Ads by Stelco

ޚަބަރު

އެޗްޑީސީގެ އެމްޑީ ބޭނުންފުޅު ވަނީ އެޑްވައިޒަރެއްގެ މަޤާމުގައި އެ ކުންފުންޏަށް ޚިދުމަތް ކުރައްވަން

އެޗްޑީސީގެ އެމްޑީ ބޭނުންފުޅު ވަނީ އެޑްވައިޒަރެއްގެ މަޤާމުގައި އެ ކުންފުންޏަށް ޚިދުމަތް ކުރައްވަން

ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމުގެ ޖަލްސާ، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޖުލައި 2025، 07:53

09 ޖުލައި 2025، 07:53

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ރިޓަޔާކުރައްވަން ނިންމަވާފައިވާ މުޙައްމަދު މަޢުރޫފް ޖަމީލް ބޭނުންފުޅުވަނީ ރިޓަޔަމެންޓަށްފަހު އެ ކުންފުނީގެ އެޑްވައިޒަރެއްގެ މަޤާމުގައި ހުންނަވަން ކަމުގައި ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މަޢުރޫފް ވިދާޅުވީ، ކުރިން ރިޓަޔަމެންޓުގައި ހުންނެވުމަށްފަހު މިހާރު ހުންނެވި މަޤާމާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމުގެ މަތިންކަމަށެވެ. 

"ސެމީ ރިޓަޔަރމެންޓުގައި އަޅުގަނޑު ހުރެފައި މި އައީ. މަޤާމަށް އައުމުގެ އެއް ސަބަބަކީ މި ކަމުގެ މުހިންމު ކަމާއެކު އެޗްޑީސީއަށް އިސްލާޙުތަކެއް ގެންނަން ބޭނުންވާތީ. ރާއީސް ރިކުއެސްޓް ކުރެއްވީމަ ބަލައިގަންނަން ޖެހޭނެކަމަށް ޤަބޫލުކުރައްވާތީ. ކުޑަ ދުވަސްކޮޅަކަށް ވެސް ކޮށްދެވޭނެ ކަންކަން ޔަޤީންވާތީ." މައުރޫފް ވިދާޅުވިއެވެ.

އެޗްޑީސީގެ އެމްޑީގެ މަޤާމުގައި ހުންނަވައިގެން މަޢުރޫފް އެންމެ އިސްކަމެއް ދެއްވީ ހުޅުމާލޭގެ މާސްޓަރޕްލޭނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށްކަމަށް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްލާޙީ ބަދަލުތަކެއް ގެނައުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދެ ލަނޑުދަނޑިވެސް ހާސިލްވިކަން މަޢުރޫފް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މަޤާމުން ދުރަށް ވަޑައިގެންނެވިޔަސް، ކުންފުނީގެ އެކިކަންކަމުގައި ލަފާދެވޭ ހިސާބުގައި ހުންނަވަން ބޭނުންފުޅުވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ކަންކަން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާކަމަށްވެސް މަޢުރޫފް ވިދާޅުވިއެވެ. 

މަޢުރޫފް ޖަމީލަކީ ހުޅުމާލެ ފުރަތަމަ ބިނާކޮށް ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހުޅުމާލެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި މައުރޫފް ވަނީ 18 ވަރަކަށް އަހަރު ހޭދަކުރައްވާފައެވެ. 

ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަރ ޖެނެރަލަކަށް ނުވަތަ އެންމެ އިސްކޮށް ހުންނެވީ ވެސް މަޢުރޫފެވެ. އަދި އެޗްޑީސީ އުފެއްދުމާއެކު، އެ ކުންފުނީގެ ސީއީއޯގެ މަޤާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. މަޢުރޫފް އެޗްޑީސީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަހުދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS