ކޮލަމް
އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން (ދެވަނަ ބައި)

ދިވެހިރާއްޖެއާއި ސިލޯނު ހިމެނޭ ޤަދީމީ ޗާޓެއް

ފަރުދުން
12 ޖުލައި 2025، 11:17
12 ޖުލައި 2025، 11:17
މަޝްހޫރު މުސްލިމު ދަތުރުވެރިޔާ ކަމުގައިވާ އިބުނު ބަޠޫޠާ، ދިވެހިރާއްޖޭގެ ޤުދުރަތީ ޞިފަ ތަކާ ބެހޭ ގޮތުން ލިޔުއްވާފައިވާ ކަންކަން މިލިޔުމުގެ ފުރަތަމަބައިގައި ވާނީ ބަޔާންކުރެވިފައެވެ. މިބައިގައި އަލިއަޅުވާލާނީ ދިވެހި ފަރުދުންނާއި، އެމީހުންގެ ދީންވެރިކަމާ ބެހޭ ގޮތުން އޭނާ ލިޔުއްވާފައިވާ ކަންކަމުގެ މައްޗަށެވެ. ހެދުންއެޅުމާއި ދިރިއުޅުމުގެ އާދަތަކާއި ކެއިންބުއިމުގެ ބައިތައް ހިމަނާލާނީ އިރާދަކުރެއްވިއްޔާ އެހެން އަރޓިކަލްއެއްގައެވެ.
ދިވެހިންގެ ހަށިގަނޑު
އިބުނު ބަޠޫޠާ ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިންނަކީ ހަށިގަނޑުގެ ގޮތުން ނުހަނު ބަލިކަށި ޟަޢީފު ބައެކެވެ. ހަނގުރާމައިގެ އެއްވެސް ތަޖުރިބާއެއް ނެތެވެ. އެއިން މީހަކު ފެނިއްޖެ ނަމަ، ދެރަވެގެން ގޮސް ޝަހާދަތް ކިޔާލެވޭ ކަމަށް އޭނާ ވަނީ ޞިފަކުރައްވާފައެވެ. ނަމަވެސް، ދިވެހިންގެ ޖިސްމާނީ ބަލިކަށިކަމާ އެކުގައި ވެސް، ޙައިރާންވާ ފަދަ އެތައް ކަމެއް ދިވެހިންގެ ފުށުން އޭނާ އަށް ވަނީ ފެނިފައެވެ. މިގޮތުން، ދިވެހިން ކިތަންމެ ބަލިކަށި ނަމަވެސް، އިންޑިޔާގެ މަގުފޭރޭ މީހުން ދިވެހިންނަށް އެއްގޮތަކަށް ވެސް އުނދަގޫ ނުކުރާ ކަމަށް އިބުނު ބަޠޫޠާ ވަނީ ލިޔުއްވާފައެވެ. ސަބަބަކީ، ދިވެހިންގެ ކިބައިން މުދާ ފޭރޭ މީހުންނަށް އަވަސް މުޞީބާތްތައް ކުރިމަތިވާ ވާހަކަ އިންޑިޔާގައި އެއިރު ވަނީ މަޝްހޫރުވެފައެވެ.
ދިވެހިންގެ ދީންވެރިކަން
އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ފަދައިން، ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމު ރައްޔިތުން ދިރިއުޅޭ ޖަޒީރާތަކެކެވެ. ޢާއްމު ގޮތެއްގައި ދިވެހިންނަކީ ދީންވެރި، ޞާލިޙު، ދުޢާ އިޖާބަވެވިގެންވާ ބައެއް ކަމުގައި އޭނާ ވަނީ ޞިފަކުރައްވާފައެވެ. އެހެނީ، އޭނާ ރާއްޖެއްށަ ޒިޔާރަތްކުރެއްވީ ރާއްޖެ އިސްލާމްވުމުގެ 190 އަހަރު ފަހުންނެވެ. މަޝްހޫރުވެގެންވާ ގޮތުގައި، ދިވެހިރާއްޖެ އިސްލާމްވީ މީލާދީން 1153 ވަނަ އަހަރުގައެވެ. އިބުނު ބަޠޫޠާ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރެއްވީ ރެހެންދި ޚަދީޖާގެ ރަނިކަމުގައި، 1343 ވަނަ އަހަރުގައެވެ.
ދިވެހިރާއްޖެ ފަދަ (ދުނިޔޭގެ ބާކީ ޤައުމުތަކާ ނިސްބަތުން އެކަހެރި) ޤައުމެއް، ސައްތަ އިން ސައްތަ މުސްލިމު ދައުލަތަކަށް ވުން ވެގެން ދިޔައީ އިބުނު ބަޠޫޠާ އަށް ޙައިރާންކަން ގެނުވި ކަމަކަށެވެ. އޭރު ރާއްޖޭގައި ތިބި ޔަމަނުކަރައިގެ ޢަރަބި ދަންނަބޭކަލުން ހިމެނޭހެން، ގިނަގުނަ ބައެއްގެ ކިބައިން ރާއްޖެ އިސްލާމުވީ ގޮތުގެ ވާހަކަ އިބުނު ބަޠޫޠާ އަޑުއެއްސެވިއެވެ. އާދެ، މިއީ މަޝްހޫރު ރަންނަމާރީގެ ވާހަކައެވެ.
ރަންނަމާރި ވާހަކަ އިބުނު ބަޠޫޠާ ލިޔުއްވާފައިވަނީ އަޅުގަނޑުމެން އެވާހަކަ މިހާރު ވެސް ދަންނަ ފަދަ ގޮތަކަށެވެ. އެއީ، ކޮންމެ މަހަކު ކަނޑުން ފުރޭތައެއް އެރުމާއި، އެފުރޭތަ މައިތިރި ކުރަން ބިކުރުވެރި އަންހެން ކުއްޖަކު ހަދިޔާ ކުރަން ޖެހޭ ވާހަކައެވެ. މިކުއްޖާ އިޚުތިޔާރު ކުރުމަށް ކޮންމެ މަހަކު ވެސް ޤުރުޢަތު ލެވެއެވެ. އެހެން ނަމަވެސް، ސީދާ "ރަންނަމާރި" މިނަން އިބުނު ބަޠޫޠާ ލިޔުއްވާފައެއް ނުވެއެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، ރަންނަމާރި އެންމެ ވައްތަރީ ބައްތިތަކެއް ދިއްލައިފާހުރި ނަވަކާއެވެ.
ކޮންމެއަކަސް، އިސްވެ ދެންނެވުނު ގޮތުގެ މަތީގައި ކޮންމެ މަހަކު ކަން ހިނގަމުން ދަނިކޮށް، މަޣުރިބުކަރައިގެ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ އަށް މިކަމުގެ ޚަބަރު އެނގިވަޑައިގެން، އެފުރޭތައާ ކުރިމަތިލައްވަން އެއްބަސްވެވަޑައިގެންފިއެވެ. އަންހެން ކުއްޖާގެ ބަދަލުގައި، "ބުދުޚާނާ" (މިބަހީ: ބުދުފައްޅި) ގައި މިކަލޭގެފާނު އިންނެވުމަށް ހަމަޖެހުނެވެ. މާލޭގެ ގޮނޑުދޮށުގައި ހުރި އެ ބުދުފައްޅީގައި، ކަނޑު ފެންނަ ކުޑަކުޑަ ކިޑިކީ އެއް ހުއްޓެވެ. އިބުނު ބަޠޫޠާ ލިޔުއްވި ގޮތުގައި، ޔޫސުފުލް ބަރުބަރީ އަކީ ތުނބުޅިއެއް މަތިމަހެއް ނެތް ބޭކަލެކެވެ. މިހެންކަމުން، ދުރުން ފެންނަ ފެނުމުން، މިއީ އަންހެން ކުއްޖެއް ނޫން ކަމެއް ރަންނަމާރިއަކަށް ނޭނގޭނެއެވެ.
ދެން މިރޭ މިކަލޭގެފާނު މިބުދުޚާނައިގައި ޥުޟޫ މަތީގައި ޤުރުއާން ކިޔަވާވިދާޅުވާން ފަތިސް ވަންދެން އިންނެވިއެވެ. ރަންނަމާރި އަރައިގެން އައި އިރު، ރަންނަމާރިއަށް މީނާ އާ ކައިރިވެވޭ ގޮތެއް ނުވިއެވެ. ވަކި ޙިސާބަކަށް އަރައި، އަނބުރާލާފައި ކަނޑުތެރެއަށް ފައިބައިގެން ހިނގައްޖެއެވެ. އިރު އަރައި އަލިވުމުން، އެމީހުންގެ ޢާދައިގެ މަތިން، ބުދުޚާނައިގައި މަރުވެފައި އޮންނަ އަންހެން ކުއްޖާ އަންދާލުމަށް މާލޭ ރައްޔިތުން އަތުވެއްޖެއެވެ. އެހިނދު މިކަލޭގެފާނު މިއިންނެވީ ޤުރުއާން ކިޔަވާ ވިދާޅުވާށެވެ. ދެން މީނާ ރަސްގެފާނު އަރިޔަހަށް ގެންދެވި، މީނާގެ އަތްޕުޅު މަތީގައި މާލޭގެ ރައްޔިތުން އިސްލާމު ވެއްޖެއެވެ. ބުދުތައް ތަޅާލައި، ރާއްޖެތެރޭ ރަށްތަކަށް އިސްލާމުދީނުގެ ރިސާލަތައިގެން ފޮނުވުނެވެ. އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި، އިސްލާމުވީ ރަސްކަލަކީ ޝަނޫރާޒާއެވެ. މާލޭ ހުކުރު މުސްކިތް ބިނާ ކުރެއްވީ މި ޝަނޫރާޒާ ރަސްގެފާނެވެ. އެއިރު ހުކުރު މިސްކިތުގައި ހުރި ފިލައެއްގައި ލިޔެވިފައި ހުރިކަމަށް އިބުނު ބަޠޫޠާ ނަޤުލުކުރެއްވިއެވެ: "މަޣުރިބުކަރައިގެ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ އަތްޕުޅުމައްޗަށް، އައްސުލްޠާން އަޙުމަދު ޝަނޫރާޒާ އިސްލާމުވެވަޑައިގެންފިއެވެ."
(ޔޫސުފުލް ބަރުބަރީގެ މިވާހަކައަކީ ދިވެހިންގެ ތުންތުންމަތިން މަޝްހޫރުވެފައިވާ ވާހަކައަކަށް ވީ ނަމަވެސް، މީނާގެ ނަމުގެ ޞައްޙަކަމާ މެދު ބައެއް މީހުން ޝައްކުކުރެއެވެ. މިބައިމީހުން ބުނާ ގޮތުގައި، ރާއްޖެ އިސްލާމްވީ އީރާނުގެ ތަބުރީޒުކަރައިގެ ބޭކަލެއްގެ އަތްޕުޅު މައްޗަށެވެ. މިއީ އަލްޤާޟީ ޙަސަން ތާޖުއްދީން ގެ ވެސް ރައުޔުފުޅެވެ. އިބުނު ބަޠޫޠާ ދޮގުފުޅު ހެއްދެވީ، އެކަލޭގެފާނަކީ މަޣުރިބުކަރައިގެ ބޭކަލަކަށް ވާތީ، މަޣުރިބީންނަށް ރީތި ނަން ހޯއްދަވައިދެއްވުމުގެ ނިޔަތުގައި ކަމަށް މިއިން ބައެއް މީހުން ބުނެއުޅެއެވެ. އަނެއްބައިމީހުން ބުނަނީ، އިބުނު ބަޠޫޠާ އަށް އޮޅުމަކުން މީނާގެ ނަން ނުބައިކޮށް ލިޔެލެއްވުނީ ކަމުގައެވެ. މިކަލޭގެފާނު މިއީ ސިލޯނުގެ "ބެރުވަލަ" އަށް ނިސްބަތްވާ ބޭފުޅެއްކަމަށް ވެސް ކިޔާ މީހުން އުޅެއެވެ. އަނެއް ބައި މީހުން ބުނަނީ މީނާ ނިސްބަތްވަނީ ސޮމާލިޔާ އަށް ކަމަށެވެ. ނަމަވެސް، މިކަން ތަޙުޤީޤު ކުރުމަކީ މިލިޔުމުގެ ދާއިރާއިން ބޭރުގައިވާ ކަމެކެވެ.)
ޢަޖައިބުކުރަނިވި ގޮތުގައި، އިބުނު ބަޠޫޠާ ގެ ޒަމާނުގައި ވެސް ރަންނަމާރި އަރާ ކަމަށް އޭނާ ވަނީ ލިޔުއްވައިފައެވެ. ދިވެހި ކުޑަކުދިން ރަންނަމާރި ފެނުމުން ޚަތިމުތަށް ބޯމަތީގައި އުފުލައި، އަންހެންވެރިން ތިބެނީ ބިރުން ލޯގަނޑުތަކަށް އެރިގެން ކަމަށް އިބުނު ބަޠޫޠާ ލިޔުއްވިއެވެ. މިފަދައިން ކަންކުރަނިކޮށް، ކަންޑުތެރެއިން ރަންނަމާރި އަރައިގެން އަންނަތަން އިބުނު ބަޠޫޠާ އަށް ވެސް ފެނުނު ކަމަށް އޭނާ ވަނީ ދަޢުވާ ކުރައްވާފައެވެ. މިކަމާމެދު އެމީހުނާ އިބުނު ބަޠޫޠާ ސުވާލު ކުރެއްވުމުން، މިއީ ރަންނަމާރި ފައްސާލަން ކުރާ ކަމެއް ކަމަށާއި، މިފަދައިން ކަންކުރުމުން ގޯނާއެއް ނުކޮށް އެފުރޭތަ އެނބުރިދާ ކަމަށް އެމީހުން ބުންޏެވެ.
ދިވެހިންގެ އިންސާނިއްޔަތާއި ހަމުދަރުދީ
އެއިރުގެ ދިވެހިންނަކީ، މިހާރުގެ ގިނަ ދިވެހިންނާ ޚިލާފަށް، ނުހަނު މަޑުމައިތިރި އޯގާތެރި ބައެކެވެ. މިގޮތުން، އިބުނު ބަޠޫޠާ ދިވެހިރާއްޖޭގައި އަދާކުރެއްވި ފަނޑިޔާރުކަމުގެ ދައުރުގައި، ވައްކަމުގެ ކުށް ޘާބިތުވި މީހެއްގެ އަތް ބުރިކުރުމުން، އެތަނުގައި ތިބި ގިނަ ދިވެހިންތަކެއް ހޭ ނެތުނު ވާހަކަ އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިހިސާބުން މިލިޔުމުގައި އިބުނު ބަޠޫޠާގެ އަރިހުން ނަޤުލުކުރަން އަޅުގަނޑު ޤަޞްދުކުރި ވާހަކަތައް ނިމުނީއެވެ. ކުރިއަށް ހުރި ވާހަކަ ތަކުގެ ދިގު ކަމާއި ގިނަ ކަމުގެ ސަބަބުން، އިތުރު ބައިތަކަކަށް ބަހާލުމަށް މަޖުބޫރުވެފައިވާތީއެވެ. ލިޔުމުގެ ތިންވަނަ ބަޔަކަށް ވަޢުދު ކުރާ ޙާލު، މިލިޔުން އަޅުގަނޑު ކުރުކޮށްލައިފީމެވެ.