ދުނިޔެ

ސަޢޫދީގެ ބަނދަރުތަކަށް ހޫޘީންގެ ޙަމަލާތައް އަނެއްކާވެސް އަމާޒުކޮށްފި

ސަޢޫދީގެ ބަނދަރުތަކަށް ހޫޘީންގެ ޙަމަލާތައް އަނެއްކާވެސް އަމާޒުކޮށްފި

ޙޫޘީން ހަމަލާދިން ސަރަހައްދު--

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2026، 08:56

26 ނޮވެމްބަރު 2026، 08:56

ޔަމަނުގެ ތަޢިޒް ކައިރީގައި ހަނގުރާމަ ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީ ޢަރަބިއްޔާގެ ރަތްކަނޑުގެ އައްސޭރީގައިވާ ޖިޒާން ބަނދަރަށް ޔަމަނުގެ ހޫޘީން ޙަމަލާދީފިއެވެ.

ސަޢޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ބުދަ ދުވަހު ބުނި ގޮތުގައި، ޖިޒާނަށް ދިން މި ޙަމަލާގެ ސަބަބުން ލިބުނީ ކުދިކުދި ގެއްލުންތަކެކެވެ. އަދި އެއްވެސް ޢާންމު ރައްޔިތަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، އެ ޙަމަލާގައި ބޭނުންކުރި ހަތިޔާރުގެ ބާވަތް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލްމާލިކީ އެކްސްގައި ވިދާޅުވީ، ޖިއްދާގެ ބަނދަރު މަތިން އުދުހެމުންދިޔަ ހޫޘީންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށާއި، އޭގެ ބައިތައް ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މި ބަޔާނަށްފަހު، ޔަމަނުގެ ވެރިރަށް ސަންޢާއިން ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން ކޯލިޝަނުން ހާމަކުރި ގޮތުގައި، ސަޢޫދީގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް އެ ޤައުމުގެ ވައިގެ ދިފާޢީ ބާރުތަކުން ވަނީ ހުއްޓުވައި ނައްތާލާފައެވެ. ރިޔާޟަށް ޙަމަލާދޭން މި މަސައްކަތްކުރީ، އަންގާރަދުވަހު އެ ސިޓީގެ މާލީ ސަރަޙައްދުގައި ހުރި އުސް ޢިމާރާތަކަށް ހޫޘީން ޑްރޯން ޙަމަލާއެއްދީ މަދުވެގެން 11 މީހުން ޒަޚަމްވި ހާދިސާއަށް ފަހުގައެވެ.

ސަޢޫދީގެ ބަނދަރުތަކަށް މި ޙަމަލާތައް އަމާޒުވެފައި މިވަނީ، ޔަމަނުގެ ޙުދައިދާ ބަނދަރަށް ސަޢޫދީން އަލުން ޙަމަލާތަކެއް ދީފައިވާ ކަމަށް އަލްމަސީރާ ޓީވީން ބުނެފައިވަނިކޮށެވެ. ބުދަދުވަހުގެ ކުރީކޮޅު ހޫޘީން ވަނީ، ޙުދައިދާއަށް ޙަމަލާދީފިނަމަ ސަޢޫދީގެ ބަނދަރުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ޙުދައިދާ ބަނދަރަކީ ޔަމަނަށް އެތެރެކުރާ މުދަލުގެ 90 އިންސައްތަ ގެންނަ މައި ދޮރާއްޓެވެ.

ޔަމަނުގެ އެތެރޭގައިވެސް ހަނގުރާމަ ވަނީ އިތުރަށް ފުޅާވެފައެވެ. ޔަމަނުގެ ސަރުކާރުގެ ލަޝްކަރުން ބުދަދުވަހު ހޫޘީންނާ ދެކޮޅަށް 654 ޙަމަލާ ދީފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. ޚާއްޞަކޮށް ތަޢިޒްގެ ހުޅަނގު ފަރާތުގައި އޮންނަ ޖަބަލް ޞާބިރު ފަރުބަދަމަތީގެ ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ވަނީ ދީފައެވެ. އަނެއްކޮޅުން ހޫޘީން ބުނެފައިވަނީ، ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ސަންޢާއާއި އިތުރު 10 ޕްރޮވިންސެއްގެ ޢާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް 105 ވައިގެ އަދި މިސައިލް ޙަމަލާ ދީފައިވާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450