާރާތްކޮށް ކުޅުން ހުއްޓުވާފައެވެ. އެއަށްފަހު ވީއޭއާރުގެ ލަފާގެ މަތިން އެ މަންޒަރު އަލުން ބެލުމަށްފަހު ރެފްރީ ނިންމީ، އަތުގައި ޖެހުނު ކުޅުންތެރިއާ ހުރީ އޭނާގެ "ނެޗުރަލް ޕޮޒިޝަން"ގައި ކަމަށްވުމުން، އެއީ ޕެނަލްޓީ ދޭންޖެހޭ ހާލަތެއް ނޫންކަމަށެވެ.
މުބާރާތުގެ ފައިނަލްގައި ޗެލްސީ ބައްދަލުކުރަން ޖެހޭނީ ރެއާލް މެޑްރިޑް ނުވަތަ ޕީއެސްޖީއާއެވެ. މި ދެ ޓީމު ބައްދަލުކުރާ ސެމީފައިނަލުގެ ދެވަނަ މެޗު މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު ކުޅެން ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް ކުޅޭނީ އާދިއްތަ ދުވަހުގެ ރެއެވެ.