ކުޅިވަރު
ޓެކްސް ފްރޯޑްއާ ގުޅިގެން އެންޗެލޮޓީއަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ކާރލޯ އެންޗެލޮޓީ---
މިދިޔަ މެއި މަހު ރެއާލް މެޑްރިޑް ދޫކޮށް ބްރެޒިލްގެ ޤައުމީ ޓީމާ ހަވާލުވި ކާމިޔާބު ކޯޗު، ކާރލޯ އެންޗެލޮޓީއަށް ޓެކްސް ފްރޯޑްއާ ގުޅިގެން އެއް އަހަރުގެ ޖަލު ހުކުމެއް ސްޕެއިންގެ ކޯޓަކުން އިއްވައިފިއެވެ.
މި ޙުކުމަކީ 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ރެއާލްގެ ކޯޗެއްގެ މަޤާމުގައި އެންޗެލޮޓީ ހޭދަކޮށްފައިވާ ދުވަސްވަރު އޭނާގެ އާމްދަނީއިން ޓެކްސް ނުދައްކާތީ ކޮށްފައިވާ ދަޢުވާއެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ސްޕެއިންގެ ދައުލަތަށް ދައްކަންޖެހޭ 1 މިލިއަން ޑޮލަރަށް އެންޗެލޮޓީ ވަނީ މަކަރުހަދާފައެވެ.
ޖަލު ޙުކުމެއް އިއްވި ނަމަވެސް، އެންޗެލޮޓީ ޖަލަށް ދާންނުޖެހޭނެކަމަށް އެ ޙުކުމްކުރި ކޯޓުން ނިންމާފައިވެއެވެ. ސްޕެއިންގެ ކްރިމިނަލް ކޯޑު ބުނާ ގޮތުން، ދެ އަހަރަށް ވުރެ ކުރު ޖަލު ޙުކުމްތަކުގައި، ކުށުގެ ބާވަތަށް ބަލައި، ޙުކުމް ރައްދުވާ މީހާއަކީ ކުށުގެ ވެއްޓަށް އައު މީހަކު ނަމަ، އެމީހާގެ ޙުކުމް ސަސްޕެންޑުކުރުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިގެންވެއެވެ.
ޖަލު ޙުކުމުގެ އިތުރުން 386،000 ޔޫރޯއިން އެންޗެލޮޓީ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. ޖަލަށް ދާން ނުޖެހުނަށް މި ޖޫރިމަނާ ފައިސާ އޭނާއަށް ދައްކަން ޖެހޭނެއެވެ.
މި މައްސަލައިގައި މި އަހަރުގެ ކުރީކޮޅު ކޯޓަށް ހާޒިރުކުރުމުން އެންޗެލޮޓީ ބުނީ، އެއީ އޭނާ ގަސްތުގައި ކުރި ކުށެއް ނޫންކަމަށެވެ.
އެންޗެލޮޓީ ވަނީ ސްޕެއިންގެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ދައްކާ ޚަލާސްކޮށްފައެވެ.
މީގެ ކުރިން ޓެކްސް މައްސަލާގައި ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ސްޕެއިންގެ ކޯޓަކުން ޖަލު ޙުކުމްކޮށްފައި ވެއެވެ. ނަމަވެސް މެސީއަށް 2017 ވަނަ އަހަރު އިއްވި 21 މަހުގެ ޙުކުމް 252،000 ޔޫރޯގެ ޖޫރިމަނާއަކަށް ބަދަލުކުރިއިރު، ރޮނާލްޑޯއަށް 2019 ވަނަ އަހަރު 18.8 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ.
މީގެ އިތުރުން ރެއާލްގައި 2011-12 ސީޒަންގައި ހޭދަކޮށްފައިވާ ޖޯސޭ މޮރީނިއޯއަށް ވެސް މި ދަޢުވާ ކުރެވުނެވެ. މޮރީނިއޯ ޖޫރިމަނާކުރީ 2.2 މިލިއަން ޔޫރޯއިންނެވެ.