ދުނިޔެ

އޮކްޓޫބަރު 7 ގެ ތަޙުޤީޤީ ކޮމިޝަން ބިލު އިސްރާއީލް ޕާލަމެންޓުން ފާސްކޮށްފި

އޮކްޓޫބަރު 7 ގެ ތަޙުޤީޤީ ކޮމިޝަން ބިލު އިސްރާއީލް ޕާލަމެންޓުން ފާސްކޮށްފި

އިސްރާއިލްގެ ރައްޔިތުން ތަކެއް ބޭއްވި އެއްވުމެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2026، 09:15

25 ނޮވެމްބަރު 2026، 09:15

އޮކްޓޫބަރު 7، 2023 ގައި ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން ދިމާވި އިހުމާލުތައް ބެލުމަށް ދަޢުލަތުގެ މިނިވަން ތަޙުޤީޤީ ކޮމިޝަނެއް އުފެއްދުމަށް ހުށަހެޅި ބިލުގެ ފުރަތަމަ މަރުހަލާ އިސްރާއީލުގެ އާ ޕާލަމެންޓުން ފާސްކޮށްފިއެވެ. މިއީ އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިގު މުއްދަތަކަށް ދެކޮޅު ހައްދަވަމުން ގެންދެވި ފިޔަވަޅެކެވެ.

އޮކްޓޫބަރު 27 ގައި ބޭއްވުނު އިންތިޚާބަށްފަހު އެކުލަވާލި އާ ޕާލަމެންޓުގައި ނެގުނު އިބްތިދާއީ ވޯޓުގައި، ބޮޑުވަޒީރުކަމަށް ވާދަކުރައްވާ މެދުމިނުގެ ސިޔާސީ ލީޑަރު ގާދީ އައިޒެންކޮޓްގެ ޕާޓީން ހުށަހެޅި މި ބިލު ފާސްވީ 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 50 މެންބަރުންނެވެ. މި ބިލު ޤާނޫނަކަށް ވުމުގެ ކުރިން ޕާލަމެންޓުގެ ކޮމިޓީއަކަށް ފޮނުވައި، އިތުރު ތިން މަރުހަލާއެއް ފުރިހަމަކުރަން ޖެހޭނެއެވެ.

ނަތަންޔާހޫ މީގެ ކުރިން ދެކޮޅު ހެއްދެވީ ފުޅާ ދާއިރާއެއްގައި ތަޙުޤީޤު ކުރުމުގެ ބާރު ލިބިދޭ ދަޢުލަތުގެ މިނިވަން ކޮމިޝަނެއް އުފެއްދުމަށެވެ. އޭގެ ބަދަލުގައި އޭނާ ހުށަހަޅުއްވަމުން ގެންދެވީ ސިޔާސީ ފަރާތްތަކުން މެންބަރުން ކަނޑައަޅާ ގޮތަށް ކޮމިޝަނެއް އެކުލަވާލުމަށެވެ. ނަމަވެސް، އިންތިޚާބުގެ ކެމްޕޭނުގައި އައިޒެންކޮޓް ވަނީ 1،200 އަށްވުރެ ގިނަ މީހުން މަރުވި އެ ހަމަލާއާ ގުޅޭގޮތުން މިނިވަން ކޮމިޝަނެއް އަވަހަށް އެކުލަވާލާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ކްނެސެޓުން ހާމަކުރި ގޮތުގައި، މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ހިމެނޭނީ ފަސް މެންބަރުންނެވެ. އަދި ކޮމިޝަން އުފައްދާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންޓަރިމް ރިޕޯޓެއް ޝާއިޢުކުރަން ޖެހޭނެއެވެ. މި ކޮމިޝަން އެކުލަވާލުމަށް ބަޖެޓުގެ ގޮތުގައި ހަތް މިލިއަން ޝެކަލް (ގާތްގަނޑަކަށް ދެ މިލިއަން އެމެރިކާ ޑޮލަރު) ކަނޑައަޅާފައިވެއެވެ.

ބިލު ހުށަހެޅުއްވި ޔާޝާރު ޕާޓީގެ މެންބަރު އޮރިތު ފަރްކާޝް-ހަކޮހެން ވިދާޅުވީ، މިއީ ހުރިހާ ރައްޔިތުންނަށް ކަންކަން ރަނގަޅުކުރުމަށް ފެށުނު މަރުހަލާއެއް ކަމަށާއި، އެފަދަ ބިރުވެރި ދުވަހެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު މިރީ ރެގެވް ތުހުމަތު ކުރެއްވި ގޮތުގައި މި ބިލުގެ ބޭނުމަކީ ޙަޤީޤަތް ހޯދުމުގެ ބަދަލުގައި އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ފިޔަވަޅު އެޅުމެވެ.

މި ބިލުގެ މަސައްކަތް އަވަސްކުރެވިފައި މިވަނީ، އައިޒެންކޮޓްގެ އަރިސް ބޭފުޅެއް ކަމަށްވާ މަޓާން ކަހާނާ ޕާލަމެންޓުގެ ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން، ބިލުތައް ފާސްކުރުމުގެ އާންމު 45 ދުވަހުގެ މުއްދަތު އުވާލައި އަވަސް މަރުހަލާއެއް ހަމަޖެއްސުމުންނެވެ. އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ލިބިފައި ނުވާއިރު، އައިޒެންކޮޓް ގެންދަވަނީ ސަރުކާރެއް އެކުލަވާލުމުގެ ކުރިން މުހިންމު ބިލުތަކެއް ފާސްކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450