ކޮލަމް

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން

ދިވެހިރާއްޖެއާއި ސިލޯނު ހިމެނޭ ޤަދީމީ ޗާޓެއް

farudhun logo

ފަރުދުން

09 ޖުލައި 2025، 11:24

09 ޖުލައި 2025، 11:24

ހުލާސާ


ޤަދީމީ ސައްޔާޙުންގެ ތެރެއިން ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔުއްވާފައިވަނީ ވަރަށް ވެސް މަދު ދަތުރުވެރިންނެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅަކީ މަޣުރިބުކަރައްށް އުފަން، ދުނިޔޭގެ ގިނަ ކަންކޮޅުތަކަށް ދަތުރުކުރެއްވި "މުސްލިމު ދަތުރުވެރިންގެ އަމީރު" އިބުނު ބަޠޫޠާއެވެ. މީނާ ވަނީ މި ޖަޒީރާ ދިވެހިރާއްޖެއަށް ދެފަހަރެއްގެ މަތިން ޒިޔާރަތް ކުރައްވާ، ރާއްޖެއާ ބެހޭ ގިނަ މުހިންމު މަޢުލޫމާތުތަކެއް ތަދުވީނު (މިބަހީ: ރިކޯޑު) ކުރައްވާފައެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހި ދަރިއެއްގެ ޙައިޘިއްޔަތުން، ދިވެހިރާއްޖޭގެ ތާރީޚާމެދު ހޭލުންތެރިވުމަކީ އަޅުގަނޑުމެންކުރެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. މިހެންކަމުން، ދިވެހިރާއްޖޭގެ ޤުދުރަތީ ކަންކަމާ ބެހޭ ގޮތުން އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ވާހަކަތަކުގެ ޚުލާޞާއެއް މިލިޔުމުގައި ހިމަނާލާނަމެވެ. ދިވެހި ރައްޔިތުންނާ މެދު އޭނާ ލިޔުއްވިކަންކަމަށް އަލިއަޅުވާލާނީ، އިރާދަކުރެއްވިއްޔާ މިލިޔުމުގެ ދެވަނަ ބައިގައެވެ.


އިބުނު ބަޠޫޠާ އޭނާގެ ދަތުރުފަތުރުގެ އެންމެހައި ތަޖުރިބާތައް ލިޔުއްވާފައިވަނީ، އޭނާގެ ރިކައުންޓް ފޮތް ކަމުގައިވާ "ތުޙްފަތުއް ނުއްޡާރި ފީ ޣަރާއިބިލް އަމްޞާރި ޥަ ޢަޖާއިބިލް އަސްފާރް" މިފޮތުގައެވެ. ކުރުކޮށްލުމުގެ ގޮތުން "ރިޙްލަތު އިބްނު ބަޠޫޠާ" (މާނައީ: "އިބްނު ބަޠޫޠާގެ ދަތުރު") މިނަމުން ވެސް ކިޔައި އުޅެއެވެ. މިލިޔުމުގައި އަޅުގަނޑު ބަރޯސާ ވީ ރިޙުލަތު އިބުނު ބަޠޫޠާގެ "މަޣުރިބު އެކެޑަމީ"ގެ ޗާޕަށެވެ. 


އިބުނު ބަޠޫޠާ ރާއްޖޭގެ ރަށްތައް ޞިފަކުރެއްވުން

އިބުނު ބަޠޫޠާ ވިދާޅުވާ ގޮތުގައި، ދިވެހިރާއްޖެއަށް ނިސްބަތްކޮށް އޭރު ކިޔައި އުޅުނު ނަމަކީ "ذِيبَةُ الْمَهَل" މިއެވެ. 1343 ވަނަ އަހަރު އިންޑިޔާގައި އޭނާ ހުންނެވިއިރު މިދިވެހި ޖަޒީރާތަކުގެ ވާހަކައިގެ އަޑުތައް އިވުމުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝައުޤު އޭނާގެ ހިތުގައި އުފެދިގެން ދިޔައެވެ. އިންޑިޔާގެ ކަލިކަޓުން ފުރައިގެން ކަނޑުގެ މަގުން އޭނާއަށް ރާއްޖެ އާދެވުނީ ފުރިތާ ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަސް ފަހުންނެވެ.

އިބުނު ބަޠޫޠާ ޞިފަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއަކީ "ގާތްގަނޑަކަށް 2000 ޖަޒީރާ ރަށުގެ މައްޗަށް އެކުލެވިގެންވާ "ދުނިޔޭގެ ޢަޖައިބުތަކުން ކުރެ ޢަޖައިބެކެވެ." މިޒަމާނުގެ ޙިސާބުތަކުން ދައްކާގޮތުގައި، ދިވެހިރާއްޖޭގެ ރަށްތަކުގެ ޢަދަދަކީ 1192 އެވެ. އެޒަމާނުގެ ވަޞީލަތްތަކުގެ މަދުކަމަށް ބަލާފައި 2000 އެއީ ދުރު އަންދާޒާއެއް ނޫނެވެ. އެހެންނޫނަސް، ރާއްޖޭގެ ރަށްތައް ކަނޑުގެ ސަޠަޙައިން އުފުލިފައި އޮންނަ ލެއް ތިރިކަމުން، އެޒަމާނުގައި އޮތް އެތައް ރަށެއް މިއަދު ޣަރަގުދެފައިވުމަކީ ދާދި އެކަށީގެންވާ ކަމެކެވެ.

ރަށްތަކުގެ ޢަދަދުގެ އިތުރުން، ރަށްތަކުގެ ޞޫރައާއި އަތޮޅުތަކުގެ ބައްޓަން ޞިފަކޮށްދެއްވުމަށް ވެސް އިބުނު ބަޠޫޠާ ވަނީ މަސައްކަތް ކުރައްވާފައެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، ގާތްގަނޑަކަށް ކޮންމެ ސަތޭކަ ރަށެއް އޮންނަނީ ވަށް ބުރެއްގެ ޞިފައިގައި އެތުރިފައެވެ. މިއިން ކޮންމެ އަތޮޅަކަށް ވަންނަން ޚާއްޟަ ކެނޑުމެއް ހުރެއެވެ. އެ ކެނޑުމުން މެނުވީ އޮޑިފަހަރު އެއަތޮޅަކަށް ވަދެ ނުކުމެ އެއް ނަހަދައެވެ. އެއް ރަށު ފަޅުތެރޭގައި ތިބޭއިރު، ކައިރި އެހެން ރަށްރަށުގައި ހުންނަ ގަސް ރުކުގެ މަލަމަތިތައް ސާފު ފެނުމަކުން ފެނެއެވެ. ދިވެހި ކަނޑުތަކުގައި މަގު އޮޅިއްޖެނަމަ، ބައެއް ފަހަރު ސިލޯނަށާއި، މަޢުބަރަށް ވެސް ލައްގައެވެ.


ރާއްޖޭގެ އެކިއެކި ރަށްތަކާއި ޞަރަޙައްދުތައް

ރާއްޖޭގެ ގިނަ އެކިއެކި ސަރަޙައްދުތައް ހުންނައިރު، މިއިން ކޮންމެ ސަރަޙައްދެއްގައި އިސްކުރެވިފައި ހުންނަ ވާލީ އަށް ކިޔާ އުޅުނު ނަމަކީ "ކަރުދުވީ" ކަމުގައި އިބުނު ބަޠޫޠާ ވަނީ ލިޔުއްވާފައެވެ. މިއީ ޤަދީމީ "ކަރުދާވެރި" ކަމުގައި ލަފާކުރެއެވެ. މިއަދުގެ ބަހުރުވައިން ނަމަ، މިއީ އަތޮޅުވެރިޔާ އެވެ.

އިބުނު ބަޠޫޠާ ވަނީ އޭރުގެ ބައެއް އަތޮޅުތަކާއި ރަށްތަކަށް ކިޔުނު ނަންތައް ވެސް ލިޔުއްވާފައެވެ:

- "ބާލިބޫރު" (އެބަހީ: ފާދިއްޕޮޅު = ޅަވިޔަނި)

- "ކައްނަލޫސް" (މިއީ މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކަމުގައި ބެލެވެއެވެ. މިއީ އިބުނު ބަޠޫޠާ ރާއްޖެވަޑައިގެން ދެވަނަ ދަތުރުގައި ފުރަތަމަ ފައިބާވަޑައިގެންނެވި ރަށް ކަމުގައި އޭނާ ލިޔުއްވިއެވެ. އޭރު އެރަށުގެ ވާލީ އަކީ ޢަބްދުލްޢަޒީޒް އަލްމަޤްދަޝާވީ އޭ ކިޔުނު ބޭފުޅެކެވެ. އެރަށަކީ، މިސްކިތްތައް ގިނަ، ރީތި ރަށެއް ކަމުގައި އިބުނު ބަޠޫޠާ ވިދާޅުވިއެވެ.)

- "މަހަލް" (އެބަހީ: މާލެ. މިއީ މުޅި ޤައުމު އެރަށަކަށް ނިސްބަތްވާ، ޤައުމުގެ ވެރިކަން ކުރާ "ސުލްޠާނުންގެ ރަށް" ކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެނީ "ذِيبَةُ الْمَهَل" ގައި ޛީބަތަކީ ރަށްތަކެވެ. މަހަލް އެއީ މާލެއެވެ. މުރާދަކީ: މަހަލްގެ ރަށްތަކެވެ.)

- "ތަލާދީބު" (މިއީ ކޮން ރަށެއްކަމެއް ޔަޤީނެއްނޫނެވެ. ނަމަވެސް ތުޅާދޫ އަށް ވުމަކީ އެކަށީގެންވާ ކަމެކެވެ)

- "ކަރާއިދޫ" (މީލާދީން 2015 ވަނަ އަހަރު އަވަހާރަވި މަޣުރިބުކަރައިގެ ތާރީޚު ޢިލްމުވެރިޔާ ޢަބްދުލްހާދީ އައްތާޒީ ލިޔުއްވާފައިވާ ގޮތުގައި މިއީ ކަރިހިދޫ ނަމަކަށް ކިޔާ ފަޅުރަށެކެވެ.)

- "އައްތައިމު" (މިއީ އުތީމު ކަމުގައި ބެލެވެއެވެ. މިރަށަށް އިބުނު ބަޠޫޠާ ޒިޔާރަތްކުރެއްވިއެވެ. މިރަށު ކަރުދުވީ ގެ ނަމަކީ ހިލާލު ކަމުގައި އޭނާ ލިޔުއްވިއެވެ.)

- "ތަލަދުންމަތީ" (އިބުނު ބަޠޫޠާ ލިޔުއްވާފައިވަނީ މިފަދައިން، ތާ އަބަފިލި ޖަހާފައެވެ. މިއީ ތިލަދުންމަތި އަތޮޅުކަމަށް ޤަބޫލުކުރެވެއެވެ.)

- "ހަލަދުންމަތީ" (މިބަހީ: ހައްދުންމަތި = ލާމު)

- "ބަރައިދޫ" (މިއީ އިބުނު ބަޠޫޠާ ޛިކުރުކުރައްވާފައިވާ ނަންތަކުގެ ތެރެއިން ދެނެގަންނަން އެންމެ އުނދަގޫ ނަން ކަމުގައި އައްތާޒީ ވަނީ ވިދާޅުވެފައެވެ. އޭނާ އަށް ބުރަވެވޭ ގޮތުގައި، އެއީ ވާވުއަތޮޅު ފުލިދޫ އެވެ.)

- "ކަންދަކަލު" (އެބަހީ: މިލަދުންމަޑުލު ދެކުނުބުރީ ކެނދިކޮޅު. އެރަށާ ބިމުގެ ގޮތުން ގުޅިފައިވާ ކުޅުދޫއާ އެކު މިހާރު ކިޔާ ނަމަކީ ކެނދިކުޅުދޫ އެވެ.)

- "މުލޫކު" (މިއީ މުލަކު އަތޮޅު = މީމު ކަމުގައި އައްތާޒީ ވިދާޅުވިއެވެ. ނަމަވެވެސް، ދިވެހި ބާޙިޘުންނަށް ބުރަވެވޭ ގޮތުގައި މިއީ ފުވައްމުލަކެވެ. ޤަދީމީ ޒަމާނުގައި ފުވައްމުލަކަށް ވެސް ކިޔައި އުޅުނީ މުލަކެވެ. ކޮންމެއަކަސް، "މުލޫކު" މިއީ ވެސް އިބުނު ބަޠޫޠާ ޒިޔާރަތްކުރެއްވި ރަށެކެވެ. އެރަށުގައި ދެއަންހެނުންނާ އޭނާ ކައިވެނި ބައްލަވައިގަތެވެ. އޭނާ ޞިފަކުރައްވާފައިވާ ގޮތުގައި މިރަށަކީ ޢާދައާ ޚިލާފު ގޮތަކަށް ވެލިގަނޑު ރަނގަޅު ރަށެކެވެ. އިންދާ ކޮންމެ އޮފިކޮޅެއް ނިކަން އަވަހަށް ރޯވެއެވެ. އަދި އަހަރުގެ ހުރިހާ ވަޤުތެއްގައި ވެސް މިރަށުގެ ގަސްތަކުގައި އަންނާރު ލިބެން ހުރެއެވެ.)

- "ސުވައިދު" (ހުވަދު އަތޮޅު. މިއީ އެންމެ ދެކުނު އަތޮޅުކަމުގައި އިބުނު ބަޠޫޠާ ވަނީ ލިޔުއްވާފައެވެ.)


ދިވެހިރާއްޖޭގެ ގަސްގަހާގެހި

އިބުނު ބަޠޫޠާ ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ގިނައިން ފެންނަނީ "ނާރުޖީލު" އެބަހީ: ދިވެހި ރުކެވެ. ދިވެހި ރުކާ ބެހޭ ގޮތުން އޭނާ ލިޔުއްވާފައިވަނީ މިފަދައިންނެވެ: "ދިވެހި ރުކުގެ ކަމަކީ ޢަޖައިބު ކުރަނިވި ކަމެކެވެ. އަހަރަކު 12 އިހާ އެއިން ކޮންމެ ރުކެއްގައި އަޅައެވެ. އެއީ، މަހަކު އިހައެކެވެ. ދެން، އެތަކެތީގެ (އެބަހީ: ރުށްރުކުގެ މަތިވަރުގެ) ބައެއް ތަކެތި ކުދިވާނެއެވެ. އަނެއް ބައި ތަކެތި ބޮޑެތިވާނެއެވެ. ބައެއް ތަކެތި ހިކިވާނެއެވެ (މާނައީ: ކާށި، ކުރޮޅި). އަދި ބައެއް ތަކެތި ތެތް ވާނެއެވެ (ކިހާއް، ކުރުނބާ، ގަބުޅި..). ދެން އަބަދަށްމެ ކަންހުންނަނީ މިފަދައިންނެވެ."

ދިވެހި ރުކުގެ މޭވާތަކުން ދިވެހިން އުފައްދާ ކާނާތަކުގެ ތަފްޞީލުތަކަށް ވިދާޅުވެލެއްވުމަށް، މިލިޔުމުގެ ދެވަނަ ބަޔަށް އިންތިޡާރު ކުރައްވާށެވެ.

ދިވެހިރާއްޖޭގެ އެހެން ގަސްގަހާގެހީގެ ތެރޭގައި، ދަނބުގަހާއި، ނިޔަނދުރާއި، ލިނބޮލާއި، ޤުލްޤާސް ވެސް އޭނާ ހިމެނުއްވިއެވެ. ޤުލްޤާސް އަކީ ހިއްތަލަ ކަމަށް އައްތާޒީ ނިންމެވި ނަމަވެސް، ޙަޤީޤަތުގައި ޢަރަބިބަހުގައި އެއީ އޮޅުއަލައެވެ.


މިހިސާބުން މިލިޔުމުގެ ފުރަތަމަ ބައި ކުރުކޮށްލަން ޤަޞަދުކޮށްފީމެވެ. އިރާދަކުރެއްވިއްޔާ، އެވޭލާ ދިވެހި ފަރުދުންނާ ބެހޭ ގޮތުން އިބުނު ބަޠޫޠާ ލިޔުއްވި ވާހަކަތައް މިލުޔުމުގެ ދެވަނަ ބައިގައި ހިމަނާލާނަމެވެ. މީގެ ތެރޭގައި: ދިވެހިންގެ ޢާދަކާދައާއި، ހެދުންއެޅުމާއި، ކާބޯތަކެތި ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS