ދުނިޔެ

އިންތިޚާބާ ބެހޭ ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި އިންޑިއާގައި ބޮޑު މުޒާހަރާއެއް

އިންތިޚާބާ ބެހޭ ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި އިންޑިއާގައި ބޮޑު މުޒާހަރާއެއް

އިންޑިއާގަައި ކުރަމުންދާ މުޒާހަރާގެ ތެރެއިން.ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2026، 05:59

12 އޮކްޓޯބަރު 2026، 05:59

އިންޑިއާގެ އިންތިޚާބުތަކާ ބެހޭ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި، ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވެރިރަށް ނިއު ދިއްލީގެ ސުޕްރީމް ކޯޓާ ދިމާލަށް ވަރުގަދަ އެއްވުމަކަށް ނުކުތުމަށް ތައްޔާރުވަމުންދާތީ ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން އެ ސަރަހައްދުގެ މެޓްރޯގެ ހަ ސްޓޭޝަނެއް ބަންދުކޮށް، ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދީފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ މި އެއްވުމަށް ނިކުތުމަށް ގޮވާލާފައިވުމާ ގުޅިގެން، މެޓަލް ބެރިކޭޑްތައް ޖަހައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްޓަކައި ހާހަކަށްވުރެ ގިނަ ފުލުހުންނާއި ސަލާމަތީ ބާރުތައް ވަނީ އެ ސަރަހައްދުގައި މިއަދު ހަރަކާތްތެރިވާން ފަށާފައެވެ. އިދިކޮޅު ޕާޓީތަކާއި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ޒުވާނުންގެ ހަރަކާތުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ގޮވާލަމުންދަނީ، ޗީފް އިލެކްޝަން ކޮމިޝަނަރު ޔާނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކުގެ ސަބަބުން ފައިދާ ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށެވެ.

ވޭތުވެދިޔަ ހަފްތާ ބަންދުގައި މި ހަރަކާތުގެ ބައިވެރިން މުޒާހަރާގެ ހިނގާލުމެއް ބޭއްވުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކަން ހުއްޓުވައި، އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ. ނަމަވެސް، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ އިންތިޚާބީ ކަންކަން ބަލަހައްޓާ އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ (އީސީއައި) އިން ވަނީ އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ހަފްތާ ބަންދުގެ މުޒާހަރާތަކުގެ ތެރޭގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ، ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ (މާކްސިސްޓް) ގެ މެމްބަރު ޖޯން ބްރިޓާސް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި މަޖިލިސް މެމްބަރަކަށް ދިން ހަމަލާއެއް ނޫން ކަމަށާއި، މިއީ ޑިމޮކްރެޓިކް މިނިވަންކަމަށާއި ގާނޫނުގެ ވެރިކަމަށް ދިން ހަމަލާއެއް ކަމަށެވެ. މީގެއިތުރުން، މުޒާހަރާތައް ކަވަރުކުރި ނޫސްވެރިންގެ ތެރެއިން 16 ނޫސްވެރިއަކު އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހޯމް މިނިސްޓަރު އަމިތު ޝާހަށް އަމާޒުކުރައްވައި ރާހުލް ގާންދީ "އެކްސް" ގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، ކިތަންމެ ވަރަކަށް ފުލުހުން ނެރުނަސް އަދި ބީޖޭޕީ އާއި އާރްއެސްއެސްގެ މީހުން ގެނަޔަސް ފަސްނުޖެހޭނެ ކަމަށާއި މި މަސައްކަތް ހުއްޓައިނުލާނެ ކަމަށެވެ. އަދި ކުމާރު އިސްތިއުފާ ދެއްވަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ސީޖޭޕީގެ ލީޑަރުންވެސް ވަނީ ވިދާޅުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވޯޓާސް ލިސްޓަށް ގެނައި އިސްލާހުތަކާ އެކު 133 މިލިއަނަށް ވުރެ ގިނަ މީހުންގެ ނަން ވަނީ ލިސްޓުން އުނިކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މީގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މުސްލިމުން ހިމެނޭހެން މަދު އާބާދީތަކަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނަނީ މި ބަދަލަކީ އެއް ނަމެއް ތަކުރާރުވެފައިވާ މީހުންނާއި، މަރުވެފައިވާ މީހުން އަދި ސައްހަނޫން ނަންތައް ލިސްޓުން އުނިކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. މި މައްސަލައަކީ މޯދީގެ 12 އަހަރުގެ ވެރިކަމުގައި ސިޔާސީ ގޮތުން ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450