ދީން
"އެމީހުން އަހުރެންނާ އެޖަދަލުކުރަނީ އަހުރެން 400 ފަހަރު ކިޔާފައިވާ ފޮތަކާމެދު"

އިމާމުލް ޣަޒާލީ ލިޔުއްވި "އަލް ވަސީޠު"

ފަރުދުން
12 ޖުލައި 2025، 03:52
12 ޖުލައި 2025، 03:52
"އެމީހުން އަހުރެންނާ އެޖަދަލުކުރަނީ އަހުރެން 400 ފަހަރު ކިޔާފައިވާ ފޮތަކާމެދުގައެވެ."
މިއީ ޢާދައިގެ އިންސާނަކު ބުނި ބުނުމެއް ނޫނެވެ. އެހެނެއް ކަމަކު މިއީ ﷲ ރަޙުމަތް ލެއްވި މަޝްހޫރު ޢިލްމުވެރިޔާ އިމާމުއް ނަވަވީ ވިދާޅުވި ބަސްފުޅެކެވެ.
އިމާމުއް ނަވަވީ އަކީ އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި ޒުހުދުވެރިކަމަށް އިތުރު ތަޢާރަފެއް ދޭންޖެހޭ ބޭކަލެއް ނޫނެވެ. ޝާފިޢީ މަޛުހަބުގެ ފިޤުހު ތަޙުޤީޤު ކުރެއްވުމުގެ ބުރަ މަސައްކަތުގެ ބޮޑު ބައެއް އަދާ ކުރެއްވީ ވެސް މިކަލޭގެފާނެވެ. މިގޮތުން، މިކަލޭގެފާނު މަޛުހަބުގެ ފިޤުހު ތަޙުޤީޤު ކުރެއްވުމަށް ތައްޔާރުވެވަޑައިގެންނެވުމުގެ ގޮތުން، ކީރިތި ޤުރްއާނާއި ޙަދީޘް ތަކުގެ އިތުރުން، ޝާފިޢީ މަޛުހަބުގެ މަޝްހޫރު މުޚުތަޞަރެއް ކަމުގައިވާ އިމާމުއް ޝީރާޒީ ލިޔުއްވި "އައްތަންބީހު" މިފޮތް 4.5 މަސްދުވަސް ތެރޭގައި ހިތުދަސްކުރެއްވިއެވެ.

އިމާމުއް ޝީރާޒީ ލިޔުއްވި "އައްތަންބީހު". މިފޮތް އެއްކޮށް 4.5 މަސްދުވަސް ތެރޭގައި އިމާމުއް ނަވަވީ ހިތުދަސްކުރެއްވި.
އަދި އިމާމުއް ޝީރާޒީ ލިޔުއްވި އެހެން ފޮތެއްކަމުގައިވާ "އަލްމުހައްޛަބު" ގެ 4 ބައި ކުޅަ 1 ބައި، އެއަހަރުގެ ބާކީ އޮތް ދުވަސް ތަކުގައި (7.5 މަސްދުވަހުގެ މުއްދަތެއްގައި) ހިތުދަސް ކުރެއްވިއެވެ.

އިމާމުއް ޝީރާޒީ ލިޔުއްވި "އަލްމުހައްޛަބު". މިފޮތުގެ 4 ބައި ކުޅަ އެއްބައި 7.5 މަސްދުވަސް ތެރޭގައި އިމާމުއް ނަވަވީ ހިތުދަސްކުރެއްވި.
ނަމަވެސް، ހިތުދަސް ކުރެއްވި ފޮތްތަކުގެ އިތުރުން، އެކަލޭގެފާނު އެންމެ ގިނައިން މުޠާލިޢާ ކުރެއްވި ފޮތަކީ "ޙުއްޖަތުލް އިސްލާމް"ގެ ލަޤަބު ލިބިވަޑައިގެންނެވި އިމާމުލް ޣަޒާލީ ލިޔުއްވާފައިވާ "އަލް ވަސީޠު" މިފޮތެވެ. މިފޮތަކީ 9 ވޮލިޔުމްގެ މައްޗަށް އެކުލެވިގެންވާ، ތަރުތީބުކުރެވިފައި ލެއް މޮޅު، މުހިންމު ފިޤުހީ ފޮތެކެވެ.

އިމާމުއް ޝީރާޒީ ލިޔުއްވި "އައްތަންބީހު". މިފޮތް އެއްކޮށް 4.5 މަސްދުވަސް ތެރޭގައި އިމާމުއް ނަވަވީ ހިތުދަސްކުރެއްވި.
އިމާމުއް ސަޚާވީ އެކުލަވާލެއްވި އިމާމުއް ނަވަވީގެ ބަޔޮގްރަފީ ފޮތުގެ ޞަފުޙާ 115ގައި ލިޔުއްވާފައިވެއެވެ. އެއްދުވަހަކު، ބަޔަކާ ދެކެވުނު ވާހަކައެއްގައި، އިސްވެދެންނެވުނު "އަލް ވަސީޠު" މިފޮތުގައިވާ ނުކުތާއެއް އިމާމުއް ނަވަވީ ނަޤުލުކުރެއްވިއެވެ. ދެން، އެތަނުގައި ހުރި މީހަކު، އިމާމުއް ނަވަވީ ނަޤުލު ކުރެއްވީ ނުބަިކޮށް ކަމަށް ބުނެ، އެކަލޭގެފާނާ ޖަދަލުކުރެއްވިއެވެ. އެހިނދު އެކަލޭގެފާނު ދެންނެވިއެވެ: "އެއުރެން "އަލް ވަސީޠު" އާ މެދު އަހުރެންނާ ޖަދަދަލުކުރެއެވެ. ނަމަވެސް އަހުރެން އެފޮތް 400 ފަހަރު ކިޔައިފީމުއެވެ."
9 ވޮލިޔުމްގެ މިފޮތް 400 ފަހަރު ކިޔުމަކީ 3600 ވޮލިޔުމް ކިޔުމާ އެއްފަދަ ކަމެއްކަން ފާހަގަކޮށްލަމެވެ.
އެހެނީ، 9 ގުނަ 400 އެއީ 3600 އެވެ.