ޚަބަރު
ޗައިނާގެ ޝެންޖެންއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފި، ފުރަތަމަ ފްލައިޓްގައި 146 ފަތުރުވެރިން

ޝެންޖެން އިން މިއަދު ރާއްޖެ އައި ފުރަތަމަ ފްލައިޓުގެ ފަތުރުވެރިންނަށް މަރުޙަބާ ކިޔަނީ. (ފޮޓޯ: ޕީއެސްއެމް)

ފަރުދުން
09 ޖުލައި 2025، 12:31
09 ޖުލައި 2025، 12:31
ދިވެހި ޤައުމީ އެއަރލައިން ކަމުގައިވާ މޯލްޑިވިޔަން އިން، ޗައިނާގެ ޝެންޖެންއާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ މަގުން ދަތުރުކުރަން ފަށައިފިއެވެ. 146 ފަތުރުވެރިންނާއެކު، ޝެންޖެން އިން ރާއްޖެ އައި ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުގެ ވަޤުތެއްގައެވެ. މޯލްޑިވިޔަން އިން ވަނީ ރަތް ފިނިފެންމަލުގެ މާބޮނޑިތަކަކުން މިފަތުރުވެރިންނަށް މަރުޙަބާ ކިޔާ އިސްތިޤުބާލު ކޮށްފައެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ގިނަފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިން ކަމުގައި ވީ ހިނދު، ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް ފުޅާ ކުރުމަށް މޯލްޑިވިޔަން އިން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިއަހަރުގެ ޖަނަވަރީ މަހު މޯލްޑިވިޔަންގެ ފްލީޓަށް ގެނެވުނު ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު، އެއެއަރލައިނުން ވަނީ ޗައިނާގެ ޗެންޑޫ، ބެއިޖިންގ އަދި ޝެންހައި އަށް ދަތުރުކުރަން ފަށާފައެވެ. މޯލްޑިވިޔަން އަށް ވައިޑް ބޮޑީ މަތިންދާބޯޓު ބޭނުންކުރުމުގެ ފުތުޞަތު ތަަނަވަސް ކޮށްދެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 150،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޝެންޖެން އާއި ރާއްޖެއާ ދެމެދު މިއަދު ފެށި ދަތުރުތަކަކީ މޫސުމީ ދަތުރުތަކެކެވެ. މިދަތުރުތައް އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މޯލްޑިވިޔަން އިން ތާވަލު ކޮށްފައި ވަނީ ޝެންޖެންއަށް ހަފުތާއަކު އެއް ފްލައިޓު ބޭއްވުމަށެވެ.