ދުނިޔެ
މުސްލިމުން މަރައި ވަޅުލި ބޮޑު މަހާނައިން ކަށިތަކެއް ފެނި ލަންކާގެ އާއިލާތަކަށް އުއްމީދެއް
ސްރީލަންކާއިން ފެނުނު މާސް ގްރޭވް ކޮނުމުގެ ތެރެއިން. ފޮޓޯ:އަލްޖަޒީރާ
ސްރީލަންކާގައި 1990 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޤަތުލުއާންމުތަކުގައި ގެއްލުވާލައި މަރާލެވުނު މީހުން ވަޅުލާފައިވާ ކަމަށް ބެލެވޭ ބޮޑު މަހާނައަކުން އިންސާނުންގެ ކަށިތަކެއް ފެނުމާ ގުޅިގެން، އެ ހާދިސާގައި މަރުވި މީހުންނަށް އިސްލާމީ އުސޫލުން ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ފުރުސަތު ލިބިދާނެ ކަމުގެ އުއްމީދު އެ އާއިލާތަކަށް އަލުން ލިބެން ފަށައިފިއެވެ. މި ހޯދުމާއެކު، 30 އަހަރަށްވުރެ ގިނަ ދުވަސްވީ ހިތްދަތި ހަނދާންތަކަށް ކޮޅެއް ނުފެނި ތިބި އާއިލާތަކަށް ވަނީ އިންސާފުގެ ބަދަލުގައި ނަމަވެސް އެމީހުންގެ އަޚުންނާއި އުޚުތުންނަށް އިހުތިރާމާއެކު ވަޅުލުމުގެ ފުރުސަތު ލިބުމުގެ އުއްމީދު އާވެފައެވެ.
ކޯޓުގެ އަމުރަކަށް ކުރުއްކަލްމަޑަމް ސަރަހައްދުގައި އާކިއޮލޮޖިކަލް ޓީމަކުން ކުރިއަށްގެންދިޔަ ކޮނުމުގެ މަސައްކަތުން ފެނިފައިވާ ކަށިތަކުގައި ވަޅިންނާއި ތޫނު އެއްޗެހިން ކަނޑާފައިވާ ފަދަ ނިޝާންތައް ހުރި ކަމަށް ޝިކާރައަކަށްވި މީހުންގެ ޢާއިލާތަކުގެ ވަކީލު މުއައްޒަމް މުބާރަކް ވަނީ ވިދާޅުވެފައެވެ. އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާގެ އެސިސްޓެންޓް ޕްރޮފެސަރ ޒަކީ ފައުޒް ވިދާޅުވީ، މިވަގުތު އެންމެ މުހިންމީ އެއީ ކޮން ބައެއްގެ ކަށިތަކެއްތޯ ދެނެގަނެ، ވީގޮތް ތަހުގީގުކޮށް އާއިލާތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިއްޖެނަމަ، އެކަމުގައި ޝާމިލުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އިން ވަނީ އިރުމަތީ އަދި އުތުރު ޕްރޮވިންސްތަކުގައި ދިރިއުޅެމުންދިޔަ މުސްލިމުންނާ ދެކޮޅަށް ސިލްސިލާ ހަމަލާތަކެއް ދީފައެވެ. އެގޮތުން 1990 ވަނަ އަހަރުގެ ޖުލައި މަހު ކުރުއްކަލްމަޑަމް ކައިރިން އެތައް މުސްލިމުންނެއް މަރާލިއިރު، އެ އަހަރުގެ އޮގަސްޓް މަހު ކައްޓަންކުޑީ އަދި އެރާވޫރުގެ ދެ މިސްކިތެއްގައި ނަމާދަށް ތިބި 300 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެއިތުރުން، އެ އަހަރުގެ އޮކްޓޫބަރު މަހު އުތުރު ޕްރޮވިންސުން 75،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް މުސްލިމުން ވަނީ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި މުދަލާއި ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުކޮށް، ގަދަކަމުން ބޭރުކޮށްލާފައެވެ.
ސްރީލަންކާގެ ވެރިކަންކުރާ ނޭޝަނަލް ޕީޕަލްސް ޕަވާ ކޯލިޝަންގެ މެންބަރެއް ކަމަށްވާ ރިޔާޒް ފާރޫޤް ވިދާޅުވި ގޮތުގައި، އެއްވެސް ސިޔާސީ ނުވަތަ ނަސްލީ މަގުސަދަކަށްޓަކައި މައުސޫމް އާންމުން މެރުމާއި ގެދޮރުން ނެރެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެކެވެ. ސަރުކާރުން މި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގައި، ކުރުއްކަލްމަޑަމްގެ ބޮޑު މަހާނައިގެ ހަގީގަތް ހާމަކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2009 ވަނަ އަހަރު އެލްޓީޓީއީ ބަލިކޮށް ހަނގުރާމަ ނިމުމަކަށް ގެނެވުނު ނަމަވެސް، ގެދޮރު ގެއްލުނު ގިނަ މުސްލިމުން އަލުން އާބާދުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް އަދިވެސް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ބޮޑު މަހާނައިން ފެނުނު ހެކިތަކާއެކު، ގެއްލިފައިވާ މީހުންނަށް ވީގޮތް ސާފުވެ، ތާރީޚުގެ މި އަނދިރި ޞަފްޙާއަށް ހަގީގީ އަލިކަމެއް ލިބިގެންދާނެ ކަމަށް ޝިކާރައަކަށްވި އާއިލާތަކުން ދަނީ އިންތިޒާރުކުރަމުންނެވެ.