ދުނިޔެ / ވިޔަފާރި
އެމިރޭޓްސް އިން ކްރިޕްޓޯކަރަންސީއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ޓައިމްސް
ދިގު އިންތިޒާރަކަށް ފަހު، އެމިރޭޓްސް އެއަރލައިންސް އިން ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، ކްރިޕްޓޯކަރަންސީ ޕްލެޓްފޯމެއް ކަމަށްވާ ކްރިޕްޓޯ.ކޮމް އާ އެކު ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމުގެ ސަބަބުން ޒުވާން، ޓެކްނޮލޮޖީއަށް ހުށިޔާރު ކަސްޓަމަރުންގެ މެދުގައި އެ އެއަރލައިންގެ މަޤްބޫލުކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.
އެމިރޭޓްސް އިން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބައިވެރިވުން އަންނަ އަހަރުގެ ތެރޭގައި ޢަމަލީ ސިފައަކަށް އަންނާނެ ކަމަށާއި، ކްރިޕްޓޯ.ކޮމް ޕޭ އެމިރޭޓްސްގެ ފައިސާ ދައްކާ ނިޒާމާ ގުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް މިއީ ރެގިއުލޭޓަރީ ހުއްދަތަކާއި ކަމާބެހޭ ހުރިހާ ޗެކްތައް ފުރިހަމަވުމުން ކުރިއަށްދާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެމިރޭޓްސްގެ ޑެޕިއުޓީ ޕްރެޒިޑެންޓް އަދި ޗީފް ކޮމާޝަލް އޮފިސަރު އަދްނާން ކާޒިމް ވިދާޅުވީ، މި ސްޓްރެޓީޖިކް ފިޔަވަޅަކީ ފައިނޭންޝަލް އީޖާދީ ދާއިރާގައި ދުބާއީއަކީ އެންމެ ކުރީގައި އޮންނަ ބައެއްގެ ގޮތުގައި ހެދުމަށް ދުބާއީން ދެކޭ ހުވަފެނާ އެއްގޮތް ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ފައިސާ ދެއްކުމުގައި އިތުރު ފަސޭހަތަކާއި އިޚްތިޔާރުތައް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދުބާއީގައެވެ. މި ރަސްމިއްޔާތުގައި އެމިރޭޓްސް އެއަރލައިން އެންޑް ގްރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝެއިޚް އަޙްމަދު ބިން ސަޢީދު އަލް މަޚްތޫމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެކުންފުނިން ވަނީ މި އާ ފައިސާ ދައްކާ އިންތިޒާމާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ، މި ޚިދުމަތް ބޭނުންކުރުމަށް ބާރުއެޅުމަށްޓަކައި ގުޅިގެން މާކެޓިންގ ކެމްޕޭންތައް ހިންގަންވެސް ނިންމާފައެވެ.
ޔޫނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ވަނީ ދުނިޔޭގެ ކްރިޕްޓޯ އިންޑަސްޓްރީގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ކުރިއަރާފައެވެ. ދުބާއީގައި ވާޗުއަލް އެސެޓްސް ރެގިއުލޭޓަރީ އޮތޯރިޓީ (ވީއޭއާރުއޭ) ފަދަ އިދާރާތަކުން 2022 ވަނަ އަހަރުން ފެށިގެން މި ދާއިރާ ބަލަހައްޓަމުންދެއެވެ. މިހާރުވެސް ރިއަލް އެސްޓޭޓް، ސްކޫލް ފީ، އަދި ދަތުރުފަތުރު ފަދަ ކަންކަމަށް ކްރިޕްޓޯކަރަންސީ ބޭނުންކުރުމުގެ އެތައް މިސާލެއް ވަނީ ފެނިފައެވެ.