ކުޅިވަރު

ކްލަބް ވޯލްޑް ކަޕް: ރެއާލް ބޮޑު ބައްޔަކުން ބަލިކުރުމަށްފަހު ޕީއެސްޖީ ފައިނަލަށް

ކްލަބް ވޯލްޑް ކަޕް: ރެއާލް ބޮޑު ބައްޔަކުން ބަލިކުރުމަށްފަހު ޕީއެސްޖީ ފައިނަލަށް

ރެއާލްކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު ފެބިއަން ރުއިޒް އުފާފާޅުކުރަނީ، ފޮޓޯ: އޭއެފްޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖުލައި 2025، 07:31

10 ޖުލައި 2025، 07:31

ފީފާ ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ރެއާލް މެޑްރިޑް 4-0 އިން ބަލިކުރުމަށްފަހު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ނިއު ޖާރޒީގެ މެޓް ލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފުރަތަމަ 24 މިނެޓުގެ ތެރޭގައި ޕީއެސްޖީއިން ނިންމާލިއެވެ. މެޗު އެ ހިސާބަށް ދިޔައިރު ޕީއެސްޖީ އޮތީ ތިން ގޯލުގެ ލީޑެއް ނެގުމަށްފަހު ހަމަޖެހިލައިގެންނެވެ. 

ޕީއެސްޖީއިން ލީޑު ނެގީ 6 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރ ރައުލް އެސެންސިއޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މި ހަމަލާގައި ރެއާލްގެ ގޯލްކީޕަރު ތިއާބަތު ކޯޓްވާ، ޕީއެސްޖީގެ ފޯވާޑް އޮސްމާން ޑެމްބެލޭއަށް ފައުލްކޮށްފައިވީނަމަވެސް، އެ ބޯޅަ ގޯލަށް ވަނުމުން ރެފްރީ ވަނީ އެޑްވާންޓޭޖަށް ދޫކޮށްލާފައެވެ. މި ގޯލު ކާމިޔާބުކުރީ ފެބިއަން ރުއިޒްއެވެ.

އޭގެ ތިން މިނެޓުފަހުން ރެއާލްއަށް ހެދުނު އިތުރު ގޯހަކުން ޕީއެސްޖީ ލީޑު ފުޅާކުރިއެވެ. މި ފަހަރު ގޯސް ހެދުނީ އެންޓޯނިއޯ ރުޑީގާއަށެވެ. ބޯޅަ ލިބުމުން ކީޕަރަށް ޖައްސާލުމަށް ހުރާލިފައިގައި ރަގަޅަށް ލައްވާނުލުމުން ބޯޅަ ލިބުނީ ކައިރީގައި ހުރި ޑެމްބެލޭއަށެވެ. އަދި ޑެމްބެލޭ ވަނީ އޭނާގެ ބާރު ދުވެލީގެ ބޭނުންހިފައި، އެ ބޯޅަ ގޯލަކަށް ބަދަލުކޮށްފައެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޕީއެސްޖީގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ، އެ ޓީމުން އުފެއްދި ހަމަލާއެއްގައި އަނެއްކާ ވެސް ރުއިޒްއެވެ. 

ރެއާލްއަށް ބަދަލުވުމަށްފަހު މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެލެކްސެންޑާރ އާރނޯލްޑަށް މި މެޗު ވަނީ އަނިޔާގެ ސަބަބުން ގެއްލިފައެވެ. އަދި ބަދަލުގައި އެ ފަޅިން ކުޅުނު ކުޅުންތެރިއާއަށް ރެއާލްގެ އެޓޭކިންގައި އެހާ ރަގަޅަށް ބައިވެރިވެވިފައެއް ނުވެއެވެ. 

ޕީއެސްޖީއިން ހަތަރު ވަނަ ގޯލު ކާމިޔާބުކުރީ މެޗު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ގޮންޗާލޯ ރާމޯސްއެވެ. 

މި މެޗުގައި ރެއާލްގެ އެޓޭކިންގައި އެންމެ އިސްކޮށް ހުރި ޕީއެސްޖީގެ ކުރީގެ ކުޅުންތެރިޔާ ކީލިއަން އެމްބައްޕޭއަށް އެހާ ރަގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ އަހަރު އެމްބައްޕޭ ރެއާލްއަށް ހިލޭ ބަދަލުވިފަހުން، ޕީއެސްޖީއިން ވަނީ މުޅިން އަލަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. އަދި މަންޒަރު ސިފަވާ ގޮތުން، މި އަންނަ އާދިއްތަ ދުވަހު އެ ކްލަބުން އިތުރު ތައްޓެއްވެސް ހޯދާނެއެވެ. 

ނިމުނު ސީޒަންގައި އެމްބައްޕޭ 48 ގޯލު ކާމިޔާބުކޮށްފައިވީނަމަވެސް، މި ސީޒަން ރެއާލް ނިންމާލީ ހުސްއަތާއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS